ޚަބަރު

އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން ރޭ ހިނގާލުމެއް ބާއްވައިފި

އަހުމަދު ރިޝާން
25 ޖުލައި 2012 12:06 2 ކޮމެންޓު
  • އެމްޑީޕީން ރޭގެ ބޭއްވި ހިނގާލުމުގައި ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި އެމްޑީޕީގެ ޗެއާޕާސަންގެ ރީކޯ މޫސާ މަނިކުގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުން -- ހަވީރު ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން، އަވަސް އިންތިހާބަކަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.

އުސް ފަސްގަނޑާ ދިމާލުން ރޭ 00: 11 ފެށި މި ހިނގާލުމުގައި ރައީސް މުހަންމަދު ވަހީދާއި ސަރުކާރުގެ ބައެއް އިސް ވެރިންގެ އިސްތިއުފާ އަށް ގޮވި އެވެ. އަދި އަވަސް އިންތިހާބަކަށް ގޮވާލަމުން އަޑުއުފުލި އެވެ. މި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ނަމަވެސް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަށް ހިނގާލުމުގެ ބައިވެރިން ނުދެ އެވެ. އަދި ރޭގެ ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.

މި ހިނގާލުމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި އެމްޑީޕީގެ ޗެއާޕާސަންގެ ރީކޯ މޫސާ މަނިކުގެ އިތުރުން ނަޝީދުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހިނގާލުން ކުރިޔަށް ގެންދިއުމަށް ފަހު ނިންމާލީ 30: 12 އެހާއިރު އުސް ފަސްގަނޑަށެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ސީދާ ކުއްލި ހަރަކާތުގެ" މުޒާހަރާ ކުރިޔަށް ގެންދާތާ މިހާރު 15 ރޭ ވަނީ ވެފަ އެވެ. ރޭ ފިޔަވާ ކޮންމެ ރެއަކު ވެސް މުޒާހަރާ ކުރިޔަށް ގެންގޮސްފައި ވަނީ ޗާނދަނީމަގުގަ އާއި ޖޫމްހޫރީ މައިދާނަށް ވަދެވެން ހުންނަ މަގުތަކާއި ގޯޅިތަކުގަ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait