އެ ދެ ގައުމަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ރާއްޖެ ޓީވީގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ނިންމުމުގެ އިތުރުން އެހެން ބައެއް ކަންކަން ވެސް އިންޑިއާ އާއި ސްރީ ލަންކާގެ ވެރިންނަށް ދެންނެވި ކަމަށެވެ.
އެގޮތުން "ބައެއް ކަންކަމާ ބެހޭ ގޮތުން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް" ވިދާޅުވެ ދެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވި ދުވަހު ސިފައިންނާއި ފުލުހުންގެ މަދުބަޔަކު ހިންގި ކުށްތަކަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން އެ ބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވަނީ ތިން ގޮތެކެވެ. އެއް ގޮތަކީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ކޯނީން ނިންމައިފި ނަމަ ވެރިކަން އަލުން އިޔާދަ ކުރުމެވެ. ވެރިކަން ބަދަލުވުމުގައި ގާނޫނާ ހިލާފު ކަންކަން ހިންގާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާނަމަ އަވަސް އިންތިހާބެއް ބޭއްވުމާއި، އެ ކުށްކުރި މީހުން މަގާމުތަކުން ދުރުކޮށް އެ މީހުންނަށް ހުކުމްކުރުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވެރިކަން ބަދަލުވުމުގައި ގާނޫނާ ހިލާފު ކަމެއް ނެތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފި ނަމަ އަވަސް އިންތިހާބަކަށް ގޮވާލުން ހުއްޓާލައި 2013 ގެ އިންތިހާބަށް އެމްޑީޕީން ވާދަކުރަން ވެސް ވަނީ ނިންމައިފަ އެވެ.

22 comments