ކޯޓް

މުއްތަލިބު، އިބުރާގެ އަބުރާ ބެހުނު ކަމަށް ބުނާ ބައި އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި

މުއިއްޒު އިބްރާހިމް
06 އޯގަސްޓް 2012 14:55 11 ކޮމެންޓު
  • އިބުރާ: އޭނާގެ އަބުރާ ބެހުނު ކަމަށް ބުނާ ބައި އަލުން ބަލަންވަނީ އަމުރުކޮށްފައި --ހަވީރު ފައިލް ފޮޓޯ

ރައީސް ނަޝީދުގެ ސަރުކާރު ޕޮލިޓިކަލް އެޑްވައިޒަރަކަށް ކުރިން ހުންނެވި އިބްރާހިމް އިސްމާއިލް )އިބުރާ(ގެ އަބުރާ، މުއްތަލިބު ބެހުނު ކަމަށް ވިދާޅުވެ އިބުރާ ކުރެއްވި އަބުރުގެ ދައުވާގައި އިބުރާގެ އަބުރާ ބެހުނުކަން ނުވަތަ ނޫންކަން ބަލައި ކަނޑައެޅުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތަލިބު ދިޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެ މައްސަލަ ފުރަތަމަ ހުށަހެޅުއްވީ ސިވިލް ކޯޓަށެވެ. އެ ދައުވާގައިވަނީ އިބުރާގެ އަބުރާ ބެހުނުކަން ކަނޑައަޅައި އިބުރާގެ ކިބައިން މައާފަށް އެދުމަށް މުއްތަލިބުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މައާފަށް އެދުމަށް މަޖުބޫރު ކުރުމަކީ ކޯޓަށް ލިބިފައިވާ ބާރެއް ކަމަށް ބެލެވެން ނެތުމުން އިބްރާގެ ކިބައިން މައާފަށް އެދުމަށް މުއްތަލިބަށް އަންގާނެ ތަނެއް ނެތް ކަމަށެވެ. އަދި އެއީ ގާނޫނީގޮތުން ހޯދައިދެވެން ނެތް ބަދަލެއް ހޯދުމަށް އެދިފައިވާ ދައުވާއަކަށްވާތީ އިބުރާގެ އަބުރާ ބެހުނުކަން ނުވަތަ ނޫންކަން އެ ހުކުމުގައި ކަނޑައަޅާފައެއް ނުވެއެވެ.

އެހެންވުމުން އިބުރާ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ އެވެ.

އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަބުރާ ބެހުނުކަން ސާބިތުވެއްޖެނަމަ އޭގެ ބަދަލުގައި ނަގައިދެވޭނީ މުޅިން ވެސް މާލީ ބަދަލުތައް ކަމަށް އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގައި ބުނާ ކަމަށެވެ. އަދި މާލީ ބަދަލުތައް ފިޔަވައި އިތުރު އެހެން ބަދަލެއް ނަގައިދެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިނުވާ ކަމަށް އެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން އެކަމެއްގައި އަމަލުކުރަންޖެހޭ ގޮތް ގަވާއިދެއްގައި ނުވަތަ ގާނޫނެއްގައި ކަނޑައެޅިގެން ބަޔާންވެގެންވާއިރު އޭގެ ބޭރުން އެއާ ހިލާފަށް ފަނޑިޔާރަށް އަމަލުނުކުރެވޭނެ ކަމަށް ޝަރުއީ އަދި ގާނޫނީ ގޮތުން ބެލެވޭ ކަމަށެވެ. އަދި އެހެން ބައެއް ގައުމުތަކުގައި މައާފަށް އެދުމަށް އަންގަނީ އެގައުމުތަކުގެ ގާނޫނުތަކުން އެ ފުރުސަތު ލިބޭތީ ކަމަށް އެ ހުކުމުގައި ވެއެވެ.

އެހެންކަމުން އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެގޮތުގައި މައާފަށް އެދުމަށް އަމުރުކުރުމަކީ މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ އަބުރާއި ބެހުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ ދަށުން ކޯޓުތަކަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.

އެހެން ނަމަވެސް އަބުރުގެ ދައުވާއެއް ހުށަހެޅޭއިރު އެ ދައުވާގައި އެދިފައިވާ ބަދަލު ނަގައިދެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ކުރިން ދައުވާކުރާ ފަރާތުގެ އަބުރާ ބެހިފައިވާކަން ނުވަތަ ނޫން ކަން ކަނޑައަޅަންޖެހޭނެ ކަމަށް އެ ހުކުމުގައި ވެއެވެ.

އެހެންކަމުން އިބުރާ އެދިފައިވާ ބަދަލަކީ ނަގައިދެވޭނެ ބަދަލެއް ނޫން ކަމަށް ވީ ނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި އިބުރާގެ އަބުރާއި ބެހުނުކަން ނުވަތަ ނޫންކަން ބަލައިދެވެން ނެތް ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލްކޮށް އެ ބައި އަލުން ބެލުމަށް އަމުރުކުރާ ކަމަށް ހައި ކޯޓުގެ އެ ހުކުމުގައި ވެއެވެ.

މުއްތަލިބުގެ މައްޗަށް އިބުރާ ދައުވާކޮށްފައިވަނީ ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން އެމްއީއެސްގެ އިމާރާތް އިއުލާން ކުރުމެއްނެތި އިބުރާގެ މަންދު ކޮލެޖަށް ދިން ކަމަށް ވިދާޅުވެފައިވާތީ އެވެ. އަދި ތައުލީމީ ފަންޑުން މަންދު ކޮލެޖަށް ލޯނު ދޫކޮށްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމަށް މުއްތަލިބު އެ ޕްރޮގްރާމްގައި ވިދާޅުވި ކަމަށް ވެސް އެ ދައުވާގައި އެދިފައި ވެއެވެ.

11 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait