މުހައްމަދު ހުސައިންގެ މަރު

މުހައްމަދު ހުސައިން މަރާލި މައްސަލާގައި އުފުލި ޓެރަރިޒަމްގެ ދައުވާ އެއްވެސް ކުއްޖެއްގެ މައްޗަށް ސާބިތެއް ނުވި

މުއިއްޒު އިބްރާހިމް
25 ޖުލައި 2012 13:35 13 ކޮމެންޓު
  • ޖުވެނައިލް ކޯޓު: މުހައްމަދު ހުސައިންގެ މަރުވި ހާދިސާއާ ގުޅިގެން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ--ހަވީރު ފައިލް ފޮޓޯ

މާޒިޔާ ދަނޑު ކައިރީގައި ހިންގި މާރާމާރީއެއްގައި މުހައްމަދު ހުސައިން މަރާލި މައްސަލާގައި ހަ ކުއްޖެއްގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އެއިން އެއްވެސް ކުއްޖެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާޒިޔާ ދަނޑު ކައިރީގައި އެ މާރާމާރީ ހިންގާފައިވަނީ ޖުލައި ،30 2010ގަ އެވެ. އެ މާރާމާރީގައި މ. ބިއުޓީފްލާވާ އުމުރުން 17 އަހަރުގެ މުހައްމަދު ހުސައިން މަރުވުމުގެ އިތުރުން ބަޔަކު ޒަހަމްވެފައިވެ އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މި މައްސަލާގައި ދައުވާ ލިބޭ ހަ ކުދިން ވެސް ދައުވާއަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދައުވާ ސާބިތުކުރަން ދައުލަތުން ހެކި ހުށަހަޅަން ފުރުސަތު ދިނުމުން ހެކިންގެ ގޮތުގައި ހަ މީހަކާއި އަނިޔާ ލިބުނު މީހެއްގެ މެޑިކޯ ލީގަލް ރިޕޯޓް ދައުލަތުން ޝަރީއަތަށް ހުށަހެޅި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ހެކިންގެ ހެކިބަހަށް ބަލާއިރު އެ މައްސަލާގައި ދައުވާލިބޭ އެއްވެސް ކުއްޖަކު އެ ދުވަހު އެތަނުން ފެނިފައިނުވާ ކަމަށް ތިން މީހަކު ސިއްރުން ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އަނެއް ތިން ހެކިން ޝަރީއަތަށް ހެކިބަސްދޭން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މެޑިކޯ ލީގަލް ރިޕޯޓުގައި މީހަކަށް އަނިޔާވެފައިވާ ކަމަށް އެނގެން އޮތް ނަމަވެސް އެ އަނިޔާ ދީފައި ވަނީ ކާކުކަން އެ ރިޕޯޓުން އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެ ހަ ކުދިންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މާރާމާރީއާ ގުޅިގެން ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށްވެސް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ.

މުހައްމަދު ހުސައިންގެ މަރުގެ މައްސަލައާ ގުޅިގެން ދައުވާ ލިބޭ ކުދިންގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގ. ވޭރު އަބްދުލް މުހީތު މަރާލުމުގައި ދައުވާލިބޭ ކުއްޖަކު ވެސް ހިމެނެ އެވެ.

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait