ފުލުހުންނަށް އަނިޔާކުރުމަށް ހިތްވަރުދީ އުސް ފަސްގަނޑުގައި ވާހަކަ ދައްކަވާފައިވާތީ، ފުލުހުން ހައްޔަރުކޮށްފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މާހިރު އީސާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ކްރިމިނަލް ކޯޓުން އަނެއްކާ ވެސް އިއްޔެ އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އޭނާ އިތުރު 10 ދުވަހު ޖަލުގައި ބެހެއްޓުމަށް ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފައި މިވަނީ މިދިޔަ މަހު 25 ގައި އިތުރު ކުރި މުއްދަތު ހަމަވާތީ ފުލުހުން އޭނާ ކޯޓަށް ގެންދިއުމުންނެވެ.
އެމްޑީޕީން މިއަދު ބުނިގޮތުގައި މާހިރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ އޭނާ މިނިވަންކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވަނިކޮށެވެ.
އުސް ފަސްގަނޑުގައި ވާހަކަ ދައްކަވަމުން މާހިރު ވިދާޅުވެފައި ވަނީ ފުލުހުން ވެރިކަން ބަދަލުކޮށްފައި ވަނީ ބަޣާވާތް ކޮށްގެން ކަމަށާއި އެމްޑީޕީ އަށް ވެރިކަން ހޯދައިދިނުމަށް އެންމެ ފަހު މީހާއާ ޖެހެންދެން އޭނާ ހުންނަވާނެ ކަމަށެވެ. އަދި ފުލުހުންގެ ބެރިކޭޑްތައް މަތިން ދާން ޖެހުނަސް އޭނާ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ފުލުހުންނަށް އަނިޔާކުރަމަށް ހިތްވަރުދީ ވާހަކަ ދައްކަވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މާހިރު ހައްޔަރުކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. މާހިރަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމާ ގުޅިގެން ހައްޔަރުކުރުމަކީ ޑިމޮކްރެސީ އަށަގެންނެވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުވުން ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

31 comments