ފެބްރުއަރީ 7ގައި ވެރިކަން ބަދަލުވުމުގައި ހިނގާފައިވަ އިންސާނީ ހައްގުތަކާ ބެހޭ ކަންތައްތައް ތަހުގީގުކޮށް އެޗްއާރުސީއެމުން އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ތިބި އަމަން ބަލަހައްޓާ ފަރާތްތައް އެ ސަރަހައްދުން ގެންދިއުމަށް ސަލާމަތީީ ބާރުތަކުގެ ވެރިންނަށް ރައީސް ނަޝީދު އެންގެވި ކަމަށާއި އެއީ ގާނޫނު އަސާސީގެ 238 ވަނަ މާއްދާއާ ހިލާފު އަމުރެއް ކަމަށާއި އަދި ރައީސްގެ އަމުރަށް ފުލުހުންނާއި ސިފައިންގެ ވެރިން ތަބާވެ އެ ސަރަހައްދުން ފުލުހުންނާއި ސިފައިން ގެންދިއުމަކީ ވެސް ގާނޫނޫ އާސާސީގެ 245 ވަނަ މާއްދާއާ ހިލާފު އަމުރެއް ކަމަށެވެ. އަދި މި އަމުރުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ސިފައިންނާއި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެ އެވެ.
"ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ އަމުރަށް ފުލުހުންނާއި ސިފައިންގެ އިސްވެރިން ތަބާވެ، ފުލުހުންނާއި ސިފައިންނަށް އަންގަވާފައިވާ އެންގެވުންތަކުގެ ސަބަބުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، 2012 ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ އެއްވެސް ކޮމާންޑަކާ ނުލައި ފުލުހުން އެމްޑީޕީ ހަރުގެ އަށް ވަދެފައިވޭ،" އާންމުކޮށްފައި ނުވި ނަމަވެސް ސޯޝަލް މީޑިއާގައި މިހާރު ފެތުރެމުންދާ ރިޕޯޓުގައި ބުނެފައި ވެ އެވެ.
އަދި ގާނޫނީ އަމުރު ނުކުރުމަށް ގޮވާލައި އެ ރޭ ޖުމްހޫރީ މައިދާނަށް އެއްވި ފުލުހުން ހައްޔަރުކުރުމަށް ރައީސް ނަޝީދު ސިފައިންނަށް ކުރި އަމުރާ ގުޅިގެން އެ މީހުން ހައްޔަރުކުރުމަށް ސިފައިން މަސައްކަތް ކުރުމުން "މާލޭގެ އަމަން ބެލެހެއްޓުމަށް އެކި ސަރަހައްދުތަކުގައި ތިބި ފުލުހުން އަމަން ބެލެހެއްޓުން ދޫކޮށްލި ކަމާއި، އަދި ޖުމްހޫރީ މައިދާނަށް އެއްވެ ފުލުހުން އިހުތިޖާޖު ކުރަން ފެށި،" ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެ އެވެ. މި ކަމުގެ ތެރޭގައި މާލޭގެ އަމާންކަން ގެއްލި މާލޭގެ ބައެއް ތަންތަނަށް ބަޔަކު ގެއްލުން ދީ ބައެއް ތަންތަނުގައި އަލިފާން ރޯކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވެ އެވެ.
އެ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ އާޓިފިޝަލް ބީޗުގެ އިތުރުން ޖުމްހޫރީ މައިދާނުގެ އަމަން ބަލަހައްޓަން ތިބި ސިފައިން ނަޝީދުގެ އަމުރަށް ސިފައިންގެ އިސްވެރިން އެންގި އެންގުމަށް ސިފައިން ތަބާވެ އާންމުން އެއްވެފައި ތިބި ސަރަހައްދެއްގެ އަމަން ބެލެހެއްޓުން ދޫކޮށްލި ކަމަށެވެ. ސިފައިން ބަންޑާރަކޮށްޓަށް ވަނުމުން އެ ސަރަހައްދުގައި ތިބި އެމްޑީޕީ އަށް ނިސްބަތްވާ މީހުން ފުލުހުން ހައްޔަރުކުރުމަށް ގޮވަމުން ޖުމްހޫރީ މައިދާނަށް ވަން ކަމަށާއި އެއާ އެކު 23 ޑިސެމްބަރު އިއްތިހާދަށް ނިސްބަތްވާ ބަޔަކު ވެސް އެ ސަރަހައްދަށް ވަން ކަމަށާއި އޭގެ ސަބަބުން އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ދައުލަތުގެ މުދަލަށް ފުލުހުންނާއި އާންމުން ގެއްލުންދީ ފުލުހުންގެ އިސް ވެރިންނަށް ފުލުހުންގެ ބަޔަކު އަނިޔާކުރި ކަމަށާއި އަދި ފުލުހުން ބޭނުންކުރާ ބައެއް ހަތިޔާރު އާންމުންނަށް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެ އެވެ.
"މި ކަންކަމުގެ ސަބަބުން މުޅި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ."
އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައި ވަނީ ފުލުހުންނާއި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، އެއްވެސް ކޮންޓްރޯލެއް ނެތި ފުލުހުންނާއި ސިފައިން ގުޅިގެން އާންމުންގެ ބަޔަކާ އެކު އެމްއެންބީސީ ވަން އަށް ވަދެފައިވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ އިތުރުން އާންމުންގެ ބަޔަކު ވަދެ އިމާދުއްދީން ކުރިމަތިން އަމީނީ މަގުގައި ހުރި އެމްޑީޕީގެ ހަރުގެއަށް ވަދެ ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އެޗްއާރުސީއެމްގެ ރިޕޯޓް ނިންމާލަމުން ބުނެފައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވަމުން މީޑިއާ މެދުވެރިކޮށް ދެއްވި ބަޔާނާއި އިސްތިއުފާ ސިޓީ އަށް ބަލާއިރު އެ މަނިކުފާނުގެ ފުރާނަ އަށް ނުރައްކަލެއް ކުރިމަތިވިކަން އެނގެން ނެތް ކަމަށެވެ. އަދި 7 ފެބްރުއަރީގައި ރައީސް ނަޝީދު ބަންޑާރަކޮށީގައި ހޭދަކުރެއްވި ވަގުތުތަކުގެ ތެރޭގައި އަމަނިކުފާނު އަވަހާރަކޮށްލަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައި ވާކަން "މި ތަހުގީގަށް ފާހަގަކުރެވިފައި ނެތް" ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެ އެވެ.

58 comments