ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު މިހާރުގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމަށް އެކި ފަރާތްތަކުން ފޮނުވާފައިވާ އެސްއެމްއެސްތަކެއް ލީކްކޮށްލި މައްސަލަ އެމްއެންޑީއެފް އިން ވެސް ބަލައިދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ނާޒިމް ރޭ "ހަވީރު" އަށް ވިދާޅުވީ އެ އެސްއެމްއެސްތަކަކީ ސައްހަ އެސްއެމްއެސްތަކެއް ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުވާން އެނގޭނީ ތަހުގީގަށް ފަހު ކަމަށެވެ. އެ މެސެޖްތައް ލީކްވެފައި ވަނީ ކިހިނެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އެސްއެމްސްތަކަކީ ނާޒިމަށް ލިބިފައިވާ މެސެޖްތަކެއްކަން އޭނާ ކަށަވަރުކޮށް ނުދެއްވި ނަމަވެސް، ލީކްވެފައިވާ ބައެއް އެސްއެމްއެސްތަކަކީ ސައްހަ މެސެޖްތަކެއް ކަމަށް އެ މެސެޖް ފޮނުވި ބައެއް ބޭފުޅުން ހަވީރަށް ވިދާޅުވެފައިވެ އެވެ.
އެސްއެމްއެސްތައް ލީކްކޮށްލި މައްސަލަ ބަލައިދިނުމަށް ނާޒިމް ވަނީ ޕޮލިހަށް ވެސް ހުށަހަޅުއްވައިފަ އެވެ. އަދި ރާއްޖެ ޓީވީ އިން އެ މެސެޖްތައް ފޮނުވި މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ.
ލީކުކޮށްލި އެސްއެމްއެސްގެ ތެރޭގައި ގިނައިން ހުރީ ފެބްރުއަރީ 7 ގައި ނާޒިމް ކުރެއްވި މަސައްކަތަށް މަރުހަބާ ކިޔާފައިވާ މެސެޖުތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ސިފައިންގެ ތެރޭގައި ކުރިން އުޅުއްވި ބައެއް އިސް ބޭފުޅުންނާއި މިހާރު ވެސް ސިފައިންގެ ތެރޭގައި އުޅުއްވާ ބޭފުޅުންގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކާއި މަޝްހޫރު ވިޔަފާރިވެރިންގެ އެސްއެމްއެސްތައް ވެސް އެ ދުވަހު ނާޒިމަށް ލިބިފައިވެ އެވެ.
އެސްއެމްއެސްތަކެއް ލީކްކޮށްލި މައްސަލައާ ގުޅޭ ގޮތުން، ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އިއްޔެ ވިދާޅުވީ އެ އެސްއެމްއެސްތައް ލީކްކުރީ ފުލުހުންގެ އިދާރާގެ ތެރެއިން ނޫން ކަމަށެވެ. އަދި އެކަން ކަށަވަރުވީ އެސްއެމްއެސްތައް ލީކުވި ހަބަރު މީޑިއާ އިން ލިބުމާ ގުޅިގެން ފުލުހުން ކުރި އޮޑިޓަކުން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާ
14 comments