އެމްޑީޕީން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރާ ތަނެއް ފާހަގަކުރެވިފައި ނުވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން އެމްޑީޕީން ކުރަމުންދާ މުޒާހަރާ އޮބްޒާވްކުރުމަށް ފަހު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މުޒާހަރާ ހިނގަމުންދާ ވަގުތު މުޒާހަރާގެ ބައިވެރިންނާ ފުލުހުން ނުރަނގަޅު ގޮތެއްގައި މުއާމަލާތުކުރާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މުޒާހަރާ ރޫޅާލުމަގަ އާއި ރޫޅާލުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނެވޭއިރު ބައެއް ފުލުހުންގެ ފަރާތުން އެ މީހާއާ މެދު އެކަށީގެން ނުވާ ފަދަ އިބާރާތްތައް ބައެއް ފަހަރު ބޭނުންކުރާކަން ފާގަހަކުރެވޭ ކަމަށް ބުނެފައިވެ އެވެ.
"މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ގެންދިއުމުގައި ފުލުހުން އެކަށީގެންނުވާ ބާރު ބޭނުންކުރާތަނެއް ފާހަގަކުރެވިފައެއް ނުވެ އެވެ. އަދި ގެންދެވޭ ގިނަ މީހުން ވެސް ސުލްހަވެރިކަމާއެކު ފުލުހުންނާއެކު ދާކަން ފާހަގަކުރެވެ އެވެ،" އިންޓަގްރިޓީ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، މުޒާހަރާތައް ރޫޅާލާފައި ވަނީ ފުލުހުންގެ ބެރިކޭޑްތައް ގެންގޮސް، ދަންވަރު 12ގެ ފަހުން އަޑުގަދަކުރާ ބޭނުން ނުކުރުމަށް އެންގުމަށް ފަހުގައި ކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.
"މުޒާހަރާކުރާ ސަރަހައްދު ކަނޑައެޅުމަށް ފުލުހުން ޖަހާފައި ހުންނަ ބެރިކޭޑްތައް ގެންދިއުމާއި ބެރިކޭޑްތައް ނަގާ މަގުމައްޗަށާއި މޫދަށް އުކުމާއި ފުލުހުންނާ ދިމާލަށް ވަކި ލާރި، ކޮށިފޯއް، ޕޭވްމަންޓު ގައު، ފަސްއޮށް، ތިމަރަ ބަރި، މިރުސްފެން އަޅާފައި ހުރި ކޮތަޅު އަދި ފެންފުޅި ފަދަ ތަކެތި އުކާ ހަމަލާދީފައިވާކަން ފާހަގަކުރެވެ އެވެ،" އިންޓަގްރިޓީ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
ކޮމިޝަނުގެ ބަޔާނުގައި ބުނިގޮތުގައި މިދިޔަ މަހުގެ 11 ގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުން ކުރިމަތިލާފައި ވަނީ ރާބޮއެގެން ކަމަށް ބުނެ އެމްޑީޕީން އަނގަބަހުން ހުށަހެޅި ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއްގެ ހާޒިރުގައި 37 ފުލުހެއްގެ ބްރެތް އެނަލިސިސް ހެދި އެވެ. ނަމަވެސް އެއިން އެއްވެސް ފުލުހަކު ރާބޮއެގެން ހުރިކަމަށް ޓެސްޓުގެ ނަތީޖާ އިން ނުދައްކާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

25 comments