ސައުތު ސެންޓްރަލް ހެލްތު ކޯޕަރޭޝަންގެ މުވައްޒަފުންގެ އެއް އަހަރުގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލައެއް ފަޅާއަރައިފި އެވެ.
އެ ކޯޕަރޭޝަންގެ މުވައްޒަފަކު ބުނީ މުސާރަ އިން ކެނޑުމަށް ފަހު ޕެންޝަން ފައިސާ ޖަމާނުކުރާކަން އެނގުނީ މިދިޔަ މަހު ޕެންޝަން އޮފީހުން ޗެކްކުރުމުން ކަމަށެވެ.
"ކޮންމެ މަހަކު ވެސް ޕެންޝަނަށް ފައިސާ ކަނޑާފައި ހުރޭ. އެކަމަކު ފައިސާ ޖަމާނުކުރާ ކަމަކަށް ހިއެއްނުކުރަން. އެ ފައިސާ ޖަމާނުވާކަން އެނގުނީ ވަރަށް ފަހުން،" ނޫހުގައި ނަންނުޖެހުމަށް އެދި އޭނާ ބުންޏެވެ.
އެ ކޯޕަރޭޝަންގައި ހިމެނެނީ ތ އަދި ލ. އަތޮޅުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކެވެ. ހަވީރަށް އެނގިަފއިވާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ކޯޕަރޭޝަންގެ 400 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމައެއް ނުކުރެ އެވެ. އެ މުވައްޒަފުންގެ މުސާރަ އިން ކެނޑުމަށް ފަހު ޕެންޝަނަށް ޖަމާނުކޮށް ހުރި ފައިސާގެ އަދަދު ތިން މިލިއަން ރުފިޔާ އަށް ވުރެ ގިނަ ކަމަށް ހަވީރަށް ވަނީ އެނގިފަ އެވެ.
އެ ކޯޕަރޭޝަންގެ އެހެން އެހެން މުވައްޒަފަކު ބުނި ގޮތުގައި ޕެންޝަން ފައިސާ ޖަމާނުކޮށް ހުރީ ފިނޭންސް މިނިސްޓްރީން ފޮނުވާ ފައިސާ މަދުވެގެންނެވެ. އަދި އެކަން މިނިސްޓްރީ އަށް އަންގަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
"ހަމައެކަނި މުސާރައަށްވާ ވަރަށް ފައިސާ ފޮނުވަމުން ދިޔައީ. ޕެންޝަން ފައިސާ ދައްކައިފި ނަމަ މުސާރަ އަށް މަދުވާނެ ކަމަށް އަޅުގަނޑުމެން ދިޔައީ ފިނޭންސަށް އަންގަމުން،" އޭނާ ބުންޏެވެ.
ޕެންޝަން ފައިސާ ނުދައްކާތާ އެއް އަހަރަށް ފަހު މި މަހުން ފެށިގެން ފައިސާ ދައްކަން ފަށާފައިވާ ކަމަށާއި އަދި ކުރިން ނުދައްކާ ހުރި ފައިސާ ދައްކަން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.
ހެލްތު ކޯޕަރޭޝަނަކުން ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށްއި ޕެންޝަން އޮފީހުން ވެސް ބުންޏެވެ.
"އެ ކޯޕަރޭޝަނުން މިހާރު އަޅުގަނޑުމެންނަށް އެއްބާރުލުން ދެމުން އެބަދޭ. ފައިސާ ދައްކަމުން އެބަދޭ،" ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލް ސުޖާއު ވިދާޅުވި އެވެ.
"ސަރުކާރުގެ އަދި އަމިއްލަ ބައެއް ތަންތަން ވެސް ގަވާއިދުން ޕެންޝަން ފައިސާ ނުދައްކާ އެބަހުރި. ބައެއް ސްކޫލްތަކުން ވެސް ގަވާއިދު ޕެންޝަން ފައިސާ ނުދައްކާ."

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
3 comments