އާދަމް ހަލީމްގެ މަރު

ސަމާހުގެ އިއުތިރާފާ އެކު، އާދަމްގެ މަރުގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވައިފި

އާމިނަތު ޝިފްލީން
25 ޖުލައި 2012 15:25 61 ކޮމެންޓު
  • އާދަމް ވަޅުލުމަށް އޭނާގެ ސަންދޯއް އެމްބިއުލެންސުން ގަލޮޅު ސަހަރާ އަށް ބާލަން ފުލުހުން ތައްޔާރުވަނީ.--ހަވީރު ފޮޓޯ: ހުސައިން ސިނާން

ކ. ކާށިދޫގައި ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް ، ،27 މަރާލި މައްސަލައިގެ ތަހުގީގު ނިންމައި މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އާދަމް މަރުގެ ތަހުގީގާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، ފުލުހުންގެ އިސްކަންދަރުކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ، އަށް އިންޗި ހުންނަ ވަޅިއަކުން އާދަމަށް ހަމަލާދިން ކަމަށް ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު، 22، އިއުތިރާފްވެފައިވާ ކަމަށާއި އެހެންކަމުން، ހައްޔަރުކޮށްފައި ހުރި ސަމާހުގެ މައްޗަށް ދައުވާކުރުމަށް މިއަދު ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
ސަމާހު ހައްޔަރުކުރުމަށް ފަހު ފުލުހުން ނަގާފައިވާ އޭނާގެ ފޮޓޯއެއް: އޭނާގެ މައްސަލަ ވަނީ ޕީޖީ އަށް ފޮނުވާފައި.

ދާވޫދު ވިދާޅުވި ގޮތުގައި އާދަމަށް ހަމަލާދިނީ، މާރާމާރީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި ސަމާހު ގޭ ބަންދަށް ދޫކޮށްލާފައި ހުއްޓާ ބޭރަށް ނިކުމެ އުޅޭތަން ފެނުމުން، އޭނާގެ ފަހަތުން އާދަމް، ސަމާހުގެ ގެއަށް ދިޔަ ތަނުންނެވެ. ފުލުހުންގެ ޑިއުޓީއަށް އާދަމް ޕޮލިސް ސްޓޭޝަނަށް ދިޔަ މަގުމަތީގައި، ސަމާހު ބޭރުގައި އުޅޭތަން ފެނުމުން އާދަމް އޭނާގެ ފަހަތުން ގޮސް، ސަމާހުގެ ގެ އަށް ވަދެ ހަމައެކަނި އެދުނީ ތައްޔާރުވެގެން ޕޮލިސް ސްޓޭޝަނަށް ދިޔުމަށް ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.

"އިތުރު އެހެން ވާހަކައެއް އެ ދެމެދަކު ނުދެކޭ. އެކަމަކު ޕޮލިސް ސްޓޭޝަނަށް ދާން އެންގުމުން ސަމާހު، އާދަމާ ދިމާއަށް ވަރަށް ބާރަށް ހަޅޭއްލެވި. ސަމާހު ބަލާ ސުވާސާ ގެއަށް އައުމަށް އާދަމް ފުލުހުންނަށް ގުޅީ އެވަގުތު. އަދި  އޭނާ ގޭގެ ބޭރަށް ނިކުތް ތަނުން ސަމާހު ވަޅި ހިފައިގެން އައިސް އާދަމްގެ ވާތް ފަރާތު މެޔަށް ހަމަލާދިނީ،" ދާވޫދު ވިދާޅުވި އެވެ. "ފުލުހުންނަށް އެ ސަރަހައްދަށް ދެވުނު އިރު އާދަމް އޮތީ އެގޭގެ ކުރިމަތީގައި ވެއްޓިފައި."

އޭނާ ވިދާޅުވީ އާދަމަށް ވަޅިން ހަމަލާދިން އިރު، ސަމާހުގެ ގޭގައި މީހުން އުޅޭ ކަމަށާއި އެމީހުން ގެއިން ބޭރަށް ނިކުތީ ސަމާހު ހަޅޭއްލަވާ އަޑަށް ކަމަށެވެ. އޭރު ސަމާހު، އާދަމްގެ ގަޔަށް ވަޅި ހަރާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މާރާމާރީ އާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑް އޮންނަ ސަމާހު އެ ވަގުތު ހުރީ މަސްތުވެގެން ކަމަށް ފުލުސް އޮފީހުން ބުންޏެވެ. އެގޮތުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް އޭނާ ޕޮޒިޓިވް ވެފައިވާ ކަމަށް ދާވޫދު ވިދާޅުވި އެވެ.

ފުލުސް އޮފީހުން ބުނީ، އާދަމްގެ ގަޔަށް ވަޅި ހެރިތާ ވިއްސަކަށް މިނިޓްގެ ތެރޭގައި ސަމާހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިހާތަނަށް އެނގިފައިވާ މައުލޫމާތަށް ބަލާއިރު އާދަމަށް ހަމަލާދީފައިވަނީ ސަމާހު އެކަނި. އަދި އޭނާ ވަނީ އެކަމަށް އެއްބަސް ވެސް ވެފައި،" ދާވޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަމާހާއި އާދަމާ ދެމެދު ކުރިން އެއްވެސް ރުޅިވެރިކަމެއް އޮންނަ ކަމެއް އެނގިފައި ނުވާ ކަމަށާއި އާދަމަށް އޭނާ ހަމަލާދިނީ، ޕޮލިސް ސްޓޭޝަނަށް ދިޔުމަށް އެދުމުން ކަމަށް ސަމާހު އަމިއްލަ އަށް ވެސް ބުނެފައިވާ ކަމަށެވެ.

61 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait