އީދު

އީދު ދުވަހު ދުއްވިޔަސް މައްސަލައެއް ނެތް!

އަހުމަދު ހަމްދޫން
18 އޯގަސްޓް 2012 13:05 40 ކޮމެންޓު
  • މި އަހަރު ފާހަގަ ކުރި ތިމާވެށީގެ ދުވަހާ ގުޅިގެން މާލޭގައި ބަޔަކު ހިނގާފައި ދަނީ.---ހަވީރު ފައިލް ފޮޓޯ

މާދަމާ އީދުގެ އުފާ ފާޅުކުރާއިރު މާލޭގައި ވަކި ވަގުތެއްގައި އުޅޭނީ ހިނގާފައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. މާދަމާ އަކީ ފައި މަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ސިޓީ ކައުންސިލުން ހަމަޖެއްސި ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެކަން އެގޮތަށް ކުރުމުގެ ބާރު ކައުންސިލަށް ނެތް ކަމަށް ބުނެފަ އެވެ. އެއާ އެކު ދެ މުއައްސަސާގެ މެދުގައި ވަނީ ވަނީ ބަހުގެ ހަނގުރާމައެއް ފެށިފަ އެވެ.

ވަކިވަގުތެއްގައި ވެހިކަލް ދުއްވުން މަނާ ކަމަށް ސިޓީ ކައުންސިލުން އިއުލާނުކުރި ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނަނީ މާލޭ ސިޓީ ކައުންސިލުން އެހެން ބުނެފައި އޮތަސް ދުއްވޭނެ ކަމަށެވެ. ފުލުހުން ބުނަނީ ވެހިކަލް ނުދުއްވޭނެ ކަމަށް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ވަގުތު ކަމަށްވާ މާދަމާ ހަވީރު 4:00 ން 12:00 އާ ދެމެދު ދުއްވިޔަސް ނުހުއްޓުވާނެ ކަމަށެވެ.

ފިތުރު އީދު ދުވަހު ވަކި ވަގުތެއްގައި ފައިމަގުގައި އުޅޭ ގޮތަށް ސިޓީ ކައުންސިލުން ނިންމީ ކިތަންމެ މާތް މަގުސަދެއްގައި ކަމުގައި ވިޔަސް ޓްރާންސްޕޯޓް އޮތޯރިއާ ދެމެދު ބަހުގެ ހަމަލާތަކެއް މީޑިއާގައި ފަށައި އެކަން ވަނީ ސިޔާސީ ވެފަ އެވެ. ގަބޫލުކުރަންވީ ކޮން ފަރާތެއްގެ ވާހަކައެއް ކަމެއް ސާފެއް ނުވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މައިގަނޑު މައްސަލަ އަކީ ވެހިކަލްތައް ދުއްވުން މަނާކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ނުނެގުމެވެ. ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީއާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެކަން ކުރަން އުޅުމެވެ. އެހެންވެ ވެހިކަލް ދުއްވުން ހުއްޓުވަމަކީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ އޮތޯރިޓީން ގަބޫލު ކުރެ އެވެ.

"ޓްރެފިކް ޕޮލިހަކީ މިކަން ތަންފީޒުކުރަން ތިބޭ މީހުން. އެކަމަކު އެ މީހުންނަކާ މަޝްވަރާ ކޮށްފައެއް ނޫން މާލޭ ސިޓީ ކައުންސިލުން އެ ނިންމީކީ. މީގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުންނާއި ސިޓީ ކައުންސިލާ އެއް މޭޒު ދޮށެއްގައި ތިބެ މަޝްވަރާކޮށްގެން ފައި މަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައި ވާނީ. އެންމެ ފަހުން މިދިޔަ އަހަރުގެ އީދު ދުވަހު ވެސް ފައި މަގުގައި އުޅޭ ގޮތަށް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ބޭނުންވުމުން ޓްރާންސްޕޯޓް އޮތޯރިޓިއާ ފުލުހުންނާ ސިޓީ ކައުންސިލާ މަޝްވަރާ ކޮށްގެން އެކަން ތަންފީޒު ކުރީ. އެކަމަކު މި ކަހަލަ އެއްވެސް ކަމެއް މި ފަހަރަކު ނުހިނގާ. ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދައެއް ނުދެން،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި އެވެ.

ފުލުހުންގެ މައިގަނޑު އެއް މައްސަލަ އަކީ ވެސް އެއީ އެވެ. ވެހިކަލް ދުއްވުން މަނާކުރަން ނުވަތަ ތަންފީޒުކުރާ އިދާރާ އަކީ މޯލްޑިވްސް ޕޮލިސް ސާވިސް ކަމަށްވާއިރު އެކަމާ ގުޅޭ މަޝްވަރާތަކެއް ކޮށްފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވީ "ފުލުހުންގެ ސްޓޭންޑަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ސްޓޭންޑް" ކަމަށެވެ.

"އެ ނިންމުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ގަބޫލުކުރޭ. އޭގެ މާނަ އަކީ އެއީ [ވެހިކަލް] ދުއްވޭނެ ދުވަހެއް. އެއީ ހަމަ ނޯމަލް ދުވަހެއްގެ ގޮތުގައި ފުލުހުން ދެކޭނީ،" ހަނީފު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުން އެކައްޗެއް ކީ ނަމަވެސް ސިޓީ ކައުންސިލުން އެކަމާ އެއްބަހެއް ނުވެ އެވެ. އެ ދެ މުއައްސަސާ އިން ދައްކާ ހުރިހާ ވާހަކަތަކާ ސިޓީ ކައުންސިލުން ދެކޮޅެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީއާ ފުލުހުންނާ މަޝްވަރާ ނުކުރާ ކަމަށް ދައްކާ ވާހަކަތައް ސިޓީ ކައުންސިލުން ދޮގު ކުރެ އެވެ.

"ޓްރާންސްޕޯޓުގައި ވެސް އެދުނިން ބައްދަލުކުރަން. ސިޓީއެއް ވެސް ފޮނުވިން. ފުލުހުންނަށް ވެސް ސިޓީއެއް ފޮނުވިން. އެކަމަކު ފުލުހުން ބުނަނީ އެ ބޭފުޅުންގެ ވެރިންނާ ބައްދަލުކޮށްފައޭ ޖަވާބެއް ދެވޭނީ. މިވަރުގެ ބޮޑު ކަމެއްގައި ޓްރާންސްޕޯޓާއި ފުލުހުން އެންމެ ކުޑަމިނުން ޖަވާބެއް ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ހަމީދު (ފްލައި) މިއަދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ސިޓީ ފޮނުވީ "އެއްވެސް ހުއްދައެއް ހޯދަން ނޫން" ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި ވެހިކަލް ދުއްވުން މަނާކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ނަގަންޖެހޭނެ ކަމަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ސިޓީ ކައުންސިލުން ކުރާ ކަމަކަށް އެހެން އިދާރާ އަކުން ހުއްދަ ނަގާކަށް ނުޖެހޭނެ. އަޅުގަނޑުމެން ކުރާނެ ކަމަކީ އެކަމެއް އެބަ ކުރާކަން އެ އިދާރާ އަކަށް އަންގާލުން،" ހަމީދު ވިދާޅުވި އެވެ. "މިދިޔަ އަހަރު އީދު ދުވަހު ވެސް ޓްރާންސްޕޯޓް އޮތޯރިޓީއާ ސިޓީ ކައުންސިލާ އޮތް ގާތް ގުޅުމާއެކު ލިޔެކިޔުމުން މުއާމަލާތް ކޮށްފައެއް ނޫން ފައި މަގުގައި އުޅުނީކީ. ޓްރާންސްޕޯޓް އޮތޯރިޓީން މިކަން މި ފަހަރު ސިޔާސީ ކޮށްލައިގެން މި އުޅެނީ."

ތިން މުއައްސަސާގެ ވާހަކަތަކަށް ބަލާއިރު ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ގަޑީގައި ވެހިކަލްތައް މާލޭގައި ދުއްވިޔަސް ފިޔަވަޅު އެޅޭނެ ގޮތެއް ނެތެވެ. ސަބަބަކީ ވެހިކަލް ދުއްވައިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތަކީ ފުލުހުން ކަމަށްވާއިރު އެކަމާ އިދިކޮޅު ވިސްނުމެއް ފުލުހުން ގެންގުޅޭތީ އެވެ.

"އަޅުގަނޑުމެން އަދިވެސް އުންމީދު ކުރަނީ ފުލުހުން އަޅުގަނޑުމެންނަށް އެއްބާރުލުން ދޭނެ ކަމަށް،" ހަމީދު ވިދާޅުވި އެވެ.

40 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait