މީޑިއާ

ގިނަ ކަންތައްތަކަކަށް ފާޑު ވިދާޅުވެ ބްރޯޑްކާސްޓިން ކޮމިޝަނުން ބަދުރު އިސްތިއުފާ ދެއްވައިފި

އަހުމަދު ހަމްދޫން
29 ޖުލައި 2012 12:16 39 ކޮމެންޓު
  • އޭޕްރީލް ،5 2011 ގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމުގެ ލިޔުން އޭރުގެ ރައީސް ނަޝީދު ބަދުރުއާ ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ވަރަށް ގިނަ ކަންކަމަށް ފާޑު ވިދާޅުވުމަށް ފަހު މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަންގެ ރައީސް ބަދުރުއް ނަސީރު އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ބްރޯޑްކާސްޓިންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބަދުރު އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމަށް ފަހު ނެރުއްވި ބަޔާނުގައި ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ގުނަވަންތައް ހަމަވެ، ހެދި ބޮޑުވުމަށް ސަރުކާރުން ވެސް މާ ބޮޑު ޝައުގުވެރިކަމެއް ދިން ތަން ފެނިވަޑައިނުގެންނެވި ކަމަށެވެ. އަދި ސަރުކާރުގެ ވެރިންނާއި އާންމު ރައްޔިތުންގެ ސިޔާސީ ނަފުރަތާއި ހަސަދައިގެ އަމާޒަކަށް އެ ކޮމިޝަންވެ، އެކަމުގެ ތެރޭގައި ބަދުނާމްވެ، ޖިސްމާނީ އަދި ނަފުސާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ދިރިއުޅުމުގެ ބާކީ ބައި ހަރާބުކޮށްލަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ބަދުރު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު މި ވިސްނުމަކީ ވަރަށް ފިނޑި ވިސްނުމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދުށުމަކީ ހަމަ ވެދާނެ ކަމެކެވެ. ނަމަވެސް، ސަރުކާރުގެ ވެރިންނާއި އާންމު ރައްޔިތުންގެ ސިޔާސީ ނަފުރަތާއި ފުރައްސާރައަށް ވުރެ މި ވަގުތު އަޅުގަނޑަށް ބޭނުންވަނީ، އަޅުގަނޑުގެ އުމުރާ ގުޅޭ މިނިވަން، އަމާން އަދި ހިމޭން ދިރިއުޅުމެކެވެ،" އޭޕްރީލް  ،4  2011 ގައި ކޮމިޝަންގެ މަގާމާ ހަވާލުވެވަޑައިގެންނެވި ބަދުރުގެ އިސްތިއުފާގެ ބަޔާނުގައިވެ އެވެ. "އެހެންވެ މި ހުރިހާ ކަމަކަށް ވަރަށް ފުންކޮށް ވިސްނައި ފިކުރުކުރުމަށް ފަހު، އަޅުގަނޑުގެ އަނބިދަރީންގެ އެދުމާ ވެސް އެއްގޮތަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަމުންނާއި މެމްބަރުކަމުން އަޅުގަނޑު މިއަދު އިސްތިއުފާ ދީފީމެވެ."

ބަދުރުގެ ބަޔާނުގައި ވަނީ ކޮމިޝަނަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން މިހާތަނަށް ވެސް ކޮށްދީފައި ނެތުމުން ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން އޭނާ ވިދާޅުވީ މޮނިޓަރިން ސިސްޓަމެއް ހޯދުމަށް ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުންގެ އަރިހުގައި އެތައް ފަހަރަކު އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމަށް ބޭރުގެ އެހީއެއް ލިބޭތޯ ދެ ސަރުކާރުގެ ފޮރިން މިނިސްޓަރަށް ދެންނެވުމުގެ އިތުރުން ބަޖެޓް މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީ އަށް މިދިޔަ އަހަރު ވަޑައިގެން ވެސް އެ ވާހަކަ ދެންނެވި ކަމަށް ބަދުރު ވިދާޅުވި އެވެ. މީގެ އިތުރުން މި ސަރުކާރުގެ ބަންޑާރަ ނާއިބާއި ދެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުގެ ސަމާލުކަމަށް ވެސް އެ މައްސަލަ ގެންނެވި ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.

"ކުރީގެ [ޓްރާންސްޕޯޓް] މިނިސްޓަރު ވިދާޅުވީ، ހަތް ޓީވީ ގަނެގެން، ކޮމިޝަންގެ ހަތް މެމްބަރުން އަބަދު ބަލަން ތިބެގެން ވެސް މޮނިޓް ކުރެވެން ޖެހޭނެ ކަމަށެވެ. ބޮޑު މުސާރަ ދީފައި ތިބެނީ އެކަން ކުރަންވެގެންނެވެ. ތެދުފުޅެކެވެ. އެކަމަކު އެއީ ކަންވާނެ ގޮތެއް ނޫނެވެ. އެމަނިކުފާނު ވެސް އެކަން ޤަބޫލުކުރައްވަ އެވެ،" ބަދުރު ވިދާޅުވި އެވެ. "މިހާރުގެ މިނިސްޓަރު މީގެ މަހެއްހާ ދުވަސް ކުރިން ވިދާޅުވީ، މޮނިޓަރިން ސިސްޓަމަކީ ކޮމިޝަނަށް ވަރަށް މުހިންމު އެއްޗެއް ކަމާ، އެމަނިކުފާނު ވެސް މިކަމާ މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ."

ބަދުރު ވިދާޅުވީ ކޮމިޝަނުގެ ގާނޫނުން އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ ޖާގަ ލިބޭތީ، އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ ލަފައާ އެކު، އެކިއެކި ވިޔަފާރިވެރިންނާއި މާލީ ތަނަވަސްކަން ހުރި ބޭބޭފުޅުންގެ ގޭގޭގެ ދޮރުގައި "ޓަކި ޖަހައިގެން" ވެސް އެ މުއައްސަސާ އަށް މޮނިޓަރިން ނިޒާމު ހޯދޭތޯ މަސައްކަތް ކުރެއްވި ކަމަށެވެ.

"މިނިވަން" ކޮމިޝަނެކޭ ކަރުދާހުގައި އޮތް ނަމަވެސް މިނިވަން ވަނީ ކިހާ ވަރަކަށްތޯއޭ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. ބަޖެޓަކީ ފިނޭންސް މިނިސްޓްރީން ކޮންޓްރޯލް ކުރައްވާ އެއްޗެކެވެ. ރައްޔިތުންގެ މަޖްލިސްއިން ފާސްކުރައްވާ ބަޖެޓް ވެސް ލިބޭނީ ފިނޭންސް މިނިސްޓްރީން ދެއްވީމަ އެވެ. ފައިސާގެ ކޮންޓްރޯލް އެހެން ފަރާތެއްގައި އޮތީމާ ދެން އޮންނާނީ ކޮން މިނިވަންކަމެއްތޯ އެވެ؟،" ބަދުރު ސުވާލު ކުރައްވާފައިވެ އެވެ.

ބަދުރުގެ ބަޔާނުގައި ވަނީ މިހާރުގެ ރައީސް މުހަންމަދު ވަހީދު އެ ކޮމިޝަނާ ބައްދަލު ނުކުރައްވާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ގޮތުން ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިނިވަން މުއައްސަސާތަކާ ބައްދަލުކުރެއްވުމުގެ ޕްރޮގްރާމެއް ފެއްޓެވުމުން އެ ކޮމިޝަނާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަމުގެ ފޮނި އުންމީދު ކުރެއްވި ކަމަށާއި އެކަމަކު މިހާތަނަށް ވެސް އެފަދަ އިޝާރާތެއް ލިބިވަޑައިނުގަންނަވާ ކަމަށް ބަދުރު ވިދާޅުވި އެވެ.

"ބްރޯޑްކާސްޓިން ކޮމިޝަންގެ ގުނަވަންތައް އަދިވެސް ފުރިހަމައެއް ނުވެ އެވެ. ޓެކްނިކަލް ގޮތުންނާއި ހިޔުމަން ރިސޯސަސްގެ ގޮތުން ވެސް މެއެވެ. ބަޖެޓްގެ ތާށިކަމުން، ތަނަށް ބޭނުންވާ މުވައްޒަފުން ވެސް އަދިވެސް ހަމައެއް ނޫނެވެ. ވަރަށް މަދު މުވައްޒަފުންކޮޅަކާ އެކު މަސައްކަތް ކުރަމުން ގޮސް، ކިރިޔާ އެކަށީގެންވާ ވަރަށް މުވައްޒަފުން ހަމަޖައްސަވައިދެއްވީ ވެސް ހާއްސަ ހާލަތެއްގެ ދަށުން، މިހާރުގެ ފިނޭންސް މިނިސްޓަރެވެ. އެއީ ވެސް، ލިބިފައިވާ ބަޖެޓްގެ ކޯޑުތަކަށް ބަދަލު ގެނެސްގެންނެވެ. ނަމަވެސް، މިއަދުގެ މަސްރަހުގައި އަޅުގަނޑުމެން ހަރަކާތްތެރިވާން ޖެހިފައި ވަނީ އަޅުގަނޑުމެންގެ ހުރި އުނި ކަންތައްތައް ވީހާވެސް ބޮޑަކަށް ނުދައްކައި، ފުރިހަމަ ކޮމިޝަނެއްގެ ގޮތް ދައްކައިގެންނެވެ. ސަބަބަކީ، އެކަހަލަ ވާހަކަތަކަކީ، އެއްވެސް މީހަކު ޤަބޫލުކުރާނެ ވާހަކަތަކަކަށް ނުވާނެތީ އެވެ،" ބަދުރު ވިދާޅުވި އެވެ. 'ކޮމިޝަން ތިއޮތީ އުފެދިފަ އެވެ. ކަލޭމެނަށް ނުލާހިކު ބޮޑު މުސާރަ ދައުލަތުން ދެ އެވެ. ނުވާންވީ ކީއްވެގެން ހެއްޔެވެ....؟' މިއީ މިދިޔަ ސަރުކާރުން ވެސް ވިދާޅުވެފައިވާ ވާހަކަ އެވެ."
ބަދުރު ވިދާޅުވި ގޮތުގައި ކޮމިޝަންގެ އިދާރާ ހިންގުމުގެ ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑެވެ. ކޮމިޝަންގެ އިދާރާ ހިންގާ އިމާރާތުގެ ތިރީ ބުރި ލިބޭތޯ ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ އަށް ދަންނަވައިގެން މިހާތަނަށް ވެސް އަލި މަގެއް ފެނިވަޑައިނުގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ބަދުރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދުގައި މިއަދު "ފިތިގެން" ދަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި އެ ކޮމިޝަންގެ މެމްބަރުންނެވެ. ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ގުނަވަންތައް ފުރިހަމަނުވި ކަމުގައި ވިޔަސް، އެ ކޮމިޝަނަކީ ހުރިހާ ފަރާތެއްގެ ޝަކުވާތަކާއި ނުރުހުން މިއަދު އަމާޒުވެފައިވާ މުއައްސަސާއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ބައެއް މިސާލު ވެސް ބަދުރު ވަނީ ދައްކަވައިފަ އެވެ.
"ހުސްވި ހަފުތާގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާ އަކީ ބްރޯޑްކާސްޓިން ކޮމިޝަނުން އުފުލަން ޖެހޭ ޒިންމާ ފުރިހަމަ އަށް ނުއުފުލުމުގެ ސަބަބުން މަގުފަހިވެގެންދިޔަ ހާދިސާއެއް ކަމަށް ސަރުކާރުގެ އިސް ވެރިން މީޑިއާގައި ވިދާޅުވާން ފެއްޓެވުމުން، މާ ބޮޑު ހަގީގަތެއް ނޭނގި ތިބި އާންމު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފުރަތު ވެސް، މި ކޮމިޝަންގެ މެމްބަރުންނަށް އަމާޒުވެ، އަޅުގަނޑުމެން އެންމެނަށް ވަނީ ޖިސްމާނީ އަދި ނަފްސާނީ ބިރުވެރިކަމެއް ކުރިމަތިވެފަ އެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ވަނީ އުނދަގޫވެފަ އެވެ،" އެންމެ ފަހުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ބަދުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަންގެ ރައީސަށް ކާރެއް އޮންނަންވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިނާޔަތްތަކުގެ ތެރޭގައި އޮތެއް ކަމަކު،  15 މަސް ވީއިރު ވެސް އެފަދަ އިނާޔަތެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ކާރަށް ހަރަދުކުރާނެ ފައިސާ ބަޖެޓުގައި ނެތް އިރު ސަލާމަތީ އެއްވެސް ރައްކާތެރިކަމެއް ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ބަދުރު ވިދާޅުވި އެވެ.

"މިއަދު ސައިކަލްގައި ބޭރަށް ނުކުންނަން އަޅުގަނޑަށް ޖެހިފައި ވަނީ ހަށިފާރަވެރިއަކަށް ކޮންމެވެސް ދަރިއަކު، ނުވި ނަމަ އެހެން ގާތް ރައްޓެއްސެއް ގޮވައިގެންނެވެ. އެ ނޫން ގޮތަކަށް އަޅުގަނޑު ބޭރަށް ދާކަށް ކުދިންނެއް ވެސް ބޭނުމެއް ނުވެ އެވެ. ރަށުތެރޭގެ ހާލަތުގެ ހަގީގަތަކީ މިއީ އެވެ،" ބަދުރު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ކޮންޓެންޓް މޮނިޓް ކުރެވޭނެ ނިޒާމެއް ނެތި ކޮމިޝަން ހިންގާތާ ދޮޅު އަހަރު ވެއްޖެ ކަމަށެވެ. އެހެންވެ ރާއްޖޭގެ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލް މޮނީޓަ ކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް ބަދުރު ވިދާޅުވި އެވެ. އެހެން ނަމަވެސް ބަޖެޓުން އެކިއެކި ގޮތްގޮތް ހަދައި، އިކްވިޕްމެންޓެއް މޮޑިފައިކޮށްގެން، ހަތަރު ޓީވީ ޗެނެލް މިހާރު ރެކޯޑް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭޑިއޯތައް މޮނިޓް ކުރެވޭނެ އެއްވެސް ގޮތެއް އަދިވެސް ނެތެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްޓަކައި އަލަށް  20 ޓީވީ ޗެނަލް ތައްޔާރުވަމުން އެބަ އާދެ އެވެ. މި ޗެނެލްތައް ވެސް މޮނިޓާކޮށް ބަލަހައްޓާ، އަދި ރެގިޔުލޭޓްކުރަން ޖެހެ އެވެ.،" ބަދުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ބްރޯޑްކާސްޓަރުން ރެގިޔުލޭޓް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮމިޝަނުން ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކޮމިޝަންގެ މެމްބަރުން އިށީންނާނެ ގޮނޑިއެއް، މޭޒެއް ނެތި، ރެފިއުޖީންގެ ގޮތުގައި ކޮންފަރެންސް މޭޒެއްގެ ވަށައިގެން  14 މަސް ދުވަހު މަސައްކަތް ކުރެއްވި ކަމަށާއި އެ ދުވަސްތަކުގައި ވަރަށް ގިނަ ގަވާއިދުތަކާއި މިންގަނޑުތައް ހަދައި، ވަރަށް ގިނަ މައްސަލަތައް ބަލާފައިވާ ކަމަށް ވެސް ބަދުރު ވިދާޅުވި އެވެ.

39 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait