ސިވިލް ކޯޓް

އުސްފަސްގަނޑު ހުސްކުރަން ފުލުހުންނަކަށް ނޭންގޭނެ ކަމަށް ހުކުމްކޮށްފި

މުއިއްޒު އިބްރާހިމް
09 އޯގަސްޓް 2012 15:13 41 ކޮމެންޓު
  • ފުލުހުންގެ އެދުމުގެ މަތިން ސިފައިން މޭ 29 ގައި އުސްފަސްގަނޑު ރޫޅާލަނީ.--ހަވީރު ފޮޓޯ: އިބްރާހީމް ފާއިދު

އުސްފަސްގަނޑު ހުސްކުރަން އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ކޯޓުން މި ގޮތަށް ހުކުމްކުރީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ފުލުހުން އުސްފަސްގަނޑަށް އަރާ އެތަނުގައި ހުރި ތަކެތި އެރޭ  00: 10 ކުރިން ގެންދިއުމަށާއި އެ ތަކެތި ނުގެންގޮސްފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ބުނެ ފުލުހުން އެމްޑީޕީއަށް ސިޓީ ފޮނުވުމުން ނެވެ. އަދި އެފަދަ އެންގުމެއް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުން އެދި އެމްޑީޕީން ދައުލަތާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން ނެވެ.

ނަމަވެސް މައްސަލަ ދިރާސާކުރުމަށް ފަހު އިސްތިއުނާފްކުރުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުންޏެވެ.

ގާޒީ ހާތިފް ހިލްމީ ކުރެއްވި ހުކުމުގައިވަނީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އުސްފަސްގަނޑު ސަރަހައްދު އެމްޑީޕީއާ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެ ތަނަކީ ހައުސިން މިނިސްޓްރީގެ ތަނެއް ކަމަށް ދައުލަތުން ބުނެފައިވާއިރު ސަރުކާރުގެ އެ ނިންމުމުގެ ސައްހަ ކަމާމެދު ސިޓީ ކައުންސިލުން ސުވާލު އުފައްދާ އެތަން ސަރުކާރާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

އެހެންވުމުން އެ ތަނުގެ ގާނޫނީ ބެލެނިވެރިކަމާމެދު އެ ދެ ފަރާތުގެ ދެމެދުގައި ދެބަސްވުން އުފެދިފައިވާ ކަމަށާއި އެ މައްސަލައިގައި އެތަން ސަރުކާރާ ހަވާލުކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ދައުލަތުން ސިވިލް ކޯޓަށް ވަކި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެތަނުގެ ބެލެނިވެރިކަމާމެދު އުފެދިފައިވާ ދެބަސްވުމަށް ހައްލެއް ލިބިގެންދާނީ އެ މައްސަލައިގެ ތެރެއިން ކަމަށް އެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން ދޭދޭ ފަރުދުންގެ ދެމެދުގައި އުފެދޭ މަދަނީ ދެބަސްވުމެއްގައި އެ ދެބަސްވުމަށް މަދަނީ ހައްލެއް ހޯދުމުގެ ބަދަލުގައި ޝަރުއީ އަމުރެއް ނެތި އެއް ފަރާތެއްގެ ރައުޔު ތަންފީޒުކުރުމަކީ މަދަނީ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހައްގަށް ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ހުކުމުގައި ވެއެވެ. އަދި އެއީ ގާނޫނު އަސާސީގެ  17 ވަނަ މާއްދާ އާއި  20 ވަނަ މާއްދާއިން ލިބިދީފައިވާ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް ހުކުމުގައި ވެއެވެ.

އަދި އެތަން ސިޓީ ކައުންސިލުން އެމްޑީޕީއާ ހަވާލުކޮށްފައި ވަނިކޮށް އެތަނުގެ ބެލެނިވެރިކަމާމެދު ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު އުފެދުނު ދެބަސްވުމަކީ އެމްޑީޕީގެ ހައްގަށް އުނިކަން ލިބެންޖެހޭ ކަމެއް ނޫން ކަމަށް އެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން އުސްފަސްގަނޑުގައި ޖިނާއީ ކުށްތަކެއް ހިނގާ ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވާއިރު އެފަދަ އަމަލެއް ހިނގާނަމަ އެކަމެއް ތަހުގީގުކޮށް ގާނޫނީ އިމުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަކީ ފުލުހުންގެ ވާޖިބެއް ކަމަށް ހުކުމުގައި ވެއެވެ. ނަމަވެސް ފުލުހުންގެ ވާޖިބު އަދާކުރުމަކީ އުސްފަސްގަނޑު ސަރަހައްދު ބޭނުންކުރުމަށް އެމްޑީޕީއަށް ލިބިގެންވާ ހައްގަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެތަނުގެ ބެލެނިވެރިކަމާމެދު ދެ ފަރާތެއްގެ ދެމެދުގައި ސުވާލު އުފެދިފައިވާއިރު އެއް ފަރާތެއްގެ ބަހަށް ބުރަވެ އެ ފަރާތުގެ ބަސް ތަންފީޒުކުރުމަށްޓަކައި އެމްޑީޕީއަށް ފުލުހުން ފޮނުވާފައިވާ ސިޓީގައިވާ އެންގުން އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށް ކަނޑައަޅާ ހުކުމްކުރާ ކަމަށް ހުކުމުގައި ވެއެވެ.

ސިފައިންގެ އެހީގައި ފުލުހުން އެރޭ ވަނީ އެމްޑީޕީއަށް އެ ސިޓީ ފޮނުވުމަށް ފަހު އެތަން ރޫޅާލުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް އެތަނުގެ ބޮޑު ބައެއް ރޫޅާލިފަހުން ކޯޓުން ވަނީ އެތަން ރޫޅާނުލަން އަމުރުކޮށް އެކަން ހުއްޓުވާފަ އެވެ.

41 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait