މެރީޑިއަމް ސާވިސަސް އިން މާލޭ ހުޅަނގު ފަރާތު އަމީނީ މަގުގައި ހަދާފައިވާ ޕެޓްރޯލް ޝެޑް ހުޅުވަން މާލޭ ސިޓީ ކައުންސިލުން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް މިރޭ އެތަން ހުޅުވައިފި އެވެ.
ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހު މިރޭ ހިދުމަތް ދޭން ފެށި މެރީޑިއަމް ފިލިން ހުޅުއްވައިދެއްވީ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗު އަލީ ސުޒޭނާއި ވީބީ އައްޑޫ އެފްސީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) އެވެ.
މެރީޑިއަމުން މި ޕެޓްރޯލް ޝެޑު ފުރަތަމަ ފަހަރު ހުޅުވައި 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިދުމަތް ވެސް ދީފައިވެ އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ހިދުމަތް ވަނީ ހުއްޓާލައިފަ އެވެ. އެ ފަހަރު ހިދުމަތް ހުއްޓާލީ މެރީޑިއަމަށް ކްރެޑިޓަށް ތެޔޮ ފޯރުކޮށްދިނުން އެސްޓީއޯ އިން ހުއްޓައިލުމާ ގުޅިގެންނެވެ. އެސްޓީއޯ އިން ކްރެޑިޓަށް ނެގި ތެލަށް ވާ ފައިސާ ނުދައްކާ ކަމަށް ބުނެ އޭގެ ފަހުން އެސްޓީއޯ އިން ވަނީ 19.3 މިލިއަން ރުފިޔާ ހޯދުމަށް މެރީޑިއަމާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފަ އެވެ.
ޕެޓްރޯލާއި ޑީސަލް އަޅައިދޭ ޝެޑްގެ ހިދުމަތް ނުފަށައިފި ނަމަ ބިން އަތުލާނެ ކަމަށް ބުނެ މެރީޑިއަމް ސާވިސަސް އަށް މާލޭ ސިޓީ ކައުންސިލުން ދިން ހަތް ދުވަހުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ. މެރީޑިއަމްގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މެރީޑިއަމަށް ދޫކޮށްފައިވާ ބިން މަގުސަދާ ހިލާފަށް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ބިމުގައި ވެހިކަލް މަރާމާތުކުރުމާއި ދަވާދުލުމާއި އަދިވެސް އެކިކަހަލަ މެއިންޓެނަންސް މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ.
ސިޓީއެއް ފޮނުވި ކަމަށް ކައުންސިލުން ބުނެފައިވާ އިރު އަދި މީޑިއަށް ކައުންސިލުން އެފަދަ ސިޓީއެއްގެ ކޮޕީ ފޮނުވާފައިވީ ނަމަވެސް ރިޔާޒު މިރޭ ވެސް ވިދާޅުވީ ސިޓީއެއް ނުލިބޭ ކަމަށާއި އެކަން އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށެވެ.
ރިޔާޒު ވިދާޅުވީ ދަތިތަކެއް ހުރި ނަމަވެސް ޕެޓްރޯލް ޝެޑް ހުޅުވީ ސިޓީ ކައުންސިލަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށާއި އެ ތަން ހުޅުވަން މާލޭ މޭޔަރު މައިޒާން އަލިމަނިކު (މައިޒާން އަލިބެ) އަށް ދައުވަތު ވެސް ދެއްވި ކަމަށެވެ. ނަމަވެސް އަލިބެ އެ ދައުވަތު ގަބޫލުކުރައްވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާލޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ތެޔޮ އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށާއި މެރީޑިއަމަށް އެކަން ހަނދާކޮށްދިނީތީ ސިޓީ ކައުންސިލަށް ރިޔާޒު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ސިޓީ ކައުންސިލުން މެރީޑިއަމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެއްބަސްވުމުގައިވާ ގޮތުން ބިން ހަވާލުކުރާތާ އަހަރެއްގެ ތެރޭގައި ހިދުމަތް ފަށަން ޖެހޭނެ ކަމަށް ބުނަފައިވީ ނަމަވެސް މިއަދާ ހަމަ އަށް ވެސް އެކަށީގެންވާ ވަރަށް ހިދުމަތް ގެންގޮސްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެސްޓީއޯ އިން ކްރެޑިޓަށް ތެޔޮ ދޫނުކުރާތީ އެ ތަނަށް ތެޔޮ ގަންނަނީ ވަގުތުން ފައިސާ ދައްކާފައި އާންމު ރޭޓުން ކަމަށެވެ. މީގެ ސަބަބުން މާލޭގައި ހުރި އެހެން ޝެޑްތަކުން ވިއްކާ އަގަށް ވުރެ ކުޑަ ތަންކޮޅެއް މެރީޑިއަމްގައި އަގު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ ތެޔޮ ވިއްކާ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް 16.21ރ. އަށް ވިއްކާ އިރު މެރީޑިއަމުން ލީޓަރެއް ވިއްކަނީ 16.99ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް 15.96 ލާރި އަށް ވިއްކާ އިރު މެރީޑިއަމުން ވިއްކަނީ 16.50ރ. އަށެވެ.
"ނަމަވެސް މި ތަނުގައި ފަސޭހަތަކެއް ހުންނާނެ. އެ ގޮތުން 14 ވެހިކަލް އަށް އެއްފަހަރާ ތެޔޮ އެޅޭނެ. އެހެންވީމާ ކިޔުގައި ނުޖެހި ތެޔޮ އެޅުމަށް ރުފިޔާއެއް ވަރު އިތުރަށް ހޭދަކޮށްލުމަކީ މާ ބޮޑު އެއްޗެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ތެޔޮ ވިއްކަންޖެހިފައި ވަނީ ގެއްލުމުގައި ކަމަށްވީ ނަމަވެސް ޕެޓްރޯލް ޝެޑުގައި ހުރި ފިހާރަ އާއި އެހެން ހިދުމަތްތަކާ އެކު ހަރަދުތައް ފޫބެއްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެސްޓީއޯ އިން މެރީޑިއަމަށް ދަތިތަކެއް ކުރިމަތިކުރުވީ އެމްޑީޕީގެ ސަރުކާރުގެ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށާއި ސަރުކާރު ބަދަލުވި ނަމަވެސް އެސްޓީއޯގެ މެނޭޖްމެންޓް ބަދަލު ނުވާތީ ކުރިން އޮތް ދަތިތައް އަދިވެސް އެބަ އޮތް ކަމަށެވެ.
"މި ސަރުކާރު ބަދަލުވީ ބައެއް ދިމަދިމާލަށް. އެސްޓީއޯއަކަށް ސަރުކާރު ބަދަލެއް ނުވޭ. އެސްޓީއޯގެ ތެރޭގައި އަދިވެސް އޮތީ ކުރީގެ ސަރުކާރު. އެހެންވީމާ ސަރުކާރު ބަދަލުވީމާ 2013ގައި އަޅުގަނޑު އުންމީދު މިކުރަނީ މިތަނުން ރަނގަޅު ހިދުމަތްތަކެއް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މެރީޑިއަމްގެ ޕެޓްރޯލް ޝެޑާ ޖެހިގެން ވިލާ ކުންފުނިން ހަދާފައިވާ ޝެޑުން ވެސް ހިދުމަތެއް ނުދެ އެވެ. މެރީޑިއަމަށް އިންޒާރުގެ ސިޓީއެއް ފޮނުވި އިރު ވިލާ އަށް ސިޓީ ފޮނުވިންތޯ "ހަވީރު"ން ކުރިން ސުވާލުކުރުމުން މޭޔަރު އަލިބެ ވިދާޅުވެފައިވަނީ "ވިލާ އަށް ވެސް ސިޓީ ދާނެތާއޭ" ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
14 comments