އުސް ފަސްގަނޑުގައި ހުރި ތަކެތި ނަގައި ތަން ހުސްކުރުމަށް ހައުސިން މިނިސްޓްރީން ހަފުތާއެއްގެ މުހުލަތު ދީފައިވަނިކޮށް އެ ތަނުގައި އެމްޑީޕީން ނަމާދުގެއެއް ހަދައިފި އެވެ.
އެ ތަން ހަދާފައިވަނީ ބިމުން ފެށިގެން ދެ ފޫޓަށް ވުރެ އުސްކޮށް ރާނައި ދަގަނޑު ހޮޅި ޖަހައިގެންނެވެ. ވަށައިގެން ތަށި މުށި ގޮތަށް ހުންނަ ޕްލާސްޓިކް ޝީޓްތަކެއް ޖަހައި ދޮރުތައް ވަނީ ހަރުކޮށްފަ އެވެ. ނަމާދު ގޭގައި ނަމާދުކުރާ މީހުންނަށް ވުޟޫކުރެވޭ ގޮތަށް މިހާރު އަންނަނީ ފެން އިސްކުރު ބަރިއެއް ވެސް ހަދަމުންނެވެ.
އުސް ފަސްގަނޑުގައި ތިބި ބައެއް މީހުން ބުނީ ނަމާދުގެ ހަދާފައިވާ ތަނަކީ ކުރިން ޖަލްސާތައް ބޭއްވިއިރު، ވާރޭން ހިޔާވުމަށް ސަތަރި އަޅައިގެން ހެދި ތަނެއް ކަމަށެވެ. ނަމަވެސް އެ ތަން ނަމާދުގެއަކަށް ބަދަލުކުރީ ރޯދަ މަސް ކަމަށްވާތީ، އެތަނުގައި ތިބޭ މީހުންނަށް ނަމާދުކުރެވޭނެ ގޮތް ހެދުމަށް ކަމަށް ވެސް އެ މީހުން ބުންޏެވެ.
"ރޭގަނޑު ވެސް ބައެއް މީހުން ތިބޭނެ ގުރުއާން ކިޔަވަން. މި ތަނުގައި ޖަލްސާ ކުރިއަށްދާ އިރު ވެސް ނަމާދުކުރަން ބޭނުންވާ މީހުންނަށް ނަމާދުކުރެވޭނެ ގޮތަށް މިތަން ހަދާފައި ވަނީ،" އުސް ފަސްގަނޑު ބެލެހެއްޓުމަށް އެ ތަނުގައި ހުރި މީހަކު ބުންޏެވެ.
އެ ނަމާދުގެ ހެދުމަށް ޝީޓްތަކާއި ހޮޅިތައް އަދި ދޮރުތައް ހަދިޔާކޮށްފައި ވަނީ ޕާޓީ އަށް ހެޔޮ އެދޭ ފަރާތްތަކުންނެވެ.
އުސް ފަސްގަނޑު ހުސްކުރުމަށް މުއްދަތު ދީފައިވީ ނަމަވެސް، ސަރުކާރަށް އެތަން ނުނެގޭނެ ކަމަށް އެ ތަނުގައި ތިބި ބައެއް މީހުން މިއަދު ވެސް ބުންޏެވެ. އެތަނުގައި ހުރި މުދާތައް ނަގައި ތަން ހުސްކުރުމަށް އަންގާފައިވަނީ އެތަން ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
52 comments