ޑރ. އަހުމަދު ޝަހީދު

ސަރުކާރަށް މަގާމުން ވަކި ނުކުރެވޭނެ ކަމަށް ޑރ. ޝަހީދު ވިދާޅުވެއްޖެ

ހުސައިން ފިޔާޒު މޫސާ
09 އޯގަސްޓް 2012 13:35 31 ކޮމެންޓު
  • ޑރ. އަހްމަދު ޝަހީދު: ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހަކުން ވެސް އޭނާ ރެޕަޓުއާގެ މަގާމުން ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވި. -- ހަވީރު ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރާ ގަރާރަކުން އދ.ގެ ރެޕަޓުއާ ކަމުން ވަކިނުކުރެވޭނެ ކަމަށް ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަ ބެލުމަށްޓަކައި އދ. އިން ކަނޑައަޅާފައިވާ ރެޕަޓުއާ ކަމުން ޑރ. ޝަހީދު ވަކިކުރަން ގޮވާލައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރާ ބެހޭ ގޮތުން ޝަހީދު ހަވީރަށް ވިދާޅުވީ އެ މަގާމަކީ" ރައްޔިތުންގެ މަޖިލިހުން، ދިވެހި ސަރުކާރުން ދިން މަގާމެއް ނޫން" ކަމަށެވެ. އަދި "ދިވެއްސަކަށް ވީތީވެ ލިބުނު މަގާމެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަގާމަކީ އަޅުގަނޑު އިންސާނީ ހައްގުތަކުގެ ދާއިރާ އަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ދިން މަގާމެއް. އަޅުގަނޑު މަގާމުން ވަކިކުރެވޭނީ ވެސް އެ ކައުންސިލަށް،" ސްވިޓްޒަލޭންޑުގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުގައި ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ގަރާރެއް ހުށަހެޅުއްވީ "ރިޔާޒުމެންނަށް ދުނިޔޭގެ ކަންކަން ހިނގާ ގޮތް ނޭނގޭތީ" އާއި "ސަރުކާރުގެ ސިޔާސަތާ ބެހޭތީ ހަޖަމު ނުކުރެވިގެން" ކަމަށެވެ.

ރިޔާޒުގެ ގަރާރުގައި ތުހުމަތުކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ޑރ. ޝަހީދު ދޮގުކުރެއްވި އެވެ.

ރެޕަޓުއާ ކަމުން ޑރ. ޝަހީދު ވަކިކުރަން ހުށަހެޅުއްވީ ފޮރިން މިނިސްޓްރީގެ 2010 ވަނަ އަހަރު ރިޕޯޓުގައި ހިޔާނާތުގެ މައްސަލަތަކުގެ މުގުލުގައި ހުންނެވީ އޭނާކަމަށް ވާތީ ކަމުގައި ރިޔާޒުގެ ގަރާރުގައިވެ އެވެ.

ރެޕަޓުއާގެ މަގާމަކީ ރާއްޖެ އަށް ލިބުނު ފުރުސަތެއް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތައް ހުރުމުން އެކަމުގެ ސަބަބުން ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ނަމާއި އަބުރާއި ގަދަރަށްޓަކައި ވެސް އޭނާ ރެޕަޓުއާ ކަމުން ދުރުކުރަން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރަން ގަރާރުގައި ގޮވާލާފައިވެ އެވެ.

31 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait