ރާއްޖެ-އ.ދ

2008ގެ ކުރީގެ އަނިޔާތައް ތަހުގީގުކުރާނެ ކޮމިޝަނެއް އުފައްދަން އދ. އިން ގޮވާލައިފި

ހުސައިން ފިޔާޒު މޫސާ
28 ޖުލައި 2012 14:19 119 ކޮމެންޓު
  • ފެބްރުއަރީ 8 ގެ މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކުރުމަށްޓަކައި ގެންދަނީ: އެ ދުވަހު ކުރި އަނިޔާގެ މައްސަލަތައް ތަހްގީގުކުރުމަށް އދ. އިން ވަނީ ގޮވާލާފައި --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ދެ ހާސް އަށެއްގެ ކުރިން ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތައް ތަހްގީގުކުރަން މުސްތަގިއްލު ކޮމިޝަނެއް އުފައްދަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ގޮވާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައި އޭގެ އިތުރުން ގޮވާލާފައި ވަނީ މަރުގެ އަދަބު ތަންފީޒު ނުކުރުމަށާއި ގާނޫނުތަކުން ވެސް މަރުގެ އަދަބު އުނިކުރުމަށެވެ. އެކަމަކު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުނުކުރާތީ އެކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓްގައި ބުނެފައިވަނީ ބައެއް ޕޮލިސް ސްޓޭޝަންތަކުގައި އަނިޔާކޮށްފައިވާ މައްސަލަތަކާއި 2008ގެ ކުރިން ކޮށްފައިވާ އަނިޔާގެ މައްސަލަތައް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށެވެ. އެ މައްސަލަތަކާ މެދު ކަންބޮޑުވާ ކަމަށާއި މި އަހަރުގެ ފެބްރުއަރީ 8 ގައި މާލެ އާއި އައްޑޫގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންނަށް ސަލާމަތީ ބާރުތަކުން އަނިޔާކުރުމާއި އެ ދުވަހު ހައްޔަރުކުރި މީހުންނަށް އަނިޔާކޮށްފައިވާތީ ކަންބޮޑުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި 2008ގެ ކުރިން ކޮށްފައިވާ އަނިޔާގެ މައްސަލަތަކާއި އިންސާނީ ހައްގުތަކާ ހިލާފަށް ކޮށްފައިވާ ކަންކަން ތަހްގީގުކުރުމުގެ އިތުރުން އޭރު އަނިޔާ ލިބުނު މީހުންނަށް ބަދަލު ދިނުމަށް ވެސް ބުނެފައިވެ އެވެ. އަދި ފެބްރުއަރީ 8 ގައި މުޒާހަރާކުރި މީހުންނަށް އަނިޔާކުރުމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ދައުވާކުރުމަށާއި އެ މުޒާހަރާގައި އަނިޔާ ލިބުނު މީހުންނަށް ބަދަލުދިނުމަށް ކޮމިޓީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލުމަށް ވެސް ކޮމިޓީން ވަނީ ގޮވާލާފަ އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އެކުލެވިގެންވާ ގޮތާ މެދު އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ. އެ ކޮމިޝަންގެ މުސްތަގިއްލުކަން ކަށަވަރުވާނޭ ގޮތަކަށް ކޮމިޝަން އެކުލަވާލުމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ފިޔަވަޅު އަޅާފައިވާ މައްސަލަތައް މަދުވުމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ހަރުދަނާކުރަން ޖެހޭ ކަމަށާއި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް އެއީ މިނިވަން ތަނެއްކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް ކޮމިޓީން ވަނީ ބުނެފަ އެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށާއި އަދުލް އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށާއި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ދިނުން ހުއްޓާލުމަށް ވެސް ބުނެފައިވެ އެވެ.

ސިޔާސީ ދާއިރާ އާއި ޝަރުއީ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުވަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޓީން މަރުހަބާ ކިޔާފައިވެ އެވެ. އެކަމަކު ރާއްޖޭގައި ޖިންސީ ތަފާތުކުރުން ގެންގުޅޭތީ އަންހެނުންނަށް ސިޔާސީ ދާއިރާއިންނާއި އެހެން ދާއިރާތަކުން ކުރިއަށް ދިއުމަށް ދަތިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ގެވެށި އަނިޔާގެ ބިލް ފުރިހަމަ އަށް ތަންފީޒުކުރުމަށާއި އަނިޔާ ލިބޭ އަންހެނުން ތިބޭނެ ތަނަކާއި އެ މީހުންނަށް ނަފްސާނީ އެހީތެރިކަން ދެވޭނެ ގޮތް ހެދުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭތީ ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ފަސް ސޮފުހާގެ ރިޕޯޓުގައި ބުނެފައިވާ ކަންކަން ތަންފީޒުކުރެވިފައިވާ މިންވަރުގެ ރިޕޯޓެއް އެއް އަހަރު ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އިތުރު ރިޕޯޓެއް 2015 ވަނަ އަހަރު އދ. އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

119 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait