ޚަބަރު

ބޭރުގެ ނުފޫޒު ކޯނީ އަށް ފޯރާ ކަމަށް ބުނެ އުމަރު އެ ކޮމިޝަނަށް ވަޑައިނުގެންނެވި

ހުސައިން ފިޔާޒު މޫސާ
02 އޯގަސްޓް 2012 15:36 7 ކޮމެންޓު
  • އުމަރު ނަސީރު: އުމަރު މިއަދު ވިދާޅުވެފައިވަނީ ކޯނީ އަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވަނީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބަޔަކު ވަންނާތީ ކަމަށް.

ވެރިކަން ބަދަލުވި ގޮތް ބެލުމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ )ކޯނީ( އަށް ދެ ވަނަ ފަހަރަށް ވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު އެ ކޮމިޝަނަށް އަންގަވައިފި އެވެ.

ކޯނީން އުމަރާ އަލުން ބައްދަލުކުރަން އެދި ފޮނުވި ސިޓީގެ ޖަވާބުގައި އުމަރު މިއަދު ވިދާޅުވެފައިވަނީ ކޯނީ އަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވަނީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބައެއް ފަރާތްތައް ވަދެ ނުފޫޒު ފޯރުވޭނެ ގޮތަކަށް އެ ކޮމިޝަންގެ މަސައްކަތް ބައްޓަންވެފައި ވާތީ ކަމަށެވެ.

" 17 ޖޫން 2012 ގައި ތިޔަ ކޮމިޝަން އަލަށް އެކުލަވާ ލެއްވުމަށް ފަހު އެކިއެކި ބޭފުޅުން ހާޒިރުކޮށް ސުވާލުކުރައްވަމުން ގެންދަވާއިރު ރައީސުލްޖުމްހޫރިއްޔާ ތިޔަ ކޮމިޝަނަށް ކަނޑައެޅުއްވި ބޭފުޅުން ނޫން ބޭފުޅުން ވެސް ކޮމިޝަންގެ މަސައްކަތުގެ ތެރެއަށް އަމިއްލަފުޅަށް ވަދެވަޑައިގެން ހާޒިރުކުރެވޭ އެކިއެކި ބޭފުޅުންނާ ސުވާލު ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތު ވަނީ އަޅުގަނޑަށް ލިބިފަ އެވެ. އެގޮތުން އޮބްޒާވަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ވެސް މަތިންބައިން ވަންނަވާ ސުވާލުކުރައްވާ، ސުވާލުތައް ބައްޓަން ކުރައްވާ އެ ބޭފުޅުންގެ މެންޑޭޓުގެ ބޭރުން މަސައްކަތްކުރައްވާ ކަން އަޅުގަނޑަށް ކަށަވަރުވެފައިވެ އެވެ. މިއީ މި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް "ވަލުދޮރާށިން" ބޭރުގެ ބަޔަކު ވަންނަވައިގެން ކުރައްވާ މަސައްކަތް ތަކެއްކަން ފާހަގަކުރަމެވެ." އުމަރުގެ ސިޓީގައިވެ އެވެ.

އުމަރު ކޯނީއަށް ވަޑައިގެންނެވުމަށް އެދިފައިވަނީ މިއަދު 00: 11 އަށެވެ.

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait