ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލުމުން އެ ނިންމުން އަލުން މުރާޖާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އެ ކޯޓުގައި އެދެފި އެވެ.
ޕީޖީ އޮފީހުން އެ މައްސަލަ ހުށަހެޅީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށެވެ. ސަބަބަކީ ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފި ނަމަ މަސްލަހަތު ފުށުއަރާނެތީ އެވެ.
ނަޝީދުގެ އިތުރުން އެ މައްސަލާގައި ދައުވާކުރަނީ އެމަނިކުފާނުގެ ޑިފެންސް މިނިސްޓްރު ތޮލްހަތު އިބްރާހިމް ކަލޭގެފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ.
އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ''ކުށް ނުކުރާ މީހަކު ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ'' ކުށުގެ ދައުވާ އެވެ.
ހުޅުމާލޭ ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް މިހާތަނަށް ނުފެންނާތީ ކަމަށް ބުނެ އެ ކޯޓުން ވަނީ އެ މައްސަލަތައް އަނބުރާ ފޮނުވާލާފަ އެވެ.
ޕީޖީ އޮފީހުގެ ބަޔާނެއްގައި ބުނެފައިވަނީ ކޯޓުތަކުގެ ގާނޫނާއި ގާނޫނު އަސާސީއާ ހަވަލާދީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ހުޅުމާލޭ ކޯޓަށް ލިބިގެންވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެއީ ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭ ގޮތުން މާލެ އަކީ ވަކި ޖުޑީޝަލް ދާއިރާއެއް ކަމަށް ކަނޑައަޅާފައިވުމުން ހުޅުމާލޭ ކޯޓަކީ މާލޭ ޖުޑީޝަލް ދާއިރާގެ ކޯޓެއް ކަމަށް ދެކޭތީ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޕީޖީން ބުނިގޮތުގައި ކޯޓުތަކުގެ ގާނޫނަށް ބަލާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭނެ މައްސަލަތަކުގެ ތެރޭގައި ''ކުށެއް ނުކުރާ މީހަކު ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ'' މައްސަލަ ނުހިމެނެ އެވެ. އެހެންކަމުން ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ބެލޭނެ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
ޕީޖީގެ ބަޔާނުގައިވާ ގޮތުން މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ދާއިމީ އެޑްރެސްތައް ހިމެނެނީ ހުޅުމާލެ ހިމެނޭ ޖުޑީޝަލް ދާއިރާގައި ކަމަށް ވުމުން ވެސް އެ މައްސަލަ ބެލުމުގެ ސަރަހައްދީ އިހްތިސާސް ހުޅުމާލޭ ކޯޓަށް ލިބިގެންވެ އެވެ.
އެހެންކަމުން އެ މައްސަލަތައް ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާ ކަމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށްދިނުމަށް ޕީޖީން މިއަދު ވަނީ އެކޯޓުގައި އެދިފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރުމާ އެކު އޭނާ ބަންދުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމުން ވެސް ދޫކޮށްލާފައެއް ނުވެ އެވެ. އަބްދުﷲ ގާޒީ ސަލާމަތްވީ 22 ރޭ ވަންދެން ބަންދުގައި ހުރި ފަހުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފެބްރުއަރީ 7 ވަނަ ދުވަހު އެވެ.

ފޮޓޯ އިން ހަބަރު
17 comments