އީދު ނަމާދު

އީދުގެ ބޮޑު ޖަމާއަތަށް 35،000 އަށް ވުރެ ގިނަ މީހުން ދިޔަ: ޝޭހު އިމްރާން

އަހުމަދު ހަމްދޫން
19 އޯގަސްޓް 2012 13:44 29 ކޮމެންޓު
  • މާފަންނު ސްޓޭޑިއަމްގައި މިއަދު ފިތުރު އީދު ނަމާދު ކުރުން: އެތައް ހާސް ބަޔަކު މި ނަމާދުގައި ބައިވެރިވި އިރު މިއީ ރާއްޖޭގައި މި ގޮތަށް އީދު ނަމާދު ކުރި ފުރަތަމަ ފަހަރު.--ހަވީރު ފޮޓޯ: އިބްރާހީމް ފާއިދު

  • މާފަންނު ސްޓޭޑިއަމްގައި މިއަދު ފިތުރު އީދު ނަމާދު ކުރުން: އެތައް ހާސް ބަޔަކު މި ނަމާދުގައި ބައިވެރިވި އިރު މިއީ ރާއްޖޭގައި މި ގޮތަށް އީދު ނަމާދު ކުރި ފުރަތަމަ ފަހަރު.--ހަވީރު ފޮޓޯ: އިބްރާހީމް ފާއިދު

  • މާފަންނު ސްޓޭޑިއަމްގައި މިއަދު ފިތުރު އީދު ނަމާދު ކުރުން: އެތައް ހާސް ބަޔަކު މި ނަމާދުގައި ބައިވެރިވި އިރު މިއީ ރާއްޖޭގައި މި ގޮތަށް އީދު ނަމާދު ކުރި ފުރަތަމަ ފަހަރު.--ހަވީރު ފޮޓޯ: އިބްރާހީމް ފާއިދު

މިއަދު މާލޭގެ މާފަންނު ސްޓޭޑިއަމްގައި ކުރި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި 35،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ލަފާކުރައްވާ ކަމަށް އެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ހަވީރަށް ވިދާޅުވީ 35،000- 40،000 ދެމެދުގެ އަދަދަކަށް މި ޖަމާއަތުގައި މީހުން ބައިވެރިވި ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑު އުންމީދެއް ނުކުރަން ޓާފް ދަނޑާއި ވޮލީ ކޯޓުގައި އެހާ ބައިވަރު މީހުން ނަމާދު ކުރާނެ ކަމަކަށް. އަޅުގަނޑުމެން ނިންމައިގެން ތިބީ ސްޓޭޑިއަމް ސަރަހައްދާއި ]ޓާފް ދަނޑުގެ ދެކުނު ފަރާތް[ ޓްރެކް ދަނޑުގައި ކަމަށް އެންމެން ނަމާދު ކުރާނީ. އެކަމަކު ޓާފް ދަނޑާއި ވޮލީ ކޯޓުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ނަމާދު ކުރި. އެއީ އަޅުގަނޑުމެން ލަފާކުރި ގޮތެއް ވެސް ނޫން. އެހެން އެވީ މީހުންގެ އަދަދު ހީކުރި ވަރަށް ވުރެ ގިނަ ވުމުން،" އިމްރާން ވިދާޅުވި އެވެ.

ހުސް ބިމެއްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މިހާ ގިނަ އަދަދެއްގެ މީހުން އެއް ޖަމާއަތެއްގައި އީދު ނަމާދު ކުރިއިރު އެކަމަށް ބޮޑެތި ހޭދަތަކެއް ވަނީ ކޮށްފަ އެވެ. އީދު ނަމާދުކުރުން ސްޓޭޑިއަމްގައި ބޭއްވުމަށްޓަކައި ހިލޭ ސާބަހަށް ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އީދު ނަމާދު ކުރުމުގެ ތައްޔާރީތަކުގައި 300 އެއްހާ ވޮލަންޓިއަރުން އުޅުނެވެ. އޭގެ ތެރޭގައި ދީނީ އެކި ޖަމިއްޔާތަކުގެ ޒުވާނުންނާއި ހަރު މީހުންގެ އިތުރުން ސިފައިންނާއި ފުލުހުން ފެނުނެވެ.

"އަޅުގަނޑު ދަންނަވާނީ މިކަމުގައި އުޅުނީ ދީނަށް ލޯބިކުރާ ކުދިން ކޮޅެކޭ. އެ ކުދިންގެ ހިތްވަރާއި ބުރަ މަސައްކަތުން މިހާ ބޮޑު ޖަމާއަތެއް މިހާ ރަނގަޅަށް މި ހެދުނީ. މިއީ ހިލޭ ސާބަހަށް ބަޔަކު ކުރި މަސައްކަތުގެ ނަމޫނާއެއް. އަޅުގަނޑުމެން އެކަން ބަލައިގަންނަން،" އިމްރާން ވިދާޅުވި އެވެ. "ހުރިހާ ކަމެއް ވެސް ކުރީ ހެޔޮ އެދޭ ފަރާތްތަކުން. އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ބަޖެޓުން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރަން."

އިމްރާން ލަފާކުރައްވާ ގޮތުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ބޭއްވުމަށްޓަކައި ހަތް ލައްކައެއްހާ ރުފިޔާ ހެޔޮ އެދޭ ފަރާތްތަކުން ވަނީ ހޭދަކޮށްފަ އެވެ. ދެ ލައްކައެއްހާ ރުފިޔާ ކޭޝްގެ ގޮތުގައި އެކަނި ވެސް ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާ ކުރި އެވެ. އީދު ނަމާދަށްޓަކައި ސްޓޭޑިއަމްގައި 400 އެއްހާ ރޯލު ސަތަރި އަތުރާފައި އޮތެވެ. އީދު ނަމާދަށް ދިޔަ މީހުންނަށް ގާތްގަނޑަކަށް 10،000 ބޮނޑިބަތް ޕާރުސަލް ބެހި އެވެ. ކުޑަކުދިންނަށް ވެސް އެއްޗެހި ބެއްސެވެ. ވަރުގަދަ ސައުންޑް ސިސްޓަމެއް ހަރުކޮށްފައި ހުއްޓެވެ. އީދު ނަމާދަށް ދިޔަ މީހުންނަށް ފެން ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ހުއްޓެވެ. ވުލޫ ކުރެވޭނެ ގޮތް ހަދާފައި ހުއްޓެވެ. މީގެ އިތުރުން އީދު ނަމާދު އިންތިޒާމުކުރި ވޮލަންޓިއަރުންނަށް ވެސް ސަޔާއި ކެއުން ރޭ އިންތިޒާމު ކޮށްފައި އޮތެވެ. އެކަމުގައި އުޅުނު ބައެއް މީހުން އިއްޔެ ރޯދަ ވީއްލީ ވެސް ސްޓޭޑިއަމް ސަރަހައްދުގަ އެވެ.

"މިއީކީ ފަސޭހަ ކަމެއް ނޫން. އެކަމަކު މަޝްހޫރު ސައުތު ތައުފީގާއި ނާސްތާ ވަހީދުމެން ފަދަ ބޭފުޅުންގެ ދީލަތި އެހީ ލިބިގެން މިކަން މިހާ ފުރިހަމަ މިވީ. އެ ގޮތަށް އެތައް ބައެއްގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބުނު،" އިމްރާން ވިދާޅުވި އެވެ.

ހުސް މައިދާންތަކުގައި އީދު ނަމާދު ކުރަނީ އެއީ ކީރިތި ރަސޫލާ ކުރެއްވި ކަމަކަށްވާތީ ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ. އެހެންވެ ހުސް މައިދާންތަކުގައި އީދު ނަމާދު ކުރުމަކީ ސުންނަތެކެވެ. އެންމެ ފަހަރަކު ފިޔަވައި އެހެން ހުރިހާ ފަހަރެއްގައި ރަސޫލާ އީދު ނަމާދު ކުރެއްވީ ހުސް މައިދާންތަކުގައި ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

"އެ ވެސް އުޒުރެއް ދިމާވުމުން. އެއީ ވާރޭ ވެހުމާ ގުޅިގެން. އުޒުރެއް ނެތި ސުންނަތް ވެގެން ވަނީ މިފަދަ ހުސް މައިދާންތަކުގައި އީދު ނަމާދު ކުރުން. އޭގެ އެހެން ބޭނުންތަކެއް ވެސް އެބައޮތް. އެއީ ނަމާދު ނުކުރެވޭ އުޒުރުވެރި ހާލަތުގައި ތިބި މީހުންނަށް ވެސް އީދުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެތީ،" އިމްރާން ވިދާޅުވި އެވެ.

މިފަދަ ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކުރުމުގެ ހިޔާލު އައީ 12 ވަރަކަށް ޒުވާނުންގެ އެދުމުގެ މަތިން ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޝޭހު މުހަންމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެފައިވެ އެވެ.

29 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait