ލީކްވި އޯޑިއޯއަކާ ގުޅިގެން މޯލްޑިވްސް ނެޝެނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) ގެ މެނެޖިން ޑިރެކްޓަރު (އެމްޑީ) ކަމުން އަހްމަދު ފާއިޒު މަގާމުން މިއަދު ވަކިކޮށްފި އެވެ.
ފާއިޒު ވަޒީފާއިން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެ އެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ޗެއާމަން ކަމުގައި ވެސް ހުންނެވި ފާއިޒު ވިދާޅުވީ މަގާމުން ވަކިކުރެއްވީ މި ހަފުތާގައި ރާއްޖެ ޓީވީން ލީކްކޮށްލި އޯޑިއޯއަކާ ގުޅިގެން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ޕްރެޝަރު ކުރުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އެއީ ފޭކް އޯޑިއޯއެއް ކަމަށް. ޕާޓީތަކުގެ ޕްރެޝަރުގެ ސަބަބުން މަގާމުން ވަކިކުރީ،" ފާއިޒު ވިދާޅުވި އެވެ.
މި ހަފުތާގައި ރާއްޖެ ޓީވީން ލީކްކޮށްލި އެ އޯޑިއޯގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެކަކީ އޭނާ ކަމަށް ފާއިޒު ވިދާޅުވެ އެވެ. އަދި ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ވެއްޖެ ނަމަ އެންމެ ފުރަތަމަ މަރަން ހުކުމްކުރާނެ މީހަކީ އޭނާ ކަމަށް ފާއިޒު ބުނެ އެވެ. ނަމަވެސް އޭނާ މިއަދު ވިދާޅުވީ ވެރިކަން ބަދަލުކޮށްލުމުގައި އޭނާ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.
"އެ އޯޑިއޯއަކީ ސައްހަ އެއްޗެއް ނޫން. އެއީ ވޭތުވެދިޔަ ފަސް މަސް ދުވަހު ދައްކާފައިވާ ވާހަކަ އާއި އެ މީހެއްގެ އަޑު ވެސް ހިމަނާއިގެން، ވަރަށް ރާވައިގެން ބަޔަކު ކޮށްފައިވާ ކަމެއް،" ފާއިޒު ވިދާޅުވި އެވެ.
ވެރިކަން ބަދަލުވުމަށް ފަހު އެމްއެންބީސީ ބޯޑަށް ބަދަލު ގެނެސް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު އެމްބީސީ އަށް ވަނީ ބަދަލުކޮށްފަ އެވެ. އެމްއެންބީސީ އަދިވެސް އުވާލުމުގެ ކަންކަން އެ ބޯޑުން ނުނިންމަ އެވެ.
ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
10 comments