ޚަބަރު

އެމްޓީސީސީން ފީ ބޮޑުކުރާނަމަ އަގު ހެޔޮކޮށް ހިދުމަތް ދޭނެ ފަރާތެއް ހޯދަން މަޖުބޫރުވާނެ: ކައުންސިލް

ފަޒީނާ އަހުމަދު
09 އޯގަސްޓް 2012 17:46 8 ކޮމެންޓު
  • އެމްޓީސީސީން އޮޕަރޭޓްކުރާ ވިލިމާލެ ފެރީއަކުން ސްކޫލް ކުދިންތަކެއް ފައިބަނީ: ކައުންސިލުން ވަނީ އެ ކުންފުންޏަށް އެންގުންތަކެއް އަންގާފައި --ހަވީރު ފައިލް ފޮޓޯ

މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ފެރީގެ އަގުތައް އެމްޓީސީސީން ބޮޑުކުރާނަމަ މާލޭ ރައްޔިތުންނަށް އަގު ހެޔޮކޮށް އެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން މަޖުބޫރުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލުން އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު އަދުހަމަށް ފޮނުވި ސިޓީއެއްގައި ކައުންސިލުން ބުނީ ހުޅުމާލެ އާއި ވިލިމާލެ ފެރީގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް އެ ހިދުމަތް ފޯރުކޮށްދެނީ އެންމެ އެދެވޭ ގޮތެއްގައި ނޫން ކަމަށެވެ. ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތަކަކީ ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން ދަތުރުކުރުމަށް އެކަށީގެން ނުވާ އުޅަނދުތަކެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"އަދި މި ހިދުމަތް ދޭން ފެށި ފަހުން އެއްވެސް ވަރަކަށް ހިދުމަތް ދިނުމުގައި ބޭނުންކުރާ އުޅަނދުފަހަރު ތަރައްގީކުރުމުގެ މަސައްކަތް މިއަދާ ހަމައަށް ވެސް ކުރެވިފައި ނުވާކަމީ އެކަމާ މި ކައުންސިލުން ކަންބޮޑުވާ ކަމެކެވެ. އަދި ހާއްސަގޮތެއްގައި ފެރީގެ ހިދުމަތަށް ނެގޭ އަގުތަކާއި ޕާކިން ފީގެ ގޮތުގައި ނެގޭ ފީތައް ބޮޑުކުރުމަށް ތިޔަ ކުންފުނިން ނިންމާފައިވާ ނިންމުމަކީ މި ކައުންސިލާ މަޝްވަރާކުރެވިގެން މެނުވީ ކުރެވޭނެ ކަމެއް ކަމަށް ކައުންސިލުން ގަބޫލެއް ނުކުރަމެވެ،" ކައުންސިލްގެ ސިޓީގައިވެ އެވެ.

ކައުންސިލްގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ރަށުގެ ފާލަންތަކާއި ފެރީ ޓާމިނަލް ހަދައި ހިންގުމަކީ އެ ކައުންސިލުން ދޭން ޖެހޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އާއްމުންގެ އަތުން ފީ ނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ހިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓުން ވެސް ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ސިޓީގައިވެ އެވެ. އެހެންކަމުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓާމިނަލް ހިންގުމަކީ އެ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ކައުންސިލުން އެ ސިޓީގައި ބުނެފައިވާ ގޮތުގައި، ފެރީ ތަރައްގީކުރުމުގެ ބަދަލުގައި އެމްޓީސީސީގެ އާމްދަނީ އިތުރުކުރުމަށް ވިލިނގިލި ފެރީ ޓާމިނަލް ހުންނަ ބިން ވެސް ހިމަނައިގެން އެންޓަޓެއިންމަންޓް ސެންޓަރެއް ހެދުމަށް އިއުލާންކޮށްފައި ވަނީ ކައުންސިލާ މަޝްވަރާ ވެސް ކުރުމެއް ނެތި އެވެ. އެއީ ގާނޫނީ ގޮތުން އެ ކުންފުންޏަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސިޓީގައި ކައުންސިލުން ބުނެފައިވެ އެވެ.

"މި ކައުންސިލުން ބެލި ބެލުމުން ވިލިގިލި ފެރީ ޓާމިނަލް ހުންނަ ބިމަކީ ތިޔަ ކުންފުންޏާއި އަދި މި ކައުންސިލުން ހަވާލު ވެސް ކުރެވިފައިވާ ބިމެއް ނޫނެވެ. އަދި ދަންނަވަމެވެ. މާލޭގައި ފެރީ ޓާމިނަލް ހިންގަން ކަނޑައަޅާފައިވާ ބިންތައް ބޭނުންކޮށްގެން އާމްދަނީ ހޯދުމުގެ މަސައްކަތްތައް ކުރާނަމަ އެކަން މި ކައުންސިލުން ހުއްދަ ލިބިގެން މެނުވީ ނުކުރެވޭނެކަން އަންގާ މިހާރު ތިޔަ ކުންފުނިން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް އާއްމުކޮށް އިއުލާންކޮށްގެން އިންވެސްޓަރަކު ހޯދައިގެން ތަރައްގީކުރެއްވުމުގެ ކުރިން މި ކައުންސިލާ މަޝްވަރާކޮށް ހުއްދަ ހޯއްދެވުމަށް ދެންނެވީމެވެ،" އެ ސިޓީގައިވެ އެވެ.

ކައުންސިލްގެ ހުއްދަ ނެތި އެ މަސައްކަތް ކުރިއަށް ގެންދާނަމަ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait