ޚަބަރު

މަޖިލީހުގެ މަޝްވަރާތަކުން ނަތީޖާ ނެރެވޭނެ ކަމަށް ދެކެން: އަލީ ވަހީދު

ހުސައިން ފިޔާޒު މޫސާ
09 އޯގަސްޓް 2012 19:09 6 ކޮމެންޓު
  • އަލީ ވަހީދާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އަދި ޗެއާޕާސަން މޫސާ މަނިކު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ އަމާން މާހައުލެއް ގާއިމުކުރަން ބާއްވާ މަޝްވަރާތަކުގައި ސަރުކާރުން ބައިވެރިވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށާއި އެ މަޝްވަރާތުން ނަތީޖާ ނެރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ވިދާޅުވީ އެމްޑީޕީ އޮތީ މުޒާހަރާތައް ނުކުރަން ނިންމި ނިންމުމުގައި އިހްލާސްތެރިކަމާ އެކު ކަމަށެވެ. އަދި އެހެން ހުރިހާ ފަރާތްތަކަކުން އިހްލާސްތެރިކަމާ އެކު މަސައްކަތްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޝްވަރާތަކުން ރައްޔިތުންނަށް ފައިދާ ހުރި ނިންމުންތަކެއް ނިންމުން މުހިންމު. އަދި މަޝްވަރާތަކަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ނުކުރުން އެދެން،" އަލީ ވަހީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމަށްޓަކައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއެކު ބާއްވާ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ނައިބު ރައީސް މުހައްމަދު ވަހީދުއްދީނެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓާލީ އެމްޑީޕީގެ މެމްބަރުންތަކެއް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ދިމާލަށް އަޑުގަދަކޮށް ހެއްދެވުމުންނެވެ.

އެމްޑީޕީން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅީ ބަލި މީހުންގެ އަތުން އާސަންދަ އަށް އަގު ނަގަން ނިންމުމުން ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait