ކޯނީގެ ރިޕޯޓް

ގަހާ ސައީދުގެ ކަންބޮޑުވުންތަކާ އެކު ރިޕޯޓް ބަލައިގަންނަން: ނަޝީދު

31 އޯގަސްޓް 2012 16:23 88 ކޮމެންޓު
  • ނަޝީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.---ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ކޯނީގެ ރިޕޯޓްގައި ނިންމާފައި ވަނީ ހަގީގަތަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތަށް ބަލާފައި ކަމަށާއި އެކަމަކު ގަހާ އަހްމަދު ސައީދު ފާހަގަކުރެއްވި ކަންކަމާ އެކު ރިޕޯޓް ބަލައިގަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

31-08-2012 17:12 ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން، ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ނިންމާފައި ވަނީ ހަގީގަތަށް ވުރެ ބޮޑަށް މަސްލަހަތަށް ބަލާފައި ކަމަށާއި އެ ރިޕޯޓާ މެދު ހުރި ކަންބޮޑުވުންތަކާ އެކު ވެސް އެ ރިޕޯޓް ބަލައިގަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ކޯނީގެ ރިޕޯޓް ނެރުނު ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ކޯނީގެ މެންބަރު ކަމުގެ މަގާމުން ގަހާ އަހްމަދު ސައީދު އިސްތިއުފާ ދެއްވުމަށް ފާޅުކުރެއްވި ކަންބޮޑުވުންތަކަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދި ކޯނީގެ ނިންމުން ބަލައިގަންނަނީ ސައީދު ފާހަގަކުރެއްވި ކަންބޮޑުވުންތަކާ އެކުގައި ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ވެސް ރިޕޯޓް ބަލައިގަނެ އެއަށް އަމަލުކުރުމަށް އެއްބަސްވެފައިވާ ކަމަށާއި އެހެންވެ، ގާނޫނާ ގަވާއިދާ ހިލާފަށް ސިފައިންނާއި ފުލުހުންގެ ތެރެއިން އަމަލުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނާ ކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުން ވެސް މިކަމަށް އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓްގައި ވެސް އަވަސް އިންތިހާބަކަށް އިޝާރާތްކުރާ ކަމަށާއި އަވަސް އިންތިހާބަކަށް ގޮވާލުން އެމްޑީޕީން ހުއްޓާނުލާނެ ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ އަށް ހަމަޖެހުން އޮތީ ކޯނީގެ ރިޕޯޓަށް އަމަލުކޮށްގެން ކަމަށެވެ. އެގޮތުން ރިޕޯޓްގައި ފާހަގަކުރާ ޖިނާއީ ކުށްތައް ބަލައި، ކުށްވެރިވާ ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު މި އޮތީ ބާޣީ ސަރުކާރެެއް ކަމަށް މިހާރު ބުނެވިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ މިހާރު އެހެން ނުކިޔޭނެ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފްވި ސިފައިންނާއި ފުލުހުންނާ މެދު ފިޔަވަޅު ނާޅާހާ ހިނދަކު ބާޣީ ކިޔޭނެ ކަމަށް ވިދާޅުވި އެވެ.


31-08-2012 16:51 ސީމެގްގެ އެޖެންޑާއިން ރާއްޖެ ނަގަން ބޭނުން. އެކަމަކު އެޖެންޑާގައި ރާއްޖެ އޮތީ ގައުމަށްޓަކައި. ސީމެގްގެ އެޖެންޑާއިން ރާއްޖެ ނަގަން މަސައްކަތް ކުރައްވާތީ ދުންޔާ އަށް ޝުކުރު އަދާކުރަން
31-08-2012 16:49 ރިޕޯޓް ބަލައިގަންނަ ނަމަ ބާޣީ ސަރުކާރެކޭ ނުބުނެވޭނެ، ސަރުކާރާ މެދު އެއްޗެއް ނުބުނެވޭ. އެކަމަކު ސިފައިންނާއި ފުލުހުންނާ މެދު ފިޔަވަޅު ނާޅައި ނަމަ ބާޣީއޭ ގޮވޭނެ
31-08-2012 16:46 އަޅުގަނޑުގެ މައްސަލަ ހުޅުމާލޭ ކޯޓްގައި ބެލޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވާތީ އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ހުޅުމާލޭ ކޯޓަށް އިއްޔެ ސިޓީއެއް ފޮނުވައިފިން
31-08-2012 16:42 ދިވެހިރާއްޖެ އަށް ހަމަޖެހުން އޮތީ ރިޕޯޓަށް އަމަލުކޮށްގެން. އެ ރިޕޯޓްގައި ބުނާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ އެކަން ކުރަންޖެހޭނެ
31-08-2012 16:42 ރިޕޯޓްގައި ބަޣާވާތެއް ކަމަށް ނިންމާފައި ނުވަނީ އަލުން ވެރިކަން އިއާދަކުރުމަކީ ވަރަށް ބޮޑު ކަމަށް ވާތީ، ގައުމައިގެން ކުރިއަށް ދިއުމަށް
31-08-2012 16:38 ސިފައިންނާއި ފުލުުހުންގެ ގާނޫނާ ހިލާފްވި ކަމަށް ރިޕޯޓްގައި ބުނާ މީހުންނާ މެދު ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭ. ގާނޫނުގައި ބުނާ ގޮތުން ނަމަ އެއީ ބަޣާވާތް ކުރި މީހުން
31-08-2012 16:38 ކޯނީގެ ރިޕޯޓްގައި ބުނާ ކަންކަމާ އެކު ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުކުރަން.
31-08-2012 16:36 ސައީދުގެ ކަންބޮޑުވުންތަކަށް އިހްތިރާމް ކުރަމުުން ކޯނީގެ ނިންމުން ބަލައިގަންނަން
31-08-2012 16:33 ގަހާ ސައީދު ފާހަގަކުރެއްވި ކަންކަން ނޫން ކަންތައް ރިޕޯޓުން ގަބޫލުކުރަން
31-08-2012 16:32 އަވަސް އިންތިހާބަކަށް ކޯނީގެ ރިޕޯޓްގައި ވެސް އިޝާރާތްކުރޭ. އެކަމަށް އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ
31-08-2012 16:30 ރިޕޯޓް ސީދާ ބަލައިގަތީ ކަމަށް ނަޝީދު ވިދާޅެއް ނުވޭ. ވިދާޅުވީ ކޯނީގެ މެންބަރުކަމުން އިސްތިއުފާ ދެއްވި ގަހާ އަހްމަދު ސައީދު ކޯނީގެ މަސައްކަތާ ބެހޭ ގޮތުން ފާހަގަކުރެއްވި ކަންތައް ސީމެގަށް ހުށަހަޅައިގެން ވާހަކަ ދެއްކިދާނެ ކަމަށް
31-08-2012 16:27 ނަޝީދު ވިދާޅުވީ އެހެންވެ ރިޕޯޓްގައި ބުނާ ގޮތަށް ސިފައިންނާއި ފުލުހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް. އަދި އެއީ ރިޕޯޓް ނެރުމުގެ ކުރިން އެމްޑީޕީން ވެސް އެގޮތަށް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވި
31-08-2012 16:26 ކޯނީގެ ރިޕޯޓަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓަށް އެންމެން އިހްތިރާމް ކުރަން އެކި ފަރާތްތަކުން ގޮވާލާފައި ވާއިރު އެގޮތަށް ކުރިއަށް ދާއިރު ރިޕޯޓްގައި ބުނާ ހުރިހާ ކަމެއް ކުރުމަށް ހުރިހާ ޕާޓީތަކެއް އެއްބަސްވެފައިވާ ކަމަށް.

88 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait