ރައީސް ވަހީދު

ސީމެގުގެ އެޖެންޑާގައި މިހާރު ރާއްޖެ ބޭއްވުމުގެ އުޒުރެއް ނެތް: ރައީސް

އަހުމަދު ހަމްދޫން
08 ސެޕްޓެމްބަރ 2012 00:09 25 ކޮމެންޓު
  • ޗައިނާ ދަތުރުފުޅަށް ފަހު ރައީސް ވަހީދު މިރޭ މާލެ ވަޑައިގެން، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވަނީ. -- ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ނިންމާފައިވާތީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާގައި މިހާރު ރާއްޖެ ބޭއްވުމުގެ އެއްވެސް އުޒުރެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން މީޑިއާއާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ސީމެގްގެ ހުރިހާ ޝަކުވާތަކާ ގުޅިގެން ތަހުގީގުކޮށް ރިޕޯޓް ނެރެފައިވާއިރު މިހާރު ސީމެގްގެ އެޖެންޑާގައި ރާއްޖެ ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް އަވަހަށް ސީމެގުގެ އެޖެންޑާ އިން ދިވެހިރާއްޖެ ނަގާނެ،" އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި ސީމެގްގައި ހިމެނޭ ގައުމުތަކަށް މިހާރުވެސް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ރައީސް ވިދާޅުވި ގޮތުގައި ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނީ ވެސް އެތަނުގެ އުސޫލުތަކާ ހިލާފަށެވެ.

ރައީސް ވިދާޅުވީ ކޮމަންވެލްތުގެ ހާއްސަ މަންދޫބު ޑޮނަލްޑް މެނިނަންއާ އެކު ރާއްޖެ އިން ކުރި މަސައްކަތުގެ ނަތީޖާ ވެސް މިހާރު ފެނިފައިވާ ކަމަށެވެ. އަދި މެކިނަން ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވާއިރު ސީމެގްގެ އެޖެންޑާ އިން ނެގޭތޯ މަސައްކަތް ކުރެއްވުމަށް އޭނާގެ އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ދެން ގަބޫލެއް ނުކުރެވޭ މާ ގިނަ ދުވަހަކު ސީމެގްގެ ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމާ މެދު ގޮތެއް ނިންމާނީ އަންނަ އަންގާރަ ދުވަހު ބާއްވާ އެ ޖަމާއަތުގެ ގައުމުތަކުގެ އިސް ބޭފުޅުންގެ މެދުގައި ބާއްވާ ޓެލެކޮންފަރެންސަކަށް ފަހު ކަމަށްވެ އެވެ.

25 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait