ޕީޕީއެމް

ސަލާމަތީ ބާރުތަކާ އެއްކޮޅު އެއްވުންތަކެއް ޕީޕީއެމްއިން ބާއްވަނީ

27 ޖުލައި 2012 14:05 60 ކޮމެންޓު
  • އެމްޑީޕީގެ ސިލްސިލާ މުޒާހަރާގެ ތެރެއިން: ސަލާމަތީ ބާރުތަކަށް ތާއީދުކޮށް އެއްވުންތަކެއް ބާއްވަން ޕީޕީއެމުން ވަނީ ނިންމާފައި. -- ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

ސަލާމަތީ ބާރުތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހިންގާ ކަންތައްތަކާ ދެކޮޅަށް އަޑު އުފުލުމުގެ ސިލްސިލާ އެއްވުންތަކެއް ބޭއްވުމަށް ޕީޕީއެމުން ނިންމައިފި އެވެ.

ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވީ މި އެއްވުންތައް ފަށާނީ މާދަމާ ރޭ ކަމަށެވެ. އެ ގޮތުން ރޯދަމަހުގެ ތެރޭގައި ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ އަދި ރޯދަ މަސް ނިމުމުން ހަފުތާއަކު ދެތިން ރޭ އާޓިފިޝަލް ބީޗުގައި އެއްވުން ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަލާމަތީ ބާރުތަކާ ދެކޮޅަށް އެމްޑީޕީން އެ ގެންދަނީ ގާނޫނާ ހިލާފު ވަރަށް ގިނަ ކަންތައް ކުރަމުން. އަނިޔާކުރުންތަކާ ފުރައްސާރަކުރުން އެބަ ކުރިއަށް ގެންދޭ. އެކަމާ ދެކޮޅަށް އަޅުގަނޑުމެން މި އަޑު އުފުލަނީ. އަޅުގަނޑުމެން ތިބޭނީ އާޓިފިޝަލް ބީޗުގައި. އެތަނުން އަޅުގަނޑުމެން މޫވްއެއް ނުކުރާނަން. ސަލާމަތީ ބާރުތަކަށް ލިބިފައި ހުރި ގެއްލުންތައް ވެސް އެއްވުން ކުރިއަށް ދާއިރު އެންމެންނަށް ފެންނަ ގޮތަށް ބަހައްޓާނަން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ އެއްވުންތަކެއް ނުބޭއްވުމަށް ޕީޕީއެމުން ކުރިން ނިންމައިގެން ތިބި ކަމަށާއި އެކަމަކު ކުއްލި ގޮތަކަށް ނުކުންނަން ޖެހުނީ ސަރުކާރަށް ކަންކަން ހައްލު ނުކުރެވުމުން ކަމަށެވެ.

"ގާނޫނުގެ އަތް ބޭނުންކޮށްގެން މިކަންކަން ސަރުކާރަކަށް ހަމައެއް ނުޖެއްސުނު. އަޅުގަނޑުމެން ދެކުނީ ސަލާމަތީ ބާރުތަކާ އެއްކޮޅަށް އަޑު އުފުލައި އެ މީހުންނާ އެއްކޮޅަށް މަސައްކަތް ކުރުމަށް ޕީޕީއެމްގެ ކޮނޑުގައި އަޅަންޖެހޭ މަސްއޫލިއްޔަތެއް އެބައޮތް ކަމަށް،" އުމަރު ވިދާޅުވި އެވެ.

60 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait