ޚަބަރު

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ކަމަށް ބުނެ ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

މުއިއްޒު އިބްރާހިމް
06 އޯގަސްޓް 2012 15:53 5 ކޮމެންޓު
  • ފަވާޒް: އޭނާގެ މައްޗަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ--ފޮޓޯ/ ޕޮލިސް

ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދެކޮޅަށް މާޗް 1 ގައި އެމްޑީޕީން ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި މަޖީދީމަގުގައި މާލޭ ސިޓީ ކައުންސިލް ކައިރީގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ކަމަށް ބުނެ ދައުލަތުން އުފުލާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

އެ މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ހ، ރެދަން، ފަވާޒް ކަޅުތުއްތުގެ މައްޗަށެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގައި ވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާ ނިންމާފަ އެވެ. އެ ޝަރީއަތުގައި ހެކިބަސް ދެމުން އެއް ހެއްކަކު ބުނެފައިވަނީ ވެއްޓިފައި އޮތް ސައިކަލެއްގައި ފަވާޒް ރޯކޮށްލިތަން ދުށް ކަމަށެވެ. އަދި އެއީ އޭނާކަން ޔަގީންވާ ކަމަށްވެސް އެ ހެކިވެރިޔާ ބުނެފައި ވެއެވެ.

އެ މައްސަލައިގައި މިއަދު އޮތީ ހުލާސާ ބަޔާން ހުށަހެޅުމެވެ.

ހުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ސައިކަލުގައި ރޯކޮށްލި ދުވަހު ފަވާޒްގެ ހަރަކާތް ހުރިގޮތް ޓެސްޓް ކުރުމަށް އިސްކަންދަރު ކޮއްޓަށް ގެންގޮސް ޓެސްޓް ކުރި ކަމަށާއި އަދި އެ ހާދިސާ ހިނގި ދުވަހު ފަވާޒް ލައިގެން ހުރި ސޯޓު އޭނާ ފުލުހުންނަށް ދިން ކަމަށެވެ. އަދި ޓެސްޓް ކުރުމުން ސައިކަލުގައި ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯގައި ފެންނަ މީހާގެ ސިފަ އާއި ދުވެފައިވާ ދާ ގޮތާއި އިސްކޮޅާއި އަނަރޫފަ އާއި ލައިގެންހުރި އެއްޗެހިވެސް ފަވާޒްގެ އެ ހުރިހާ ކަމަކާ ދިމާވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ހުލާސާ ބަޔާން ހުށަހަޅުއްވަމުން ފަވާޒްގެ ވަކީލް މުހައްމަދު ފަރީދު ވިދާޅުވީ ފަވާޒް ސައިކަލުގައި ރޯކޮށްލިތަން ދުށް ކަމަށް ހެކިބަސްދިން ހެކިވެރިޔާއަށް ފަވާޒް ރަނގަޅަށް ނޭނގޭ ކަމަށެވެ. އަދި އެ ހެކިބަހަކީ ސާބިތުނުހިފޭ ހެކިބަހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފަވާޒާ ދެކޮޅަށް ހެކިބަސްދިން ފުލުހުން ދީފައިވާ ހެކިބަސް ދިމާނުވާ ކަމަށް ފަރީދް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި ދުވަހު ފަވާޒް ލައިގެންހުރި ސޯޓު ފުލުހުންނަށް ދިނީ ކީއްވެގެންތޯ އެ މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރެއްވުމުން ފަރީދު ވިދާޅުވީ އެ ސޯޓު ދިނީ ފަވާޒް ގެއަށް ގެންގޮސްދޭނެ ކަމަށް ފުލުހުން ބުނުމުން ކަމަށެވެ.

އެ މައްސަލައިގައި ފަވާޒްގެ ފަރާތުންވެސް ވަނީ ދިފާއުގައި ހެއްކަކު ހުށަހަޅާފަ އެވެ.

އެހެން ނަމަވެސް ގާޒީ ވިދާޅުވީ ދިފާއުގައި ހުށަހަޅާފައިވާ ހެކިވެރިޔާގެ ހެކިބަސް ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށާއި އެ ގޮތަށް ނިންމި ސަބަބު ހުކުމް އިއްވާ ދުވަހު ހާމަކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި މި މަހުގެ 22 ވަނަ ދުވަހު ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފަވާޒްގެ މައްޗަށް އެ ކުށް ސާބިތުވެއްޖެނަމަ އޭނާ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ހުކުމްކުރާނެ އެވެ.

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait