ޚަބަރު

"ހިދާޔަތުގެ އަލި" ނެރުމަށް ދި އިސްލާމާ ހަވާލުކޮށްފި

އަހުމަދު ރިޝާން
29 އޯގަސްޓް 2012 17:15 7 ކޮމެންޓު
 • އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް: ދީނީ ނޫސް "ހިދާޔަތުގެ އަލި" ނެރުން މިނިސްޓްރީން ވަނީ ދި އިސްލާމާ ހަވާލުކޮށްފައި. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

އިސްލާމިކް މިނިސްޓްރީން ކޮންމެ ހުކުރު ދުވަހަކު ނެރެމުންދިޔަ ދީނީ ނޫސް "ހިދާޔަތުގެ އަލި" މަޖައްލާއެއްގެ ގޮތުގައި ނެރުމަށް "ދި އިސްލާމް" ނޫހާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ހިދާޔަތުގެ އަލި ނެރުމަށް ދި އިސްލާމް ނޫހާ ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ އެވެ. އަދި ދި އިސްލާމްގެ ފަރާތުން ސޮއިކުރެއްވީ އެ ނޫހުގެ އެގްޒެކެޓިވް އެޑިޓަރު އަލީ އަހުސަން އެވެ.

އިސްލާމިކް މިނިސްޓަރު ޝައިޚް މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދި އިސްލާމާ ހިދާޔުތުގެ އަލި ނެރުމަށް ހަވާލުކުރީ އެ މަޖައްލާ ނެރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައި ވަނީ އެފަރާތުން ކަމަށް ވާތީ ކަމަށެވެ.

"މަޖައްލާއާ ގުޅޭ ހުރިހާ ކަމެއް ކުރަނީ ދި އިސްލާމުން. އެމީހުން ޗާޕުކުރުމާ ހިސާބަށް ހުރިހާ ކަމެއް ކުރާނެ. މިފަދަ މަޖައްލާ ނެރުމުގެ ތަޖުރިބާ އެމީހުންގެ އެބަހުރި. އަދި އެންމެ ރަނގަޅު އަގެއްގައި އެކަން ކުރުމަށް ވެސް ހުށަހަޅާފައި ވަނީ ދި އިސްލާމުން،" ޝަހީމު ވިދާޅުވި އެވެ.

ހިދާޔަތުގެ އަލި ނެރުމަށް ހަވާލުކޮށްފައި ވަނީ މަހަކު 45،000ރ. ދޭ ގޮތަށެވެ. ހިދާޔަތުގެ އަލި ނެރުމަށް ބަޔަކު ހޯދުމަށް ފުރުސަތު ހުޅުވާލުމުން ވަރަށް ގިނަ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.

ހިދާޔަތުގެ އަލި ނެރުމުގައި ސިޔާސީ އެއްވެސް ކުލަ އެއް ނުޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަޖައްލާގެ ބޭރުގަނޑުގައި އެއްވެސް މީހެއްގެ ފޮޓޯ ނުޖެހުމާއި ވަކި ފަރާތެއް ޕްރޮމޯޓްވާ ފަދަ އާޓިކަލްތަކާއި އެއްޗެހި ނުޖެހުމަށް ދި އިސްލާމަށް ޝަރުތު ކޮށްފައިވާ ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.

"ޗާޕު ކުރުމުގެ ހަތަރު ދުވަސް ކުރިން އަޅުގަނޑުމެންނަށް ފޮނުވީމަ އެޕްރޫވް ކުރުމަށް ފަހު ޗާޕު ކުރެވޭނީ ވެސް،" އޭނާ ވިދާޅުވި އެވެ.

ހިދާޔަތުގެ އަލި އަލުން ނެރެން ފެށުމަށް ނިންމާފައި ވަނީ އަންނަ މަހު އެވެ. އަދި ކޮންމެ މަހަކު ވެސް 1000 ކޮޕީ ޗާޕުކުރަން ނިންމާފައި ވާއިރު މި މަޖައްލާ ހިލޭ ބަހާނެ އެވެ. އެގޮތުން މިސްކިތްތަކަށާއި ރަށްރަށުގެ ކައުންސިލްތަކަށް ވެސް މަޖައްލާގެ ކޮޕީ ފޮނުވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި މަޖައްލާގައި 44 ސޮފުހާ ހިމޭނެނެ އެވެ. އަދި ބޭރުގަނޑާއި އެތެރޭގެ ބައެއް ސޮފުހާތަށް ހުންނަނީ ކުލަކޮށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މި މަޖައްލާގައި ހިމެނޭނެ އާޓިކަލްތަކުގެ ތެރޭގައި މިނިސްޓްރީގެ ހަބަރުތަކާއި ދީނީ އާޓިކަލްތަކުގެ އިތުރަށް ފަލަސްތީނާ ބެހޭ ހަބަރުތަކާއި އަންހެނުންނާއި ކުޑަ ކުދިންނަށް ހާއްސަ އާޓިކަލްތައް ހުންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހިދާޔަތުގެ އަލި އަލުން ނެރެން ފެށުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުހަންމަދު ވަހީދުއްދީން (ޑީން) 90،000ރ. ގެ ފައިސާގެ އެހީއެއް ވަނީ ދެއްވާފަ އެވެ. އަދި މި އަންނަ އަހަރު މިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެން، މި ނޫސް ނެރުމަށް ބޭނުންވާ ފައިސާ ހޯދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހިދާޔަތުގެ އަލި ނެރުން ހުއްޓާލި ދުވަސްވަރު އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ކޮންމެ ހަފުތާއަކު އެ ނޫސް ޗާޕްކުރުމަށް 10،000ރ. ހަރަދުވާ ކަމަށެވެ.

ދީނީ މަޒުމޫނުތައް ހިމެނޭ ހިދާޔަތުގެ އަލި ނެރެން ފެށީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 1986 އިން ފެށިގެން ރައީސް އޮފީހުން ނެރެމުންދިޔަ "ދީނުގެ މަގު" ހުއްޓާލުމަށް ފަހު އެވެ. އެ މަޖައްލާ 22 އަހަރާއި ހަ މަސް ދުވަސް ވަންދެން ނެރުމަށް ފަހު ހުއްޓާލީ މައުމޫންގެ ވެރިކަން ބަދަލުވުމުންނެވެ. "ހިދާޔަތުގެ އަލި" ނެރެން ފެށީ ނޮވެމްބަރު 2008 އިން ފެށިގެންނެވެ. ނަމަވެސް އަލުން މި ނޫސް ހުއްޓާލީ ބަޖެޓު ނެތިގެން މި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 100%
  މައުލޫމާތު މުއްސަނދިވި

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait