"މޮހޮރު ހުސްވެއްޖެ. އަވަހަށް ގެނޭ. އަވަހަށް ގެނޭ،" މެގާ ފޯނަކުން ގޮވާލަ އެވެ. "އަނެއް ސަތަރި އަތުރާލާ. އަވަހަށް އަތުރާލާ."
މިތަނުގައި ފެންނަމުންދިޔައީ އެކުވެރިކަމެކެވެ. އެއް ރޫހުގައި މަސައްކަތްކުރަމުން ދިޔަ ތަނެވެ. ދީނީ ކަންތައްތަކުގައި ދިވެހިން އިސްނަގާލެއް ފުރިހަމަ ކަމެކެވެ.
"މިތަނަށް އައިސް މި އުޅެނީ މިއަދު ހަވީރު ހަތަރެއް ޖެހީއްސުރެ،" ހަވީރުގެ ލިޔުންތެރިޔާ އަހުމަދު ނިޔާޒު (ނިޔާޒުބޭ) ބުންޏެވެ. އޭނާ ހަވީރުގެ ނޫސްވެރިންނަށް ފެނުނީ އެތާނގައި ސަތަރި އަޅަން އޮއްވަ އެވެ.
ނިޔާޒުބޭ ބުނާ ގޮތުން، އެތާނގައި އޭނާ އަށް ފެނުނީ އަޖައިބެއް ކަހަލަ މަންޒަރެކެވެ.
"މިއީ ހަމަ... ދެން ކީކޭ ބުނާނީ. ދީނަށް ދޭ ސަމާލުކަން މިކަމުން ވަރަށް ރަނގަޅަށް އެނގިއްޖެ. އެއްޗެހި ގެންނަ ނުގެންނަ ތަނެއް ވެސް ނޭނގެ. ސައި، ފެން އެއްޗެހި މިތަނަށް ލޮރީލޮރީގައި ގެނެސްފައި ހުއްޓާ ފެންނަނީ،" އޭނާ ބުންޏެވެ. "ކޮންތާކުން ގެނައި އެއްޗެއްހޭ އަހާލީމަ ބުނަނީ ތިހެން ނަހާށޭ މި އެއްޗެހި ބާލާށޭ. މީހުން ވަރަށް ހެޔޮ. މިތަނަށް އަހަރެން ވެސް އައީ މިކަން ކުރާކަން އެނގިގެން ހަމަ ބައިވެރިވެލާން. އެކަހަލަ ކިތަންމެ ބަޔަކު އެބައުޅޭ. ވަރަށް ބޮޑަށް އުފާވޭ މި މަންޒަރު ފެންނާތީ."
އެއީ ތެދެކެވެ. ޕިކަޕާއި ލޮރީތަކުން ބާލަމުން ދިޔައީ މުޅިން ވެސް އެކި ފަރާތްތަކުން ކޮށްފައިވާ ހަދިޔާތަކެވެ. އޭގެ ތެރޭގައި މާދަމާގެ އީދު ނަމާދަށް އެތަން ތައްޔާރުކުރަން ބޭނުންވާ ހުރިހާ ސާމާނާއި ކެއިން ބުއިމާއި އެހެނިހެން ތަކެތި ވެސް ހުއްޓެވެ. މި ނަމާދަށް ކުރާހާ ހަރަދެއް ކުރަމުން މިދަނީ ދީލަތި ފަރާތްތަކުންނެވެ. މަސައްކަތުގައި އުޅުނު މީހުންގެ މިރޭގެ ކެއުންތަކާއި މިއަދުގެ ރޯދަ ވީއްލުން ވެސް ބޭއްވީ އެކި ފަރާތްތަކުންނެވެ. އަދި މާދަމާގެ އީދު ނަމާދުގެ ސައުންޑްގެ ކަންތައްތައް ހަމަޖެއްސުމަށް ދެ ކްރޭނު ބާއްވައި އޭގައި ފައްޗަކަށް އަތުރާލައިފައިވާ ބޮޑެތި ސްޕީކަރުތަކާއި ސައުންޑް ވެސް ހަދައިދިނީ އަމިއްލަ ބަޔަކު ހިލޭ ސާބަހަށެވެ. މިއީ، އިސްލާމިކް މިނިސްޓަރު މުހަންމަދު ޝަހީމް ވެސް ފާހަގަ ކުރައްވާ ގޮތުގައި، ނަމޫނާ މަސައްކަތެކެވެ.
"އަޅުގަނޑުމެން މިކަމަށް ލޯ ލާރިއެއް ވެސް ހޭދައެއް ނުކުރަން،" ސްޓޭޑިއަމްގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވަން ހުންނަވައި "ހަވީރަ"ށް ވިދާޅުވި އެވެ.
މި ނަމާދު މިގޮތަށް ބޭއްވުމަށް ޓަކައި އެންމެ ފުރަތަމަ ހިޔާލު އައީ، ޝަހީމް ވިދާޅުވި ގޮތުގައި 12 ވަރަކަށް ޒުވާނުންގެ އެދުމުގެ މަތިންނެވެ.
"އެ މީހުން ކައިރީގައި އަޅުގަނޑު ބުނިން ތިކުދިން ތައްޔާރިއްޔާ އަޅުގަނޑު ތައްޔާރޭ. އިރާދަކުރެއްވިއްޔާ މިކަން މިދަނީ ކުރިއަށް،" ޝަހީމް ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ހިނގާ މަސައްކަތް ބަލާލުމަށް ޓަކައި ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުންގެ އިތުރުން ބައެއް އާންމުން ވެސް ވަރަށް ދަންވަންދެން ގޮސް އުޅުނެވެ.
އީދު ނަމާދު ބާއްވާ ތަނަކީ، ޒާކިރު ނައިކް ރާއްޖެ ވަޑައިގެން ދަރުސް ދެއްވި ތަނެވެ. ޝަހީމް ވިދާޅުވި ގޮތުގައި އޭރު އެތާނގައި ޖެހީ 20،000 ގޮނޑި އެވެ. އެހެންވެ ޝަހީމް ލަފާކުރައްވާ ގޮތުގައި 30،000 މީހުންނަށް އެއްވެސް އުނދަގުލެއް ނެތި މާދަނާ ނަމާދުކުރެވޭނެ އެވެ. އަދި ނަމާދަށް ފަހު ކުޑަކުދިންނަށް ހަދިޔާ ބެހުމާއި އެތަނަށްދާ ކޮންމެ މީހަކަށް ސައި ލިބޭނެ އިންތިޒާމު ވެސް އެ ސަރަހައްދުގައި ހަމަޖައްސާނެ އެވެ.
"ކިތަންމެ ގިނައިން މީހުން އަޔަސް އަދި ކުޑަކުދިން އަޔަސް އަޅުގަނޑުމެންނަށް ސައި ވެސް ހަދިޔާ ވެސް ދެވޭނެ. މިހާރު ވެސް 10،000 ފުއްޕާ ހަމަށް ވައި ޖަހައި މެޓާ އެއްޗެހި ބަންދުކޮށްފައި ހުންނާނީ. ސައުތު ތައުފީގު އެކަނި ވެސް 10،000 މީހުންނަށް ސައި ތައްޔާރުކޮށްދޭނެ،" ޝަހީމް ވިދާޅުވި އެވެ.
އީދު ނަމާދަށް ޓަކައި މުޅި އެ ސަރަހައްދުގައި، ހަމައެކަނި ސަތަރި އެކަނި ފެތުރުމަކީ ވެސް ބޮޑު މަސައްކަތެކެވެ. އޭގެ އިތުރުން އަންހެނުންނަށް ނަމާދު ކުރަން ވަކިން ތައްޔާރުކުރާ ޓްރެކް ސަރަހައްދުގެ މަސައްކަތް ވެސް މިރޭ ކުރިއަށް ދާނެ އެވެ.
އީދު ނަމާދު މާދަމާ ޓީވީން ލައިވް ވެސް ކުރާނީ މިތަނުންނެވެ. އެހެން ނަމަވެސް، އިސްލާމީ މަރުކަޒުގައި ވެސް އީދު ނަމާދުކުރުން އޮންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. ސްޓޭޑިއަމްގައި މިފަދަ ގޮތަކަށް ފުރަތަމަ ފަހަރަށް ބާއްވާ އީދު ނަމާދު އިމާމްވެ ކުރައްވާނީ ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފެވެ.

22 comments