ޚަބަރު

ނަޝީދު އަވަހާރަކޮށްލަން އުޅުނުކަން އެނގޭކަށް ނެތް: އެޗްއާރުސީއެމްގެ ރިޕޯޓް

މުއިއްޒު އިބްރާހިމް
18 އޯގަސްޓް 2012 15:06 122 ކޮމެންޓު
  • ފެބްރުއަރީ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ހަމަނުޖެހުން ހިނގަނީ -- ހަވީރު ފައިލް ފޮޓޯ

ފެބްރުއަރީ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން އެއްވެސް ބަޔަކު މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނެރުނު ރިޕޯޓްގައި ބުނެފި އެވެ.

ވެރިކަން ބަދަލުވި ދުވަހާއި އޭގެ ކުރީ ދުވަހު ހިނގާދިޔަ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އެޗްއާރުސީއެމުން ތައްޔާރުކުރި ރިޕޯޓް މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވައިފަ އެވެ. އެހެން ނަމަވެސް، އެ ރިޕޯޓް މީޑިއާއަކަށް އަދި އާންމެއް ނުކުރެ އެވެ.

ޕީޕީއެމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ރިޕޯޓުން ފާހަގަ ކުރެވުނު ބައެއް ކަންކަން ނޫސްވެރިންނާ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވަނީ ހިއްސާ ކުރައްވާފަ އެވެ. އަދި އެ ރިޕޯޓް ނިންމުމުގައިވާ ހަތަރު ސޮފުހާގެ ބަޔާން ވަނި މީޑިއާ އަށް ދީފަ އެވެ.

އެ ރިޕޯޓްގެ ނިންމާލަމުން ފާހަގަކޮށްފައިވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހު ނަޝީދު ބަންޑާރަ ކޮށި ތެރޭގައި ހޭދަކުރެއްވި ވަގުތުގެ ތެރޭގައި އެމަނިކުފާނު އަވަހާރަކޮށްލަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުން ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރޭ 23 ޑިސެމްބަރު އިއްތިހާދާއި އެމްޑީޕީ އަށް ނިސްބަތްވާ މީހުން މުޒާހަރާކުރަމުން ދަނިކޮށް އެތަނުގައި އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިން އެ ސަރަހައްދުން ދުރަށް ދިއުމަށް ނަޝީދު ކުރެއްވި އަމުރަކީ ގާނޫނާ ހިލާފް އަމުރެއް ކަމަށް އެ ނިންމުމުގައި ވެއެވެ. އަދި އެ އަމުރުގެ ސަބަބުން ފުލުހުންނާއި ސިފައިންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅިފައިވާ ކަމަށް ވެސް އޭގައި ވެއެވެ.

މީގެ އިތުރުން އެރޭ ފުލުހުންނާއި ސިފައިންގެ އިސްވެރިންނަށް ނަޝީދު ކުރެއްވި އަމުރުތަކުގެ ސަބަބުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި އެއްވެސް ކޮމާންޑަކާ ނުލައި ފުލުހުން އެމްޑީޕީ ހަރުގެ އަށް ވަތް ކަމަށް ރިޕޯޓްގެ ނިންމުމުގައި ވެ އެވެ. އަދި ޖުމްހޫރީ މައިދާނުގައި އިހްތިޖާޖް ކުރަން ތިބި ފުލުހުން ހައްޔަރުކުރަން ޗޭން އޮފް ކޮމާންޑެއް ނެތި ނަޝީދު ކުރެއްވި އަމުރަށް ވަކިވަކި ސިފައިން ތަބާވި ކަމަށާއި އެހެންވުމުން ސިފައިންނާއި ފުލުހުންނާއި އަދި އާންމުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިންނާއި އާންމުންގެ އިތުރުން ދައުލަތަށް މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ.

މީގެ އިތުރުން ބަންޑާރަ ކޮއްޓަށް ފުލުހުންނާއި އާންމުން ގެއްލުންދީ ފުލުހުންގެ ބައެއް އިސްވެރިންނަށް ފުލުހުންގެ ބަޔަކު އަނިޔާދީފައިވާ ކަމަށާއި އަދި ފުލުހުންނާއި ސިފައިން ބޭނުންކުރާ ބައެއް އާންމު ހަތިޔާރު ވެސް އާންމުންގެ އަތަށް ލިބިފައިވާ ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ.

މީގެ އިތުރުން ފުލުހުންނާއި ސިފައިންނާއި އާންމުންގެ ބަޔަކު ގުޅިގެން އެމްއެންބީސީ އަށް ވަތް ކަމަށާއި އަދި އެމްޑީޕީ ހަރުގެއަށް ވަދެ އެތަނުގެ ތަކެއްޗަށް ވެސް ގެއްލުންދީފައިވާ ކަމަށް އޭގައި ވެއެވެ.

އެ ރިޕޯޓްގައި ވާ ގޮތުން ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާއި ފުލުހުންނާއި ސިފައިންގެ ގާނޫނާ ހިލާފަށް ފުލުހުންނާއި ސިފައިންގެ ދައުރު އަދާކުރަން ހުރަސް އެޅޭގޮތަށް ނަޝީދު ކުރެއްވި އަމުރުތަކުގެ ސަބަބުން ފުލުހުންނާއި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލިފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ ދައުލަތުގެ މުދަލަށް ގެއްލުންވެ އެތައް ބައެއްގެ އިންސާނީ ހައްގުތައް ވެސް ގެއްލިގެން ގޮސްފައިވާ ކަން އެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭގައި ވެއެވެ.

