ރައީސް ނަޝީދު

ނަޝީދުގެ ކުށަކީ ކޮބައިކަމެއް ފުލުހުންނަށް ސާފުކޮށެއްނުދެވޭ: ވަކީލު

އަލީ ޔޫސުފް
02 އޯގަސްޓް 2012 23:29 48 ކޮމެންޓު
  • ނަޝީދު (މ) މިއަދު ފުލުސް އޮފީހަށް ވަޑައިގަންނަވާއިރު ސެކިއުރިޓީން ހިމާޔަތް ދެނީ: ނަޝީދުގެ ކުށަކީ ކޮބައިކަން ފުލުހުންނަށް ބުނެ ނުދެވުނު ކަމަށް ވަކީލުން ވިދާޅުވޭ. -- ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުލުސް އޮފީހަށް ހާޒިރުވި އިރު ކުށަކީ ކޮބައިކަން ފުލުހުންނަށް ސާފުކޮށްދެވިފައި ނުވާ ކަމަށް ނަޝީދުގެ ގާނޫނީ ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން ލައިވްކޮށް ދެއްކި އިންޓަވިއުގައި ނަޝީދުގެ ގާނޫނީ ވަކީލު އަދި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވާން ނަޝީދަށް ފޮނުވާފައި ވަނީ ޗިޓެއް ނޫން ކަމަށާއި ހާޒިރު ނުވި ނަމަވެސް ފުލުހުންނަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް ކަމަށެވެ. ނަމަވެސް ފުލުސް އޮފީހަށް ނަޝީދު ވަޑައިގެންނެވީ ފުލުހުން ކުރާ ތަހުގީގަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ އަނެއް ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް ތުހުމަތުކުރައްވަނީ ކޮން ކުށެއްކަން ނޭނގޭތީ ދިފާއުގައި ވިދާޅުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި ތުހުމަތުކުރަނީ ކޮށް ކުށެއްކަން ސާފުކޮށްދިނުމަށް ނަޝީދު ތަކުރާރުކޮށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ފުލުހުންގެ ތުހުމަތުގައި ބުނެފައި ވަނީ މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފުލުހުންނަށާއި ފުލުހުންގެ މުދަލާ ތަކެއްޗަށް ގެއްލުންދެމުން ގެންދާތީ އެ ކަމަކީ ނަޝީދުގެ ރޭއްވެވުމުގެ ދަށުން ކުރާ އަމަލުތަކެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކުށްތަކެއް ކަމެއް ނުވަތަ ދީފައި ވަނީ ކޮން ގެއްލުންތަކެއް ކަމެއް ސީދާ ސާފުކޮށްދިނުމަށް ނަޝީދު ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ތަހުގީގުކުރިއަށް ދިޔަ އިރު އެތަން މޮނީޓާކުރަން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ހަރަކާތްތެރިވި ކަމަށާއި އެއީ އޭގެ ޒާތުގައި ރަނގަޅު ކަމަކަށްވީ ނަމަވެސް ފުލުހުން އެކަން ކުރީ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ސްޓަންޓެއް ޖެއްސުމުގެ ގޮތުން ކަމަށެވެ. އަދި އެ ކަމަކީ އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ކުރާ ކަމެއްތޯ ސުވާލުކުރުމުން އެއީ އެފަދަ އެއްވެސް ގޮތަކަށް ކުރާ ކަމެއް ނޫން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ތަހުގީގުތައް މޮނީޓާކުރާ ނަމަ ހަމައެކަނި އެންމެ މައްސަލައެއްގައި އެކަން ކުރުމުގެ ފުރުސަތު ދިނުމުން ފުލުހުންގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މަޖުބޫރުކޮށްގެން ފުލުހުން ބަޔާން ނަގާ ކަމަށް ތުހުމަތުކުރެވޭ އިރު މި ގޮތަށް ކުރާ ތަހުގީގުތަކާއި ބަޔާންތައް ނަގާ އިރު މޮނީޓާކުރުމުގެ ފުރުސަތު ތަފާތުކުރުމެއް ނެތި ހުރިހާ މައްސަލައެއްގައި ދޭންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ސިޓީ އަށް އިޖާބަ ދިނުމުގެ ގޮތުން މިއަދު 00: 2 ގައި ކެނެރީގެއިން ހިންގަވާފައި ފުލުހުންގެ އިދާރާ އަށް ނަޝީދު ހުސެން އާދަމް ބިލްޑިންގަށް ވަޑައިގެންނެވި އިރު މަގުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގަޑިޖެހުނު ކަމަށާއި އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް ނަޝީދު އެންމެ ފުރަތަމަ ދިމާކުރެއްވީ މުލިއާގެ ކައިރިން ހުކުރު މިސްކިތާވީ ފަޅިންނެވެ. ނަމަވެސް އެ މަގުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮތުމުން ދެން ވަޑައިގަންނަވަން އުޅުއްވީ އިސްލާމީ މަރުކަޒާއި ސިފައިންގެއާ ދެމެދުގައި އޮންނަ މަގުންނެވެ. ނަމަވެސް އެތަން ވެސް ބަންދުކޮށްފައި އޮތުމުން ދެން ވަޑައިގެންނެވީ ޗާންދަނީ މަގުން ޖުމްހޫރީ މައިދާނާވީ ދިމާއަށެވެ. ނަމަވެސް އެތަން ވެސް އޮތީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.

ފުލުހުން ބުނަމުން ދިޔައީ ސަޕޯޓަރުންނާ އެކު ނުވަދެވޭނެ ކަމަށެވެ. ސަޕޯޓަރުން ބުނަމުން ދިޔައީ އެ މީހުންނާ އެކުގައި ނޫނީ ނަޝީދަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކަކާ އެކު ނަޝީދާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި އަރިސް ބައެއް ބޭފުޅުންނާ އެކު ބެރިކޭޑް ހުރަސްކުރައްވައި އިސްލާމީ މަރުކަޒުގެ ޖުމްހޫރީ މައިދާނާ ވީ ދޮރު ކުރިމައްޗަށް ވަޑައިގެން ބެންޗެއްގައި އިށީނދެ ވަޑައިގަތެވެ. ނަމަވެސް ރާއްޖެ ޓީވީއާ ނުލައި ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އެ ތަނުގައި މަޑުކުރެއްވި އެވެ. ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމާފައިވާތީ ބެރިކޭޑްގެ ތެރެ އަށް ވަނުމުގެ ފުރުސަތު އެ ތަނުގެ ރިޕޯޓަރުންނާއި ކެމެރާމަނުންނަށް ފުލުހުން ދީފައެއް ނުވެ އެވެ.

މިރޭ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި ހިސާން ވިދާޅުވީ "ފްރީ މީޑިއާއަކީ ރާއްޖެ ޓީވީ" ކަމަށްވާ އިރު އެ ޗެނަލް ނެތި ފުލުހުންގެ އިދާރާ އަށް ވަޑައިނުގަންނަވާން ނިންމެވީ ކަމަށެވެ. އަދި 00: 3 ޖަހަންދެން ބެލުމަށް ފަހު ފުލުހުންގެ އިދާރާ އަށް ވަޑައިނުގެންފި ނަމަ ހާޒިރުނުވީ ކަމަށް ބަލާނެ ކަމަށް ފުލުހުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާނުގެ ބެންޗެއްގައި ގިނަ އިރުތަކެއް ވަންދެން އިންނެވުމަށް ފަހު ނަޝީދު ފުލުހުންގެ އިދާރާ އަށް ވަޑައިގެންނެވީ ރާއްޖެ ޓީވީގެ ރިޕޯޓަރުން ބެރިކޭޑް ތެރެ އަށް ވެއްދުމުންނެވެ. ނަމަވެސް ޝަހީދު ހުސެން އާދަމް ބިލްޑިން ތެރެއަށް ނަޝީދު ވެންނެވުމާ އެކު އަނެއްކާ ވެސް ރާއްޖެ ޓީވީ އެ ސަރަހައްދުން ބޭރުކޮށްލި އެވެ.

ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރެއްވުމަށް ފަހު ފުލުހުންގެ އިދާރާ އިން ނަޝީދު ނުކުމެ ވަޑައިގެން މީޑިއާ އަށް އިންޓަވިއު ދެއްވަން ތައްޔާރުވެވަޑައިގަތް ނަމަވެސް އެކަން ކެންސަލްކުރެއްވީ ވެސް ރާއްޖެ ޓީވީ އެ ތަނުގައި ނެތުމުންނެވެ. އެ މަނިކުފާނު މީޑިއާ އަށް އިންޓަވިއުދެއްވީ ޗާންދަނީ މަގުން ބެރިކޭޑް ބޭރަށް ވަޑައިގެން ރާއްޖެ ޓީވީގެ ރިޕޯޓަރުންނަށެވެ.

އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ ފުލުހުންގެ އިދާރާގެ ތެރޭގައި ބާޣީން ވެސް އެބަ ތިބި ކަމަށާއި އެކަމަކު ގައުމީ ފުލުހުން ވެސް ތިއްބެވި ކަމަށެވެ. ފުލުހުންނަށް ދެއްވި ބަޔާނާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް ނުދެއްވައި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ނަޝީދު ގެ އަށް ވަޑައިގެންނެވީ ސަލްޓަންޕާކް ކައިރީގައި އޮތް ކާރެއްގަ އެވެ. ފުލުހުންގެ އިދާރާ އަށް ނަޝީދު ވަޑައިގެންނެވިމަށް ކުރެއްވި މަސައްކަތުގެ ތެރޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި އެވެ. އަދި ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެ އެވެ.

48 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait