ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގާނޫނާ އެއްގޮތަށް ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ން ކަނޑައެޅުމުން، މިހާރުގެ ސަރުކާރުގައި އެމްޑީޕީން ބައިވެރިވުމަށް އެ ޕާޓީން މިއަދު ހުށަހަޅައިފި އެވެ.
ވެރިކަން ބަދަލުވިތާ ގާތްގަނޑަކަށް ހަތް މަސް ދުވަސް ފަހުން ސަރުކާރުގައި ބައިވެރިވާން އެމްޑީޕީން ހުށަހެޅީ މިހާރު ފަށާފައިވާ "ލީޑާސް ޑައިލޮގް"ގެ މިއަދުގެ ބައްދަލުވުމުގަ އެވެ.
ވެލާނާގޭގައި މިއަދު ހަވީރު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ޕާޓީގެ ލީޑަޝިޕްގެ މަޝްވަރާއާ ވެސް އެކު، ސަރުކާރުގައި ބައިވެރިވާން ހުށަހެޅުއްވީ ކޯނީގެ ރިޕޯޓުގައި ބުނެފައިވާ ގޮތަށް ވެރިކަން ބަދަލުވީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވާނަމަ މިހާރު އޮތީ އެ ޕާޓީގެ ސަރުކާރަކަށް ވާތީ ކަމަށެވެ.
"މިހާރު އޮތް ވެރިކަމަކީ 2008 ވަނަ އަހަރު ހޮވި ވެރިކަން ވެއްޖިއްޔާ މިއީ އެމްޑީޕީ ސަރުކާރު. މި ސަރުކާރުގައި އެމްޑީޕީ އޮންނާނޭ. އަޅުގަނޑުމެން މިސަރުކާރާ އެކީގައޭ ކުރިއަށް ދާން ބޭނުންވަނީ. އެގޮތަށް ހުށަހަޅާފައި އަޅުގަނޑު މިދަނީ،" މޫސަ ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ފެށުމުގެ ކުރިން އެމްޑީޕީއަކީ މަޖިލީހުގެ އިދިކޮޅު ޕާޓީތޯ ނުވަތަ ސަރުކާރު ޕާޓީތޯ ކަނޑައެޅުމަށް ހުށަހެޅުއްވި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީން ހުށަހެޅި ހުށަހެޅުމާބެހޭ ގޮތުން، މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު )ޓޯޕީ( ވިދާޅުވީ އެމްޑީޕީގެ ހުށަހެޅުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު ސަރުކާރުން ގޮތެއް ނިންމާނީ ރައީސް މުހަންމަދު ވަހީދުގެ އިތުރުން ކޯލިޝަންގައި ހިމެނޭ އެހެން ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ވަހީދު ފެބްރުއަރީ 7 ގައި ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ވެސް ސަރުކާރުގައި ބައިވެރިވާން އެމްޑީޕީ އަށް ދައުވަތު ދެއްވި އެވެ. އެކަމަކު އޭރު އެ ޕާޓީން އެކަން ގަބޫލެއް ނުކުރި އެވެ. އޭރު އެމްޑީޕީން ބުނަމުންދިޔައީ މިހާރު އޮތް ސަރުކާރަކީ ބަޣާވާތަކުން ގެނެސްފައިވާ ސަރުކާރެއް ކަމަށެވެ.
ލީޑާސް ޑައިލޮގްގެ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާއަކަށް ހުރިހާ ޕާޓީތަކުން އެއްބަސްވި ކަމަށް މަޝްވަރާތަކުގެ ވިލަރެސްވެރިޔާ އަހްމަދު މުޖުތަބާ ވިދާޅުވި އެވެ.
މަޝްވަރާގެ އެޖެންޑާގައި ހިމެނޭ ފަސް ކަމަކީ ހެޔޮވެރިކަމާއި ޑިމޮކްރަސީ ހަރުދަނާކުރަންޖެހޭ ކަންކަމާ މަޝްވަރާކުރުމާއި އެމްޑީޕީ ހިމެނޭ ގޮތަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމާއި އޮމާންކަމާއެކު ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމާއި ކޯނީން ފާހަގަކޮށްފައިވާ ކަންކަމާއި ރެކަމަންޑޭޝަންތަކަށް އަމަލުކުރާނެ ގޮތްތަކާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމާމެދު މަޝްވަރާކުރުމެވެ.
ލީޑާސް ޑައިލޮގްގެ މަޝްވަރާ ބައްދަލުވުމެއް ދެން އޮންނާނީ މި މަހުގެ 12 ގަ އެވެ.
106 comments