ޚަބަރު

ފ. އަތޮޅު ކައުންސިލުން ބީއެމްއެލްއާ ދެކޮޅަށް ކެމްޕޭން ކުރަނީ

އާމިނަތު ޝިފްލީން
01 އޯގަސްޓް 2012 14:48 23 ކޮމެންޓު
  • ފ. އަތޮޅުގެ ރަށެއްގައި ހުންނަ ދިރާގުގެ އިމާރާތެއް. ފ. އަތޮޅު ކައުންސިލުން ބީއެމްއެލްއާ ދެކޮޅަށް ކެމްޕޭނެއް ކުރުމަށް ވަނީ ނިންމާފައި-- ހަވީރު ފައިލް ފޮޓޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ފ. އަތޮޅުގައި ގާއިމުކޮށްދީފައި ނުވާތީ އެ އަތޮޅުގެ ކައުންސިލުން ބީއެމްއެލްއާ ދެކޮޅަށް ކެމްޕޭން ކުރަން ފަށައިފި އެވެ.

ފ. އަތޮޅު ކައުންސިލަރު އަބްދުއްލަތީފް އަހުމަދު މިއަދު ވިދާޅުވީ، ބީއެމްއެލްގެ ގޮތްޕެއް ފ. އަތޮޅުގައި ގާއިމު ކުރެވޭތޯ، މިދިޔަ މޭ މަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމަށް އެތަނުން އެއްވެސް ސަމާލުކަމެއް ނުދިނުމުން، އެ ބޭންކާ ދެކޮޅަށް ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ކެމްޕޭން ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވި އެވެ.

އެ ކައުންސިލުން ބުނީ މި އޮގަސްޓު މަހުގެ ނިޔަލަށް ފ. އަތޮޅުގައި ބީއެމްއެލްގެ ގޮތްޕެއް ހުޅުވައި ނުދީފި ނަމަ، ބީއެމްއެލްގައި އެ އަތޮޅުގެ ރައްޔިތުން ހުޅުވާފައި ހުރި ހުރިހާ އެކައުންޓުތަކެއް އެހެން ބޭންކުތަކަށް ބަދަލު ކުރާނެ ކަމަށެވެ. އަދި އެކަމަށް މިހާރު، ރަށްރަށުގައި ކައުންސިލުން މައުލޫމާތު ދެމުންދާ ކަމުގައި އެ ތަނުން ބުންޏެވެ.

"އަޅުގަނޑުމެން ކޮންމެ ރަށެއްގެ ކައުންސިލަށް އެކަމުގެ މައުލޫމާތު ދެމުން މިދަނީ. އެ ކަމަށް ކެމްޕޭނެއް ފަށާފައި ވާއިރު، މި މަހުގެ ނިޔަލަށް ގޮތްޕެއް ގާއިމު ނުކޮށްދީފި ނަމަ ހުރިހާ އެކައުންޓުތަކެއް އެހެން ބޭންކުތަކަށް ބަދަލު ކުރާނަން،" ލަތީފް ވިދާޅުވި އެވެ.

ފ. އަތޮޅު ކައުންސިލަރުން ސޮއި ކުރައްވައި، އެ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ ބުނެފައިވާ މުއްދަތުގައި ބޭންކުގެ ގޮތްޕެއް ގާއިމު ކޮށް ނުދީފިނަމަ، ބީއެމްއެލްއާ ދެކޮޅަށް ކުރާ ކެމްޕޭންގެ ދަށުން، މާލޭގައި ހުންނަ ބީއެމްއެލްގެ މެއިން ބްރާންޗު ދޮށުގައި އަތޮޅުގެ ރައްޔިތުން އަޑު އުފުލާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ބޭންކުގެ ގޮތްޕެއް އެ އަތޮޅުގައި ގާއިމު ކުރުމަށް، އެ ތަން ހިންގާނެ އިމާރާތަކާއި ކަރަންޓު ވެސް ދެ ފަރާތް އެއްބަސްވާ މުއްދަތަކަށް ހިލޭ ސާބަހަށް ދިނުމަށް ބީއެމްއެލް އަށާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

"...އެކަމަކު ހުރިހާ ސަރުކާރަކުން ވެސް، މި އަތޮޅަކީ ކުޑަ އަތޮޅެއް ކަމަށް ބުނެ، އޮންނަނީ އެކަހެރިކޮށް ބާކީ ކޮށްލާފަ އެވެ. ނަމަވެސް އޭރު ރައްޔިތުން ކިޔަމަންތެރިކަމާ އެކު ތިބި ނަމަވެސް މިއަދު އެކަން އެގޮތަކަށް ނުވާނެ އެވެ. ގާނޫނު އަސާސީގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ދިނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް، އެކަން އެހެން ކުރާތަން ފެންނަމުން ނުދާތީ، އެކަމާ ދެކޮޅަށް މި އަތޮޅު ރައްޔިތުން ވެސް ދެން އަޑު އުފުލާނަމެވެ." އާބާދީގައި 5،000އަށް ވުރެ ގިނަ މީހުން ހިމެނޭ ފ. އަތޮޅުގެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

23 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait