800 މިލިއަން ޑޮލަރުގެ ތުހުމަތު

ގްރާންޓް ތޯންޓަން އަށް 62،615.66 2 ޕައުންޑް ދައްކަން އެންގި ލިޔުންތަކެއް ލީކުވެއްޖެ

އަބްދުﷲ ޖަމީލު
12 އޯގަސްޓް 2012 13:55 45 ކޮމެންޓު
  • ސިންގަޕޫރުގައި ހުންނަ އެސްޓީއޯ އަދި އެމްއެންއޯސީގެ އޮފީސް: އެ އޮފީހުގެ މައްސަލަތަކެއް ބެލުމަށް ކުރީ ސަރުކާރުން ބޮޑު ހޭދައެއްކޮށްފައިވޭ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީން ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލަ ތަހުގީގުކުރުމަށް ކުރީގެ ސަރުކާރުން ހަވާލުކުރި އިނގިރޭސި ވިލާތުގެ ގްރާންޓް ތޯންޓަން އަށް 62،615.66 2 ޕައުންޑް (6.4 މިލިއަން ރުފިޔާ) އެކި ފަހަރު މަތިން ދައްކަން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީ އަށް އެންގި ލިޔުންތަކެއް ލީކުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމް ސޮއިކުރައްވައި މާޗް ،2 2010ގައި އޭރުގެ ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މަހުމޫދު ރާޒީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ "ރިއާސީ ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ގްރާންޓް ތޯންޓަން އިން ހޯއްދަވާފައިވާ ހިދުމަތުގެ އަގަށް އެ ކުންފުންޏަށް ދައްކަންޖެހޭ 62،615.66 2 ޕައުންޑުގެ ތެރެއިން ހަތަރު ވަނަ އިންސްޓޯލްމަންޓްގެ ގޮތުގައި ދައްކަންޖެހޭ 50،000 ޕައުންޑް ތިރީގައި މިދަންނަވާ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ކަމަށެވެ.

އެ ސިޓީގައި 50،000 ޕައުންޑް ދެއްކުމަށް ދީފައިވާ އެކައުންޓަކީ ގްރާންޓް ތޯންޓަން އިން އިނގިރޭސި ވިލާތުގެ ބާކްލޭސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓެވެ. އަދި އެ ސިޓީއާއެކު ފައިސާ ދައްކަން ޖެހިފައިވާ ގޮތުގެ ޝެޑިއުލް ވެސް ފޮނުވި ކަމަށް ރައީސް އޮފީހުގެ އެ ސިޓީގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން މާޗް 2010ން ފެށިގެން ނޮވެމްބަރު 2011ގެ ނިޔަލަށް އެ ކުންފުންޏަށް ފައިސާ ދެއްކުމަށް އެކި ފަހަރުމަތިން ފޮނުވާފައިވާ ސިޓީތަކުގެ ކޮޕީ "ހަވީރަށް" ލިބިފައިވެ އެވެ.

އޭގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހު މައުސޫމް ސޮއިކުރައްވައި އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒަށް ފޮނުއްވި ސިޓީއެއްގައި 04،240.90 1 ޕައުންޑް ދެއްކުމަށް އަންގާފައިވެ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ރިއާސީ ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން އެކި ފަހަރު މަތިން ގްރާންޓް ތޯންޓަން އަށް ފައިސާ ދައްކާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ގްރާންޓް ތޯންޓަންއާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާއިމުކުރި އެއްބަސްވުމުގައި އެ ކުންފުނީގެ މަސައްކަތަށާއި އެ މީހުންގެ ވަގުތަށް އުޖޫރައެއް ދޭން ނޯންނާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ޝަހީދު ވިދާޅުވެފައިވަނީ އެއްބަސްވެފައިވަނީ އެ ކުންފުނިން ހޯދާ ފައިސާ އިން ވަކި ޕަސެންޓެން ދޭ ގޮތަށް ކަމަށް ކަމަށެވެ. ނަމަވެސް ތަހުގީގުކުރުމަށް ހިނގާ ހަރަދުތައް ސަރުކާރުން ދޭން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ މީހުން ކުރި މަސައްކަތަކަށް އިންވޮއިސްއެއް ނާންނާނެ،" ރާއްޖޭން ބޭރުގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުގައި ޝަހީދު ވިދާޅުވެފައިވެ އެވެ.

ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު މިދިޔަ ހަފުތާގައި ވިދާޅުވީ ގްރާންޓް ތޯންޓަންގެ ލަފާ ހޯދުމުގެ ސަބަބުން އެ ކުންންޏަށް ދިވެހި ސަރުކާރުން 10 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެ އިންވޮއިސްތައް ލިބިފައިވާ ކަމަށެވެ.

އާޒިމާ ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރު ވެފައިވާ ހިޔާނާތް ކަމަށް ބުނާ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ގްރާންޓް ތޯންޓަންގެ އެހީތެރިކަން ނަޝީދުގެ ސަރުކާރުން ހޯދީ 2010 އަދި 2011 ގައި ކަމަށެވެ. އަދި ކުންފުނިން ދިވެހި ސަރުކާރަށް ދިން ލަފާތަކާ ގުޅޭ ރިޕޯޓު ދިނުމަށް ނިންމާފައި ވަނީ ދިވެހި ސަރުކާރުން އެ ފައިސާ ދެއްކުމުން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

ގްރާންޓް ތޯންޓަންގެ އިތުރުން ސިންގަޕޫރުގެ އެންމެ ބޮޑު ލޯފާމް، ރާޖާ އެންޑް ޓާން އަށް ވެސް 500،000 ސިންގަޕޫރު ޑޮލަރު ދައްކަންޖެހޭ ލިޔުންތަކެއް ވަނީ ލީކުވެފަ އެވެ.

ޖެނުއަރީ 2011،20 ގައި އޭރުގެ ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ރާޒީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ "ރިއާސީ ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން "ރާޖާ އެންޑް ޓާން" އިން ހޯއްދަވާފައިވާ ހިދުމަތުގެ އަގަށް 30 ޑިސެމްބަރުގެ ނިޔަލަށް އެ ކުންފުންޏަށް ދައްކަންޖެހޭ 500،000 ސިންގަޕޫރު ޑޮލަރު (3.6 މިލިއަން ރުފިޔާ)ގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް 250،000 ސިންގަޕޫރު ޑޮލަރު ތިރީގައި މިދަންނަވާ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި" ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން އެ ފައިސާ ޖަމާކޮށްދޭންޖެހެނީ ރާޖާ އެންޑް ޓާން އިން ބޭންކް އޮފް ޗައިނާ ސިންގަޕޯ ބްރާންޗަށެވެ. އަދި އެ ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ޝެޑިއުލެއް ވެސް އެ ސިޓީއާއެކު ފޮނުވި ކަމަށް ބުނެފައިވެ އެވެ.

ރާޖާ އެންޑް ޓާން އަށް ފައިސާ ދެއްކުމަށް މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ފޮނުވި ސިޓީގައި 34،468.89 ސިންގަޕޫރު ޑޮލަރު ދެއްކުމަށް އަންގާފައިވެ އެވެ. އަދި ރިއާސީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ލިއުންތައް ބަހައްޓާފައި ހުރި 33 ފޮށިގަނޑު އެއް އަހަރު ދުވަހުގެ މުއްދަތަށް (25 އޮކްޓޯބަރު 2011ން 24 އޮކްޓޯބަރު 2012ގެ ނިޔަލަށް) ސިންގަޕޫރުގެ ލޮޖިސްޓިކް ކުންފުންޏަކަށް 473.15 ސިންގަޕޫރު ޑޮލަރު ދެއްކުމަށް ވެސް ޖެނުއަރީ މަހު 17 ގައި ރައީސް އޮފީހުން ފިނޭންސް އަށް އަންގާފައިވެ އެވެ.

45 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait