ރާއްޖެ ޓީވީ

"ރާއްޖެ ޓީވީ" ން މާފަށް އެދިއްޖެ

އަހުމަދު ހަމްދޫން
24 ޖުލައި 2012 17:37 51 ކޮމެންޓު
  • "ރާއްޖެ ޓީވީ" ން ހަބަރު ކިޔަނީ: ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި ގޮތަށް އެ ޗެނަލުން މިއަދު ވަނީ މާފަށް އެދިފައި --ހަވީރު ފައިލް ފޮޓޯ

ޕާކްކޮށްފައި ހުރި ސައިކަލަކުން ފުލުހުން ޕެޓްރޯލް ވަގަށް ނެގި ކަމަށް ބުނެ "ރާއްޖެ ޓީވީ" އިން ފެތުރި ދޮގު ޚަބަރާ ގުޅިގެން އެ ޗެނަލުން މިއަދު މާފަށް އެދިއްޖެ އެވެ.

"ރާއްޖެ ޓީވީ" ން މާފަށް މި އެދުނީ އެކަން އެގޮތަށް ކުރުމަށް އަންގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ފޮނުވި ސިޓީއާ ގުޅިގެންނެވެ.

އެ ޗެނަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާފަށް އެދުނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ އެންގުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި މާފަށް އެދުމަށް ކޮމިޝަނުން އެންގީ އަދަބު ދިނުމުގެ ރޫހެއްގައި ކަމަށް ދެކޭ ކަމަށް ވެސް "ރާއްޖެ ޓީވީ" ން ބުންޏެވެ.

"ރާއްޖެ ޓީވީ" ން ބުނީ އެމްޑީޕީގެ މުޒާހަރާގައި ހުންނަވަނިކޮށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހި މަންޒަރު ސާފުކޮށް ފެންނަ ވީޑިއޯ އެ ޗެނަލުން އާންމުކޮށްފައި ވަނިކޮށް ވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ފުލުހުން ބުނާ ބަހުގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަމަށް ވެސް "ރާއްޖެ ޓީވީ" ގެ ބަޔާނުގައިވެ އެވެ.

"...ފުލުހުންތަކެއް ސައިކަލަކުން ވަގަށް ޕެޓްރޯލް ނެގި ކަމަށް ބުނެ މި ސްޓޭޝަނުން ފޮނުވާފައި ވަނީ، ހަގީގަތާ ހިލާފު ހަބަރެއް ކަމަށް ނިންމާފައި ވަނީ ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް ތަހުގީގު ކުރެއްވުމެއް ނެތި، ފުލުހުން އެއީ ދޮގެއް ކަމަށް ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ކަމަށް ބެލެވޭތީ، މި ކަމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން އަމަލު ކުރައްވާފައި ވަނީ، މި ސްޓޭޝަނަށް އަދަބު ދިނުމުގެ ރޫހެއްގައި ކަމަށް މި ސްޓޭޝަނުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

"އެ ހަބަރާ ގުޅިގެން ފުލުހުންގެ ބަހެއް ގެނެސްދީފައިވާކަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފާހަގަކޮށްފައި ނުވާތީ އާއި މި ސްޓޭޝަނުން ގެނެސްދިން އެ ހަބަރަކީ، ކަން ހިނގި ގޮތް ސާބިތު ކުރެވޭ ފަދަ، އެކަން ހިނގި ކަމުގެ މުއުތަބަރުކަން ޔަގީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް ގެނެސްދެވިފައިވާ ހަބަރެއް ނޫން ކަމަށް ނިންމުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ ވަކި ފަރާތެއްގެ މަސްލަހަތަށް ބައްލަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް މި ސްޓޭޝަނުން ދެކެމެވެ."

ބްރޯޑްކާސްޓިން ކޮމިޝަނުން "ރާއްޖެ ޓީވީ" އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ
ސައިކަލަކުން ފުލުހުން ޕެޓްރޯލް ނެގި ކަމަށް ބުނެ "ރާއްޖެ ޓީވީ" އިން ފެތުރި ހަބަރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޮގުކޮށް އަދި ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ހާމަކުރުމުން ވެސް އެކަން އިސްލާހުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

"ވީމާ ފުލުހުންތަކެއް ސައިކަލަކުން ވަގަށް ޕެޓްރޯލް ނެގި ކަމަށް ބުނެ 22 ޖުލައި 2012 ވަނަ ދުވަހުގެ ރޭ ހަބަރު ގަޑިތަކުގައި ރާއްޖެ ޓީވީން ހަގީގަތާ ހިލާފު ހަބަރު ގެނެސްދީފައިވާތީ، ތިޔަ ސްޓޭޝަނުން އެކަމަށް މާފަށް އެދި ބަޔާނެއް، 24 ޖުލައި 2012 އިން ފެށިގެން ތިން ރޭ ވަންދެން، ރޭގަނޑުގެ ކޮންމެ ހަބަރެއްގައި، ތިޔަ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރުމަށް އަންގަމެވެ. އަދި އެ ބަޔާން ބްރޯޑްކާސްޓް ކުރެއްވުމަށް ފަހު، ބްރޯޑްކާސްޓް ކުރެއްވި ގަޑިތައް މި ކޮމިޝަނަށް ލިޔުމުން އެންގެވުން އެދެމެވެ،" ކޮމިޝަންގެ ސިޓީގައިވެ އެވެ.

51 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait