ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަށް ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ނިންމައިފި ނަމަ ކުރީގެ ވެރިކަން އަނބުރާ އިއާދަކުރުމަށް ހުށަހެޅުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި މި ހުށަހެޅުމަށް ގައުމީ ހިންގާ ކޮމިޓީން ތާއީދުކޮށްފައި ވާއިރު، ބަޔަކު ގާނޫނާ ޚިލާފް އަމަލުތަކެއް ހިންގާފައިވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ނަމަ އަވަސް އިންތިޚާބަކަށް އެއްބަސްވުމާއި، އެބަޔަކު ތިބި މަގާމުތަކުން ދުރުކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އަދި އެ އަމަލުތައް ހިންގާފައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހުކުމް އިއްވުމާއި އެއް މަސްދުވަހުގެ ތެރޭގައި ޝަރީއަތުގެ މަރުހަލާތައް ނިންމަންޖެހޭނެ ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ، މީގެ އިތުރުން މި މައްސަލަތައް ބެލުމުގެ ހުރިހާ މަރުހަލާއެއްގައި ކޮމަންވެލްތާއި ބައިނަލްއަގުވާމީ ފަރާތްތަކުގެ ބައިވެރިވުން އޮންނަން ޖެހޭނޭ ކަމަށް ހުށަހަޅާފައިވެ އެވެ.
ވެރިކަން ބަދަލުވެގެންދިޔައީ އެއްވެސް ފަރާތަކުން ކުށެއް ކުރުމެއްނެތި ގާނޫނު އަސާސީގައި ސީދާ ކަނޑައެޅި ބަޔާންކުރެވިފައިވާ ގޮތްތަކުގެ މަތީންކަމަށް ކަނޑައަޅައިފި ނަމަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް 2013 ވަނަ އަހަރު ރިއާސީ އިންތިޚާބު ބޭއްވުމަށް ވެސް، 22 މެންބަރުން ހާޒިރުވި ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީގެ މި ހުށަހެޅުމަށް، ރޯދަ މަސް ނިމުމުގެ ކުރިން ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ކޮމިޓީގެ ނިންމުމުގައިވެ އެވެ.
67 comments