އުމަރު ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު މިހާރު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ނަޝީދާ އެކު ރައީސް އޮފީސް ތެރެއަށް ވަދެ ވަޑައިގެން އެތަނުގެ ލިފްޓާއި ހަމައަށް ނަޝީދާ އެކު ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ލިފްޓުން މައްޗަށް ނަޝީދު ވަޑައިގެންނެވީ އެމަނިކުފާނުގެ އެގްޒެކެޓިވްއަކާ އެކުގައި ކަމަށް އެ ރިޕޯޓްގައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އަދި އެ ދުވަހު ނަޝީދު ކެބިނެޓާ ބައްދަލު ކުރެއްވީ އާންމުކޮށް ކެބިނެޓް ބައްދަލު ކުރައްވާ ކޮޓަރީގައި ނޫން ކަމަށާއި އެހެން ނަމަވެސް އެ ދުވަހު ރައީސް އޮފީހުގައި އޮތީ އަމާން މާހައުލެއް ކަމަށް އެ ރިޕޯޓްގައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

މީގެ އިތުރަށް އުމަރު ވިދާޅުވީ ފެބްރުއަރީ ހަތް ވަނަ ދުވަހު ނަޝީދު ބަންޑާރަކޮށީގައި ހުންނެވިއިރު އެމަނިކުފާނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް ތިބީ ލައިވް ހަތިޔާރާއެކު ނަޝީދު ހިމާޔަތްކޮށްގެން ކަމަށާއި އެ މީހުން ތިބީ ނަޝީދަށް ވަފާތެރިކަމާއެކުގައިކަން ޔަގީންވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ބަންޑާރަ ކޮށީގައި ނަޝީދު ހުންނެވި ހުންނެވުމުގައި ނަޝީދަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އޭގައި ބުނެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ ދައުވަތަކަށް މިހާރުގެ ޑިފެންސް މިނިސްޓަރު ނާޒިމާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ބަންޑާރަ ކޮށި ތެރެއަށް ވަދެވަޑައިގަތް ކަމަށާއި ތޮލްހަތާއި ނާޒިމާއި ރިޔާޒް ބަންޑާރަ ކޮށި ތެރޭގައި ބައްދަލު ކުރެއްވި ކަމަށް ރިޕޯޓްގައި ވާ ކަމަށް އުމަރު ވިދާޅުވި އެވެ. އޭރު ނަޝީދު އޮންނެވީ ޖެހިގެން ހުރި ކޮޓަރިކޮޅުގައި ހުރި ސޯފާއެއްގައި އަރާމު ކުރައްވަން ކަމަށް އެ ރިޕޯޓްގައި ބުނެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު ބަންޑާރަ ކޮށީގެ ތެރެއަށް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކު ވަދެވަޑައިގެން ހުންނަވައިގެން ސިފައިންނަށް ކޮމާންޑްކޮށް ކޮއްޕާ ހައްދަވާފައިވާ ކަމަށެވެ. އަދި އެތަނުގައި ތިބި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައެއް ސިފައިން ކޮއްޕާ ނެރެން މަސައްކަތް ކޮށްފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ސިފައިންނާ ހުތުރު ބަސްފުޅުން މުއާމަލާކުރެއްވި ކަމަށާއި އަދި ސިފައިންގެ ކެޕްޓަނެއްގެ ފޫކޮޅުގައި ސައްޕު ޖެއްސެވި ކަމަށާއި ތޮލްހަތު އިބްރާހިމް ކަލޭގެފާނު ބައެއް ސިފައިންނާ ދިމާލަށް މުގުރު މަޅާފައި ބައެއް ސިފައިންގެ ފޫކޮޅުގައި ޖެއްސެވި ކަމަށާއި އަދި ބައެއް ސިފައިން ކޮއްޕަމުން ބޭރަށް ނެރެން އުޅުނުކަން އެ ރިޕޯޓް ފާހަގަކޮށްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެންމެ ފުރަތަމަ ކަރުނަގޭސް ޖެހީ ސިފައިން ކަމަށާއި ކަރުނަ ގޭސް ޖެހުމުން ބަންޑާރަ ކޮށީގެ ކުޑަދޮރުތަކުން ފުލުހުންނާ ދިމާއަށް ރަބަރު ވަޒަން ޖެހި ކަމަށް އޭގައި ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ހަގީގަތް ހާމަކޮށް ރިޕޯޓް ނެރުނުތީ އެޗްއާރުސީއެމަށް ޝުކުރުއަދާ ކުރާ ކަމަށެވެ. އަދި އެ ރިޕޯޓުން ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޯނީގެ ރިޕޯޓުން ވެސް އޮންނާނީ ހަމަ މި މޭރުމުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މި ރިޕޯޓުގައި މި ހާދިސާއާ ގުޅުން ހުރި ގިނަ ފަރާތްތަކާ އެޗްއާރުސީއެމުން ސުވާލުކޮށްފައިވެ އެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.

ފެބްރުއަރީ 7،6 ގައި އިންސާނިއްޔަތާ ހިލާފު ކަންތައް ތަހުގީގުކޮށް އެޗްއާރުސީއެމުން ރިޕޯޓެއް ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވިއިރު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު މާލޭގައި ހިނގި ކަންތައްތައް ވެސް ތަހުގީގުކޮށް އެ ކޮމިޝަނުން ވަނީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓު ވެސް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވައި އެ ރިޕޯޓާ ގުޅޭ ގޮތުން މިހާތަނަށް އާންމުކޮށް ހާމަކުރަން ބޭނުންވާ މައުލޫމާތު ޖުލައި 18 ގައި ހާމަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

122 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait