ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ފެބްރުއަރީ 7 ގައި ލިބިފައިވާ ބައެއް އެސްއެމްއެސްތައް ފޭސްބުކާއި ޓުވިޓާގައި ލީކުވެފައި ވަނީ ފުލުސް އޮފީހުން ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ އެސްއެމްއެސް ލީކުވި މައްސަލައާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުންގެ ނިއުސް ކޮންފަރެންސެއްގައި ކޮމިޝަނަރު ވިދާޅުވީ އެސްއެމްއެސްތައް ލީކުކޮށްލި މައްސަލަ ފުލުސް އޮފީހަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެސްއެމްއެސްތައް ލީކުވި ހަބަރު މީޑިއާ އިން ލިބުމާ ގުޅިގެން ފުލުހުން އޮޑިޓެއްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އޮޑިޓުން، ފުލުހުންގެ މުއައްސަސާ އިން އެއްވެސް އެއްޗެއް ލީކުނުވާކަން އެނގޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ފުލުހުންގެ މުއައްސަސާ އިން އެއްވެސް އެއްޗެއް ލީކުނުވާކަން ކޮންފޯމްކުރެވޭ،" ރިޔާޒު ވިދާޅުވި އެވެ.
ޓުވިޓާ އާއި ފޭސްބުކުގައި ލީކުކޮށްލި 57 އެސްއެމްއެސްގެ ތެރޭގައި ގިނައީ ފެބްރުއަރީ 7 ގައި ނާޒިމް ކުރެއްވި މަސައްކަތަށް މަރުހަބާ ކިޔާފައިވާ މެސެޖްތަކެވެ. އެސްއެމްއެސްތަކާ ބެހޭ ގޮތުން ސުވާލުކުރުމުން ނާޒިމް ވިދާޅުވެފައި ވަނީ އެކަން އޭނާގެ ގާނޫނީ ޓީމުން ދިރާސާކުރަމުން ގެންދާ ކަމަށާއި އެކަމާ މެދު އެއްޗެއް ވިދާޅުވާނީ އެއަށް ފަހު ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
14 comments