ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި ސުވާލުކުރުމަށް ފުލުސް އޮފީހަށް ހާޒިރުކުރުމުން ތަހުގީގުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިންކާރު ކުރައްވައި އެމަނިކުފާނު ދެއްވީ އަމިއްލަ ބަޔާނެއް ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
އިއްޔެ 00: 2 ގައި ނަޝީދު ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން އަންގާފައި ވަނީ، ފުލުހުން ބުނިގޮތުގައި، މެއި މަހުގެ 29 އިން ފެށިގެން ފުލުހުންނާއި ފުލުހުންގެ ތަކެއްޗަށް ދެމުން އަންނަ ގެއްލުންތަކަކީ ނަޝީދު އިސްވެ ހުންނަވައި ރާވައިގެން އެމަނިކުފާނުގެ އިރުޝާދާ އެކު ހިންގާފައިވާ ހަމަނުޖެހުންތަކެއް ކަމަށް ތުހުމަތުކުރެވިގެން ސުވާލުކުރުމަށެވެ.
ފުލުހުން ބުނީ އިއްޔެ 00: 2 އަށް ހާޒިރުވުމަށް އެންގުމުން ނަޝީދު ފުލުސް އޮފީހަށް ހާޒިރުވެފައި ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގައި ގިނަ ވަގުތު މަޑުކުރެއްވުމަށް ފަހު 00: 3 ހާއިރު ކަމަށެވެ. ފުލުހުން ބުނިގޮތުގައި ނަޝީދު ފުލުހުންގެ މައި މަރުކަޒަށް ވަޑައިގެން ތަހުގީގުގެ ސުވާލުތައް ފެށުމުން އެމަނިކުފާނު ބޭނުންފުޅުވީ ހުރިހާ ސުވާލުތަކެއް އަޑުއެއްސެވުމަށް ފަހު ޖަވާބު ދެއްވުމަށެވެ.
"އަދި މައްސަލައާ ގުޅޭ ސުވާލުތައް ކުރަން ފެށުމުން އެމަނިކުފާނު ބޭނުންފުޅު ވަނީ ތަހްގީގުގައިކުރާ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި އެމަނިކުފާނުގެ ފަރާތުން ބަޔާނެއް ދެއްވުމަށް ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ތަހުގީގަށް އެއްބާރުލުން ދެއްވަން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ފުލުހުން ބުނެދެއްވާފައި ނުވާ ކަމަށް ވިދާޅުވެ މައްސަލައާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވުމަށް އިއުތިރާޒް ކުރައްވާފައިވެ އެވެ،" ނަޝީދާ ސުވާލުކުރުމާ ބެހޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
ފުލުހުން ބުނިގޮތުގައި، ނަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އެ ކުށް ބަޔާންކުރާ ގާނޫނީ މާއްދާތައް ތަހުގީގުކުރާ ފަރާތުން ތަކުރާރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާފުނުވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ފަހުން އެމަނިކުފާނުގެ ލީގަލް ޓީމާ މަޝްވަރާކުރެއްވުމަށް ފަހު، ބަޔާނެއް ލިއުއްވައި އެ ލިއުން ތަހުގީގު ޓީމާ ހަވާލުކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
"އަދި އެލިޔުން ބަޔާނެއްގެ ސިފައިގައި ލިޔުމުން އިސްލާހް ކުރެއްވުމަށް ފަހު އެބަޔާނުގައި ސޮއިކުރައްވާފައިވެ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ތަހުގީގުގައި ނަޝިދާ ކުރި ސުވާލުތަކާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވީ ނަޝީދުގެ ކުށަކީ ކޮބައިކަން ފުލުހުންނަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.
އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވެފައި ވަނީ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް ތުހުމަތުކުރަނީ ކޮން ކުށެއްގައި ކަން ނޭނގޭތީ ދިފާއުގައި ވިދާޅުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި ތުހުމަތުކުރަނީ ކޮން ކުށެއްގައި ކަން ސާފުކޮށްދިނުމަށް ނަޝީދު ތަކުރާރުކޮށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
41 comments