ސިޔާސީ

މިއަދު ވެސް މަޖިލިސް ހޫނުވެއްޖެ

31 ޖުލައި 2012 11:20 8 ކޮމެންޓު
  • މަޖިލީހުގެ އިއްޔެގެ ޖަލްސާ އިން ނުކުމެވަޑައިގަތުމަށް އެންގެވުމުން ވެސް އަލީ ވަހީދު ޖަލްސާކުރާ މާލަމުގައި. --ޓުވިޓާ ފޮޓޯ: އަހްމަދު ނިހާން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް އެމްޑީޕީ މެމްބަރުން އެ ތަނަށް ވަދެ ކޮމިޓީ ހުއްޓުވައިފި އެވެ. އަދި މަޖިލީހުގެ ޖަލްސާ ވެސް ހުއްޓާލައިފި އެވެ.

ޖަލްސާ މެދުކަނޑާލީ، އެމްޑީޕީގެ މެމްބަރުން ހައްޔަރުކުރާ މައްސަލަ އާއި އާސަންދަ އިންޝުއަރެންސުން ކޯޕޭމެންޓެއް ނަގާ މައްސަލާގައި އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި އަޑުގަދަކުރަން ފެށުމުންނެވެ.

އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގެ ނަން އިއްވުމަށް ފަހު އެ ދެ ބޭފުޅުން ނިކުމެވަޑައިގަންނަވަން ދެން ޖަލްސާ މެދުކަނޑާލައްވާފަ އެވެ.

އިއްޔެގެ ޖަލްސާގައި ވެސް އަލީ ވަހީދުގެ ނަން އިއްވި އެވެ. އަދި އެއަށް ފަހު ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

މިއަދުގެ ޖަލްސާ ހޫނުވުމުގެ ކުރިން އަލީ ވަހީދު އިސްވެ ހުންނަވައިގެން އެމްޑީޕީގެ 10 ވަރަކަށް މެމްބަރުން ކޮމިޓީ ހުއްޓުވީ ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް އިން 300 މިލިއަން ރުފިޔާގެ ލޯނެއް ނެގި މައްސަލާގައި މާލިއްޔަތު ކޮމިޓީން ފިޔަވަޅު ނާޅާ ކަމަށް ބުނެ އެވެ.

އަލީ ވަހީދު ވިދާޅުވީ އެއީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު "ވަގަށް ނެގި" ފައިސާއެއް ކަމަށާއި އެހެންކަމުން އެކަމުގައި އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait