ގާޒީ އަބްދުﷲ މުހައްމަދު

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ޖޭއެސްސީން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކޮށްފި

މުއިއްޒު އިބްރާހިމް
25 ޖުލައި 2012 14:01 36 ކޮމެންޓު
  • ކުރީގެ ސަރުކާރުން އަބްދުﷲ ގާޒީ ސިފައިންގެ ބަންދުގައި ބަހައްޓާފައި ހުއްޓާ ފެބްރުއަރީ 7 ގައި ސިފައިންނާއި ފުލުހުން ވެގެން އޭނާ މާލެ ގެނެސްފައި-- ފޮޓޯ: އުބައިދުﷲ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ އަބްދުﷲ ގާޒީ ދިޓީވީގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ މައްސަލާގައި ޖޭއެސްސީން އެ ގޮތަށް ނިންމުމުން އަބްދުﷲ ގާޒީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އެވެ.

އެ މައްސަލާގައި މިއަދު ކުރި ހުކުމުގައިވަނީ، އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވަނީ ތަހްގީގު މަރުލަހާގައި އަބްދުﷲ ގާޒީ އަށް އެ ކަމުގައި ބަހެއް ބުނުމުގެ ފުރުސަތު ނުދީ ކަމަށެވެ. އަދި ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމުމަށް ފަހު އެ ކަމާ މެދު ޝަކުވާއެއް އޮތް ނަމަ އެކަން ހުށަހެޅުމަށް އަބްދުﷲ ގާޒީ އަށް ފުރުސަތު ދިން ކަމުގައިވިޔަސް އެއީ ދިފާއު ހުށަހެޅުމަށް ދެވުނު ފުރުސަތެއް ކަމަށް ބެލެވެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އަދި ޖޭއެސްސީއަކީ ވެސް ދައުލަތުގެ އެހެން މުއައްސަސާތަކެކޭ އެއްފަދައިން ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ފަރާތެއް ކަމާއި ކޮންމެ ފަރާތަކުން ނިންމާ ނިންމުމަކީ އެކަމުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ ފަރާތަކަށް އެ ފަރާތެއްގެ ހައްގު ހިމާޔަތްކުރުމަށް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ނިންމުމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އަދި ޖޭއެސްސީން ނިންމާ ނިންމުން ޝަރުއީ މަރުހަލާ އަށް ހުށަހަޅައި ބެލުމަކީ އެ ކޮމިޝަންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅުން ކަމަށް ނުބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅުން މަނާކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ދިޓީވީގެ ޚަބަރުގައި "ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި މުހައްމަދު ނަޝީދުގެ ކެބިނެޓުން މިހާރު ކުރަމުން ގެންދަވާ ކަންތައްތަކަކީ ސަރުކާރެއް ނޭވާ ހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމަށް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ" އެ އިބާރާތުން ބުނި ކަމަށް ޚަބަރު ހުށަހެޅި ފަރާތުން ބުނިބުނުން ފިޔަވައި އަބްދުﷲ ގާޒީ އެހެން ބުނެފައިވާކަން ގާތްކުރާ ބުނުމެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އަބްދުﷲ ގާޒީ އެހެން ބުނި ކަމަށް ސާބިތުވާކަމަށް ބުރަވެވޭ ކާފީ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

އަދި ފަނޑިޔާރުންގެ ގާނޫނުގައި، ފަނޑިޔާރެއްގެ ތައުދީބީ މައްސަލައެއް ބަލައި ގޮތެއް ނިންމާއިރު އެ މައްސަލައެއް އެކަށީގެންވާ މިންވަރަށް ތަހުގީގުކުރެވިފައި އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް އެ މައްސަލާގައި ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ އެ އުސޫލާ އެއް ހަމައަކުން ކަމަށް ބެލެވެން ނެތް ކަމަށް ވެސްވެ އެވެ.

އެހެންކަމުން އެ މައްސަލާގައި ޖޭއެސްސީން އެކުލަވާލި ތަހްގީގު ކޮމެޓީން ނިންމި ނިންމާފައިވާ ނިންމުމާއި އެ ނިންމުމާ ގުޅިގެން އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކުރާ ކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމުން އަބްދުﷲ ގާޒީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ އެ ކޯޓުން ނިމެންދެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފަ އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެއްލެވީ ގާޒީ އާއިޝާ ޝުޖޫން މުހައްމަދާއި ގާޒީ މަރިޔަމް ނިހާޔަތުގެ އިތުރުން ގާޒީ ހާތިފް ހިލްމީ އެވެ.

އެ މައްސަލާގެ އިތުރުން ވެސް އަބްދުﷲ ގާޒީގެ އިތުރު މައްސަލަތަކެއް ޖޭއެސްސީ އަށް ހުށަހަޅާފައިވާ ކަން އެނގިފައިވެ އެވެ.

36 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait