ނަޝީދުގެ ވެރިކަން ބަދަލުކުރުން

އެޗްއާރުސީއެމްގެ ރިޕޯޓަކީ ސުވާލު އުފައްދާ މީހުންގެ އަނގަމަތީގައި އެޅުނު ޓޭޕެއް: ޖުމްހޫރީ ޕާޓީ

ފަޒީނާ އަހުމަދު
19 އޯގަސްޓް 2012 13:59 40 ކޮމެންޓު
  • ޖުމްހޫރީ ޕާޓީގެ އޮފީހުގައި ފުވާދު ގާސިމް (ކ) އާއި އަމީން (މ) އަދި މޫސަ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަން ރިޕޯޓުން ވެސް އެނގޭ ކަމަށް ވިދާޅުވި.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ޖުމްހޫރީ ޕާޓީގެ އޮފީހުގައި ފުވާދު ގާސިމް (ކ) އާއި އަމީން (މ) އަދި މޫސަ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަން ރިޕޯޓުން ވެސް އެނގޭ ކަމަށް ވިދާޅުވި.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ފެބުރުއަރީ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހިނގި ކަންކަން ތަހުގީގުކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެކުލަވާލާފައިވާ ރިޕޯޓަކީ، ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެ ސުވާލު އުފައްދާ މީހުންގެ އަނގަމަތީގައި އެޅުނު ޓޭޕެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްއާރުސީއެމުން ނުނެރެނީސް އާއްމުވެފައިވާ އެ ރިޕޯޓާ ގުޅިގެން ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަމީން ވިދާޅުވީ އެޗްއާރުސީއެމްގެ ރިޕޯޓް ނެރުން މާބޮޑަށް ލަސްވެއްޖެ ކަމަށެވެ. ނަމަވެސް އެ ރިޕޯޓަކީ އެކޮމިޝަނުން ކޮށްފައިވާ ފުރިހަމަ މަސައްކަތެއް ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އަމީން ވިދާޅުވީ ފެބުރުއަރީ 7 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތާ ގުޅޭގޮތުން އުފައްދަނީ ދެ ސުވާލެއް ކަމަށެވެ. އެއީ "ވެރިކަން ވެއްޓުނީ ބަޣާވާތަކުންތޯ އާއި ރައީސް މުހައްމަދު ވަހީދު މަގާމާ ހަވާލުވެވަޑައިގެންނެވީ ގާނޫނީ ހަމަތަކުގެ މަތިންތޯ" އެ ދެ ސުވާލު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މި ދެ ސުވާލުގެ ޖަވާބު އެ ރިޕޯޓުން ވަރަށް ރަނގަޅަށް ސާފުވެގެން އެބަދާހެން. ފުރަތަމަ ސުވާލުގެ ޖަވާބު ލިބުމާ އެކު ދެ ވަނަ ސުވާލުގެ ބޭނުމެއް ނެތް. އެއީ އަޅުގަނޑުމެން އެންމެންގެ ކުރިމަތީގައި ހިނގައިދިޔަ ކަންތައްތަކެއް. އެކަންކަމާ ގުޅިގެން، މީގެ [ވެރިކަން ބަދަލުވި ގޮތުގެ] ހަގީގަތް އެނގިވަޑައިނުގަންނަވާ ބޭފުޅުންނަށް މި ރިޕޯޓަކީ ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް، ވަރަށް ސާފުކޮށް މިކަންކަން ކިޔައިދޭ ރިޕޯޓެއް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޗްއާރުސީއެމްގެ ރިޕޯޓުގައި ހިމަނާފައިވާ ކަންތައްތަކަކީ ވެސް ވީޑިއޯ ކުރެވި އެންމެންގެ ލޯ ކުރިމަތީގައި ހިނގާފައިވާ ކަންތައްތަކެކެވެ. އެހެންކަމަށްވުމާ އެކު ވެރިކަން ބަދަލުވިގޮތާ ގުޅޭގޮތުން ސުވާލު އުފައްދާ މީހުންނަށް ވެސް ލިބޭ ވަރަށް ބޮޑު ރައްދަކަށް އެ ރިޕޯޓުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ [ވެރިކަން] ވެއްޓިގެން މިދިޔައީ ކިހިނަކުން ކަން މި ރިޕޯޓުގެ އެންމެ ފަހު ދެ ޕެރެގްރާފް އިން ސާބިތުވެ ފެންނަން އެބައޮތް. ގާނޫނާއި ގަވާއިދާ ހިލާފަށް އޭރުގެ ރައީސް ނަޝީދު ތަކުރާރުކޮށް ފަށްފަށްކޮށް ކުރެއްވި އަމަލުތަކާއި ނެރުއްވި އޯޑަރުތަކަކާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނަށް ވެސް އެ އޯޑަރުތައް ފޮލޯކުރައްވާ، ތަންފީޒުކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން ސަލާމަތީ ބާރުތަކަށް ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލިގެން ދިޔަކަން. މިއީ ފެންނަން އޮތް ހަގީގަތަކީ މި ރިޕޯޓުން،" އަމީން ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަން ވައްޓާލާފައި ވަނީ ބަޔަކު ރާވައިގެން ކަމަށް އެމްޑީޕީން ތުހުމަތުކުރި ނަމަވެސް އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ނޫން ކަމަށް އެޗްއާރުސީއެމުގެ ރިޕޯޓުން ސާބިތުވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު މިއޮތް ވެރިކަމާ ދޭތެރޭގައި ސުވާލު އުފައްދައި މަތި މައްޗަށް އެކަމާ ބަހަނާ ދައްކަވާ ބޭފުޅުންނަށް މި ރިޕޯޓު މިއީ ރައްދެއް ދެވޭ ރިޕޯޓެއް،" އަމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު މޫސާ ރަމީޒް ވެސް ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ވަރަށް ސާފުކޮށް އެޗްއާރުސީއެމްގެ ރިޕޯޓުން އެނގޭ ކަމަށާއި "ބަޣާވާތެއް ރޭވީ އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންކަން" ވެސް އެނގޭ ކަމަށެވެ. ވެރިކަން ބަދަލުވީ، ވެރިކަމުގައި ހުންނެވިއިރު، ގާނޫނޫ އަސާސީއާ ހިލާފަށް، ނަޝީދު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗާޓުން ބޭރުގައި "ވަގަށް ނެގުން" ފަދަ ކަންކަން ކުރެއްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ފެބުރުއަރީ 6 ވަނަ ދުވަހުގެ ރޭ އިއްތިހާދުގެ މުޒާހިރީންނާ ކުރިމަތިލައި މާރާމާރީ ހިންގުމަށް އެމްޑީޕީން ތައްޔާރުވެފައިވާ މިންވަރު ވެސް އެޗްއާރުސީއެމްގެ ރިޕޯޓުން އެނގޭ ކަމަށް މޫސަ ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ހިއްސާ އޮންނަ ޗިކޯ ރެސްޓޯރަންޓުގައި ވަޅި އާއި ގާފަދަ ތަކެތި ބަހައްޓާފައި ހުރި ކަމަށް ރިޕޯޓުން ދޭހަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފުވާދު ގާސިމް ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވީ ޖުމްހޫރީ ޕާޓީން ބުނަމުންދާ ގޮތަށް، އެމަނިކުފާނަށް ގައުމު ނުހިންގެވޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވުމުން އެކަމުން ސަލާމަތްވެވަޑައިގަތުމަށް ކަމަށެވެ. ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އުފައްދާފައިވާ ނެޝެނަލް އިންކުއަރީ ކޮމިޝަނުން ވެސް ޓައިމްލައިނެއް ނެރެފައިވާއިރު، އެޗްއާރުސީމުން މިހާރު ނެރެފައިވާ ރިޕޯޓުގައި މައިގަނޑު ކަންކަން އެއްގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފާހަގަކުރަން ޖެހޭނެ ހަގީގަތަކީ ޓައިމްލައިނުގެ ތެރެއިން ވެސް އަދި މިހާރު ހިއުމަން ރައިޓްސް އިން ނެރުނު ރިޕޯޓުން ވެސް އިވި ފެނިގެން މިދިޔައީ ދުލުން ދައްކަމުން ދިޔަ ވާހަކަތައް ނޫން، ޕާޓީތަކުންނާއި އިއްތިހާދުގެ ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތައް،" ފުވާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެބުރުއަރީ 6 ވަނަ ދުވަހުގެ ރޭ ނަޝީދު ބޭނުންފުޅުވީ މުޅި ގައުމު ލޭ އޮހޮރުވުމަށް ވައްޓާލަންކަން އެނގޭ ކަމަށެވެ. އަދި ޖެހިގެން އަންނަ ދުވަހު ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް، ކޯޓުތަކުގެ ބާރު ކަނޑުވާލައި ޖުޑީޝަލް ސާވިސް ކޮމިޝަން އުވާލައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ސަސްޕެންޑްކޮށް މިނެއް ނެތް ހިޔާލުފާޅުކުރުމާއި ދީނީ މިނިވަންކަން ހުޅުވާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ގައުމަކީ ސެކިއުލާ، ބޭނުން މީހަކު ބޭނުން ދީނަކަށް އުޅޭ، ބޭނުން ވާހަކައެއް ދެއްކޭ ގައުމަކަށް ހެދުމުގެ ނުބައި ޕްލޭނެއްގެ ތެރެއިން ކުރި ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގިގެންދޭ،" ފުއާދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ވެރިކަން ބަދަލުވިގޮތާ ގުޅޭގޮތުން ނެޝެނަލް އިންކުއަރީ ކޮމިޝަނުން ތަހުގީގުކޮށް ނެރޭ ރިޕޯޓުގައި ވެސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަން ކަނޑައަޅާފައި ނޯންނާނެ ކަން ވަރަށް ބޮޑަށް އެ ޕާޓީ އަށް ޔަގީންކުރެވޭ ކަމަށެވެ.

40 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait