ނަޝީދުގެ ވެރިކަން ބަދަލުވުން

ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނާ ބައްދަލުނުކުރެވުނީ އެ ވަގުތު ހާލަތު އޮތް ގޮތުން: ފަސީހު

އަހުމަދު ހަމްދޫން
06 ސެޕްޓެމްބަރ 2012 22:04 55 ކޮމެންޓު
  • ކުރީގެ ޕޮލިސް ކޮމިޝަނަރު ފަސީހު: ފުލުހުންގެ ވަޒީފާގައި ހުންނެވިއިރު އޭނާއާ މެދު ފިޔަވަޅެއް އަޅާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށް މިރޭ ވިދާޅުވި.---ހަވީރު ފައިލް ފޮޓޯ

ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރެ އާއި ހަތް ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އިހުތިޖާޖުކުރި ފުލުހުންނާ ބައްދަލު ނުކުރެއްވީ އެ ވަގުތު އެތަނުގެ ހާލަތު އޮތް ގޮތުން ކަމަށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މިރޭ ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 7،6 ގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކުރި ތަހުގީގަށް ފަހު މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާ ހިލާފަށް ފަސީހު އަމަލު ކުރައްވާފައިވާ ކަމަށާއި އެހެންވެ އޭނާއާ މެދު ފިޔަވަޅު އަޅަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ފަސީހުގެ އިތުރުން ވެސް ފުލުހުންގެ އޭރުގެ ބައެއް އެހެން އިސްވެރިންނާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

ފެބްރުއަރީ 6- 7- 8 ގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭ ގޮތުން މިހާތަނަށް އާންމުކޮށް އެއްވެސް އެއްޗެއް ވިދާޅު ނުވެ ހުންނެވި ފަސީހު، މިއަދު އާންމުކުރި ރިޕޯޓާ ގުޅިގެން "ހަވީރަ"ށް ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރަމުން ދިޔަ ފުލުހުންނާ އޭނާ ބައްދަލު ނުކުރެއްވި ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނި ނަމަވެސް ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު މުނީރު އެތަނަށް ފޮނުއްވި ކަމަށެވެ.

"އެހެން ނަމަވެސް އެ ވަގުތުގެ ހާލަތު ހުރި ގޮތުން ]ފުލުހުންނާ[ ބައްދަލު ނުކުރެވުނީ. އަޅުގަނޑު ބުނިން ހަތަރު ކޮމާންޑަރުން ]އެސްއޯގެ ކޮމާންޑަރުން[ ކައިރީގައި ބުނާށޭ އަންނާށޭ ބައްދަލުކުރަން. އެކަމަކު އެ މީހުން ވެސް ބުނީ ދާކަށް ބޭނުމެއް ނޫނޭ."

ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރޭ، އޭރު ސަރުކާރު ހިންގި އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުން އާޓިފިޝަލް ބީޗުގައި މުޒާހަރާ ކުރަނިކޮށް އެތަނުގައި ތިބި ފުލުހުން އަނބުރާ ގެންދިޔަ މައްސަލާގައި ފަސީހު ވިދާޅުވީ އެކަން ކުރެއްވީ ސިފައިން އެ ސަރަހައްދަށް ގެންދިއުމަށް ފަހު، ފުލުހުން އަނބުރާ ގެނައުމަށް އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު އެންގެވުމުން ކަމަށެވެ.

"]ހޯމް މިނިސްޓަރު[ ބުނުއްވީ ފުލުހުންގެ މައްޗަށް މިހާރު އިތުބާރެއް ނެތޭ. އެހެން ބުނުއްވީމާ ސިފައިން އެތަނަށް ދިޔައީމާ، އަޅުގަނޑު ]ފުލުހުން[ އަނބުރާ ގެނައީ. ރައީސް ]ނަޝީދު[ ވެސް ގުޅުއްވި. އެކަމަކު އަޅުގަނޑަށް އަމުރު ކުރައްވަން ހުންނަވާނީ ހޯމް މިނިސްޓަރު،" ފެބްރުއަރީ 7 ގައި ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ ފަސީހު ވިދާޅުވި އެވެ.

ފަސީހު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވިއިރު އޭނާއާ މެދު ފިޔަވަޅު އަޅާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ވަޒީފާގައި ނެތަސް އަބަދުވެސް ފުލުހުންނަށް ހެޔޮ އެދިވަޑައިގަންނަވާނެ ކަމަށާއި އެ މީހުންނަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގައި އުޅުއްވި އިރު ވެސް އެންމެ އިސްކަންދެއްވީ އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ.

"އެހެންވީމާ އެއްވެސް ހާލެއްގައި ފުލުހުންނަށް ދެރައެއް ލިބޭ ވަގުތުގައި އެކަމަށް ފުރަގަސްދޭނެ މީހެއް ނޫން އަޅުގަނޑަކީ،" ފަސީހު ވިދާޅުވި އެވެ. 

55 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait