ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ނުކިޔަމަންތެރިކަން ދެއްކި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މިއަދު ހަވީރު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ވިދާޅުވީ ރީފް ސައިޑް ކައިރި، އާކޭޑް ލައިޓް ކައިރިން ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެ ތިން މެމްބަރުން ވެސް ހައްޔަރުކުރީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުން އެތެރެއަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ހަމަނުޖެހުން ހިންގައިގެންނެވެ. ރީފް ސައިޑް ކައިރިއަށް މެމްބަރުން ވަޑައިގަތީ އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން ކުރިއަށް ގެންދިޔަ ސައިކަލް ބުރަށް ނުކުތް އެ ޕާޓީގެ މެމްބަރުންތަކާ އެކުގައި ކަމަށްވެ އެވެ.

23 comments