ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މަޝްވަރާތަކުގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ

09 އޯގަސްޓް 2012 17:53 13 ކޮމެންޓު
  • މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ނާއިބު ރައީސް ޑީން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާ އިރު ރައީސް ވަހީދު މަޑުކޮށްލައްވައިގެން.---ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ އަމާން މާހައުލެއް ގާއިމުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކުރަމުންދާ މަޝްވަރާތަކުގައި ރައީސް މުހައްމަދު ވަހީދުގެ މަންދޫބެއްގެ ގޮތުގައި ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވާނީ އެ މަޝްވަރާތަކުގެ ބައެއްގެ ގޮތުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.

"މިގޮތަށް ހަމަޖެހިގެންދިޔައީ، މިމަޝްވަރާތަކަށް ހައްލެއް ހޯއްދެއްވުމަށް މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި މިއަދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ،" މަޖިލީހުގެ ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސިޔާސީ މަސްރަހަށް ފިނިކަން ގެނައުމުގެ މަޝްވަރާތައް މި ފެށީ އަހުމަދު މުޖުތަބާ ވިލަރެސް ކުރައްވާ ޕާޓީތަކުގެ މަޝްވަރާ އިން މިހާތަނަށް ނަތީޖާއެއް ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ބުނަނީ އެ މަޝްވަރާތަކުން ނަތީޖާއެއް މިހާތަނަށް ހާސިލު ނުވީ އެމްޑީޕީން ގޮތް ދޫނުކުރާތީ ކަމަށެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ މި ރިޕޯޓު މި މަހު ފަހުކޮޅު ނެރޭއިރު އެ ރިޕޯޓުގައި ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް ދެން އަމަލު ކުރާނެ ގޮތުގެ ނިންމުންތަކެއް، ރިޕޯޓު ނެރުމުގެ ކުރިން ކަނޑައެޅުމަށް ވެސް އެމްޑީޕީން ބޭނުންވެ އެވެ. އަދި އެކަމާ މެދު މިހާރު ވެސް ސަރުކާރާއެކު އެ ޕާޓީން ވާހަކަ ދައްކަމުންދާ ކަމަށް "ހަވީރަ" ށް އެނގިފައިވެ އެވެ.

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait