އާޒިމާ ޝަކޫރު

މަޖިލީހުން ގޮތެއް ނިމެންދެން، ގަވާއިދުތަކަށް އަމަލު ކުރާނެ ވަގުތީ އަމުރަކަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އަހުމަދު ހަމްދޫން
02 އޯގަސްޓް 2012 18:13 16 ކޮމެންޓު
  • ބަންޑާރަ ނާއިބު އާޒިމާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ގާނޫނީ ބެލެނިވެރިކަމުގެ މުއްދަތު އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވާ 47 ގަވާއިދެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި.---ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ބާރު ދީފައިވާ ގަވާއިދުތަކުގެ މުއްދަތު އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 00: 12 ގައި ހަމަވާތީ، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިމެންދެން އެ ގަވާއިދުތަކަށް އަމަލު ކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ އެފަދަ އަމުރަކަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނީ ބެލެނިވެރިކަން ދީފައިވާ 47 ގަވާއިދެއްގެ މުއްދަތު އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވެ، ގާނޫނީ ބޮޑެތި މައްސަލަތަކެއް ނުކުންނާނެތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ނިޒާމު ގެއްލި އަމާން މާހައުލެއް ނެތް ކަމަށް ވިދާޅުވެ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޖަލްސާތައް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ.

އާޒިމާ ވިދާޅުވީ ގާނޫނީ ބެލެނިވެރިކަން ބޭނުންވާ 47 ގަވާއިދު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް ދައުލަތުގެ ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެއްތެން ހުރި ގަވާއިދުތައް ގާނޫނީ އޮނިގަނޑަށް ފައްތައިގެން ގެޒެޓު ކުރުމުގެ ކަންތައް ބަންޑާރަ ނާއިބުގެ އޮފީހުން ކުރަމުންދާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އަދި ހަމަ އެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓުގެ ތެރެއިން ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ދީފައި ހުރި މެންޑޭޓުތައް ގާނޫނީ ހަމަތަކުގެ ތެރެއަށް ފެއްތިގެން، އިޖުރާއީ އުސޫލުތަކަށް ބަދަލުކޮށްގެން އަމަލު ކުރެވެން ހުރި ކަންތައްތަކަށް އަމަލު ކުރުމަށްޓަކައި މި ދެންނެވި ތިން ދުވަހުގެ ތެރޭގަ އާއި ކުރިއަށް ދެ ދުވަހުގެ ތެރޭގައި ބަންޑާރަ ނާއިބުގެ އޮފީހުން އިސްވެ މަސައްކަތްތަކެއް ކުރާނެ. އެހެން ނަމަވެސް މި މަސައްކަތް ކުރާއިރުގައި ވެސް މި މައްސަލައިގެ ސީރިއަސްކަން ފާހަގަކުރަން އެބަޖެހޭ،" އެޓާނީ ޖެނެރަލްގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެރޯލްގެ ގަވާއިދާއި ސިޔާސީ ޕާޓީގެ ގަވާއިދާއި އެއްވެ އުޅުމުގެ ގަވާއިދާއި މާލޭގެ ޕްލޭނިން ގަވާއިދާއި ބިލްޑިންގް ކޯޑާ ބެހޭ ގަވާއިދާއިި އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދާއި ކޮމިއުނިކޭޝަން އޮތޯރިޓީ ރެގިއުލޭޓް ކުރާ ގަވާއިދާއި ޝަރުއީ ދާއިރާގެ ހިންގުމަށް ބޭނުންކުރާ 10 ގަވާއިދަކަށް ގާނޫނީ ބެލެނިވެރިކަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ވެސް މުހިންމު އެތައް ގަވާއިދެއް އެބަހުރި ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ގަވާއިދުތަކަށް ގާނޫނީ ބާރު ލިބުމުގެ މައްސަލައަށް ހައްލެއް ހޯދަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން މިހާރު ތައްޔާރުވަނީ އެ މައްސަލައަށް މަޖިލީހުގެ ތަޅުމުން ހައްލެއް ނުލިބިއްޖެ ހާލަތެއްގައި ކަންކުރާނެ އުސޫލެއް ކަނޑައެޅުމަށް ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

"ވަގުތީ އަމުރެއްގެ ހިޔަލުގައި ނަމަވެސް ރައްޔިތުންގެ މަޖިލީހުންނާ އަދި ބަންޑާރަ ނާއިބުގެ އޮފީހުން ކުރަން ހުރި ކަންތައްތައް ނިމެންދެން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދޭން އެބަޖެހޭ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ގަވާއިދުތަކަށް އަމަލުކުރާނެ އޮޕްޝަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ ގިނަ ގަވާއިދުތައް ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެއްތިދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ދައުލަތުގެ ބޭނުމަކީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ހުއްޓާނުލުން. ރައްޔިތުންގެ މަޖިލީހުން ކުރައްވަންޖެހޭ ކަމެއް ނުކުރެއްވުނޭ ކިޔާފައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ހާލަތު އޮތް ގޮތުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހުއްޓިގެން ނުވާނެ އަޅުގަނޑުމެން ދެކޭ ގޮތުގައި،" ބަންޑާރަ ނާއިބު ވިދާޅުވި އެވެ. "ސަރުކާރުގެ އޮފީސްތަކަށް ދީފައި ހުރި މެންޑޭޓުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ހުރި މެންޑޭޓުތަކެއް. އެހެންވީމަ އެ މެންޑޭޓުގެ ތެރޭގައި އުސޫލުތައް ހިންގުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވެސް އަޅުގަނޑުމެން ކުރަން އެބަޖެހޭ."

ގާނޫނީ ބެލެނިވެރިކަން ދޭންޖެހޭ ގަވާއިދުތަކުގެ މުއްދަތު އޭޕްރީލް، 2013 އާ ހަމައަށް އިތުރުކުރަން މަޖިލީހުގެ ގަވާއިދު ކޮމެޓީން ވަނީ މި ހަފުތާގައި ނިންމައިފަ އެވެ. އެކަމަކު ގާނޫނު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުން އެކަން ފާސްކުރަން ޖެހެ އެވެ.

16 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait