ރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ ބަޣާވާތަކުން ނޫން ކަމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ބުނެފައިވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ދޭހަވާ ގޮތަށް ދި ޓީވީން އޯޑިއޯއެއް އާއްމުކޮށްފައި ވަނީ ދެކެވުނު ވާހަކަ ބަދަލުކޮށްގެން ކަމަށް އެމަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.
ދި ޓީވީން އާއްމުކުރި އޯޑިއޯއާ ގުޅޭގޮތުން ރައީސް ނަޝީދުގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ "ދި ޓީވީން ހާމަކޮށްފައިވާ ރައީސް މުހައްމަދު ނަޝީދުގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯ އަކީ ދެކެވިފައިވާ ވާހަކަ ބަދަލުކޮށްފައިވާ އޯޑިއޯއެއް" ކަމަށެވެ. އެ އޯޑިއޯއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ބަޔާނުގައި ދީފައެއް ނުވެ އެވެ.
ދި ޓީވީން ގެނެސްދިން އޯޑިއޯގައި ނަޝީދު ވާހަކަ ދައްކަވާފައި ވަނީ ރާއްޖޭގެ ކަންކަން ބެލުމަށް ސީމެގުގެ ވަފުދަކުން ރާއްޖެ އަށް ކުރެއްވި ތިން ދުވަހުގެ ދަތުރާ ބެހޭ ގޮތުންނެވެ. ނަމަވެސް އެ ވާހަކަ ދައްކަވާފައި ވަނީ ކޮން އިރަކު ކޮން ބަޔަކާ ކަމެއް ވެސް އެ އޯޑިއޯއަކުން ނޭނގެ އެވެ.
ސީމެގާ ހަވާލާދެއްވައި އެ އޯޑިއޯގައި އެމަނިކުފާނު ވިދާޅުވަނީ ވެރިކަން ބަދަލުވީ ބަޣާވަތަކުން ކަމެއް ނުވަތަ ބަޣާވާތަކުން ނޫން ކަމެއް އެ އޯޑިއޯގައި ސާފެއް ނުވެ އެވެ. އެ ޖުމްލަ ނިމޭއިރު ނަޝީދު ދައްކަވާ ވާހަކަ ސާފު ނުވާ ވަރަށް އެހެން އަޑެއް ގަދަވެ އެވެ.
ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ބުނަމުން ދާއިރު ރައީސް ނަޝީދު ޥެސް ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް، ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ނޫނީ ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް ދިޓީވީން ބުނީ އެ ފަރާތުން އާންމުކޮށްފައިވާ ނަޝީދުގެ އޯޑިއޯއަކީ އެތަނަށް ލިބިފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އާންމުކޮށްފައިވާ އޯޑިއޯއެއް ކަމަށާއި އެ އޯޑިއޯ އެ ސްޓޭޝަނުން އެއްވެސް ވަރަކަށް އެޑިޓްކޮށްފައި ނުވާނެ ކަމަށެވެ.
"ރިޕީޓް ކުރުން ފިޔަވައި އިތުރު އެއްވެސް އުނިއިތުރެއް އޯޑިއޯގައި ނުވާނެ ކަމަށާއި މިއީ ތެދުކަން ހާމަކޮށް ދިނުމަށް ސައިންޓިފިކް ގޮތުން ޕްރޫވް ކޮށްދޭން ވެސް ޗެލެންޖް ކުރަން. އެއީ ބަދަލުކޮށްފައިވާ އޯޑިއޯއެއް ކަމަށް ބުނި ނަމަވެސް ބަދަލުކޮށްފައިވާ ބަޔަކީ ނުވަތަ އޭގައިވާ ގޯސް ވާހަކައަކީ ކޮބައިކަން ނަޝީދަށް ހާމަކޮށްދެވިފައެއް ނުވޭ،" ދިޓީވީން ހަވީރަށް ފޮނުވި އެސްއެމްއެސްއެއްގައި ވެ އެވެ.

އެމްޑީޕީގެ މުޒާހަރާ
ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
45 comments