އަވަސް އިންތިހާބަކަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ "ސީދާ ހަރަކާތްތައް" މިއަދުން ފެށިގެން ހުއްޓާލުމަށް ނިންމި ނަމަވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ރައީސް މުހަންމަދު ވަހީދު ވަޑައިގަންނަވަނީ، އެކަން އަމަލީ ގޮތުން އެމްޑީޕީން ދެއްކުމުން ކަމަށް ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
ް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން އިއްޔެ ނިންމި ނިންމުމާއެކު މަޝްވަރާތަކަށް ވަޑައިގަންނަވަން ރައީސް ވަހީދު ތައްޔާރުތޯ "ހަވީރު" ން ދެންނެވުމުން އައްބާސް ވިދާޅުވީ އެ ޕާޓީން ބުނާ ބުނުން "އަމަލީ ސިފައެއްގައި ފެންނަންޖެހޭ" ކަމަށެވެ. އަދި އެކަމަކަށް ވަކި މުއްދަތެއް ވަންދެން ބެއްލެވުމަށް ފަހު ރައީސް ގޮތެއް ނިންމަވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
"އެމްޑީޕީގެ ސީދާ ހަރަކާތްތައް ހުއްޓާލި ކަމަށް މީޑިއާގައި ބުނި ނަމަވެސް މިހާތަނަށް އެ ޕާޓީގެ މެމްބަރުން ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު އިތުބާރު ކުރަން އުނދަގޫ. އިންޓިމިޑޭޝަން އެހާ ބޮޑަށް އެބަ އޮވޭ. ވަޒީރު ބޭފުޅުންގެ ކާރުތަކަށް އެބަ އަރައި ގަނޭ. ވަޒީރު ބޭފުޅުންގެ އާއިލާތަކަށް އެބަ ގޯނާ ކުރޭ. މިސްކިތްތަކުގެ ހުރުމަތް އެބަ ކަނޑާ. އެހެންވީމަ މި ގޯނާކުރުމުގެ ކަންތައްތައް ހުއްޓޭނެ ކަމުގެ ޔަގީންކަން ބޭނުންވޭ ސަރުކާރަށް. އަމަލީ ގޮތުން ފެންނަން ޖެހޭ،" އައްބާސް ވިދާޅުވި އެވެ.
"ސީދާ ހަރަކާތްތައް" ހުއްޓާލުމަށް އެމްޑީޕީގެ ހިންގާ ކޮމެޓީން ފާސްކުރީ، ޕާޓީތަކުގެ މަޝްވަރާއަށް އެއްބާރުލުން ދިނުމަށާއި ރޯދަ މަހުގެ ފަހު 10 ކަމަށް ވާތީީ ދީނީ އަޅުކަމަށް ވެސް ވަގުތު ހުސްކުރުމަށެވެ.
އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ހުއްޓާ ނުލަނީސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ނުދާނެ ކަމަށް ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ކުރިން ބުނެފައިވެ އެވެ.

18 comments