ފަންސާސް ރުފިޔާގެ ވަގު ނޫޓަކުން ވިޔަފާރިކުރި ބިދޭސީއަކު 5،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަބްދުލްއަވަލްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އޭނާ ސިގިރެޓް ފޮއްޓެއް ގަތުމަށް ފަހު އެ ފޮއްޓަށް އަގު އަދާކުރުމުގެ ގޮތުން 50ރ. ވަގު ނޫޓެއް އެ ފިހާރައަށް ދައްކާފާއިވާ ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކައުންޓަފީޓް ނޫޓް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ 50ރ. ގެ ވަގު ނޫޓެއް އެ ފިހާރައަށް ދިންކަން އަބްދުލްއަވަލްގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ ކައުންޓަފީޓް ނޫޓް އަތުގައި ބެހެއްޓުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އެއީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް އެ ހުކުމުގައި ވެއެވެ.
އެހެންކަމުން ގާނޫނުލް އުގޫބާތުގެ 96 ވަނަ މާއްދާގެ ދަށުން އޭނާ 5،000ރ. އިން ޖޫރިމަނާކުރަން ހުކުމްކުރާ ކަމަށް އެ ހުކުމުގައި ވެއެވެ.
މީގެ އިތުރުން އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ވެސް ހުކުމުގައި އޭނާއަށް އަންގާފައި ވެއެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
11 comments