ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ އިދާރާއަށް ވަޑައިގަތުމާ ދިމާކޮށް، މިއަދު ހަވީރު ޖުމްހޫރީ މައިދާން ކައިރިއަށް އެއްވި މީހުން އެ ސަރަހައްދުގައި ތިބި ސިފައިންނަށް އަނިޔާކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެތަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާއި، ޑިއުޓީގައި ތިބި ސިފައިންގެ އޮފިސަރަކާއި އިތުރު ދެ މީހަކަށް އެކި ވަރުގެ އަނިޔާތައް ކޮށްފައިވާ ކަމަށެވެ. އަދި އެއްވި މީހުން ސިފައިންނާ ދިމާއަށް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ސިފައިންގެ ވާޖިބަށް ވެސް ހުރަސް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ބަޔާނުގައި މިކަން ސިފަ ކޮށްފައިވަނީ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގަ އެވެ. އަދި އެއީ ސަލާމަތީ ކަންތައް ބަލަހައްޓަން ތިބޭ ބަޔަކާ މެދު ކޮށްގެން ވާނެ ފަދަ އަމަލެއް ނޫން ކަމަށާއި ސުލްހަވެރި އެއްވުންތަކުގައި ފެނިގެންވާނެ އަމަލުތަކެއް ނޫން ކަމަށް ވެސް އެމްއެންޑީއެފުގެ ބަޔާނުގައި ބުނެފައި އެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނަޝީދު މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރިއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވި އެވެ. އަދި ސަލާމަތީ ބާރުތަކާއި އެއްވި މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ބައެއް މީހުން ހައްޔަރު ކޮށްފައި ވެސް ވެ އެވެ.

49 comments