ރާއްޖެ-ޗައިނާ

ޗައިނާގެ އެހީ 500 މިލިއަން ޑޮލަރާ ހަމައަށް ލިމިޓެއް ނުވޭ: ރައީސް

އަހުމަދު ހަމްދޫން
08 ސެޕްޓެމްބަރ 2012 00:33 8 ކޮމެންޓު
  • ރައީސް މުހައްމަދު ވަހީދު މިރޭ މާލެ ވަޑައިގެން، އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ޗައިނާ އިން 500 މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ލިބޭނެ ކަމަށް ވިދާޅުވި. -- ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

ޗައިނާ އިން ރާއްޖެ އަށް ދޭ ލޯނު އެހީގެ އަދަދު 500 މިލިއަން ޑޮލަރާ ހިސާބަށް ލިމިޓް ނުވާ ކަމަށާއި ރާއްޖެ އަށް ބޭނުންވާ ހުރިހާ އެހީއެއް ވެސް ދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށް އެ ގައުމުގެ އިސްވެރިން ވިދާޅުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ދަށުން އެ ގައުމުން ރާއްޖެ އަށް ދޭ 100 މިލިއަން ޔުއާންގެ އެހީ އާއި ޗައިނާގެ އެގްޒިމް ބޭންކުން 150 މިލިއަން ޑޮލަރުގެ އެހީ ދިނުމުގެ ފްރޭމް ވޯކް އެގްރީމަންޓެއްގައި ރާއްޖެ އިން ސޮއިކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދަތުރުފަތުރާ ގުޅޭ އެހީތަކާއި މަގު ހެދުމާއި ޝިޕިންއާ ގުޅޭ އެހީތައް ރާއްޖެ އަށް ދެއްވާނެ ކަމަށް ޗައިނާގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް އެކަމާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުނުހާ އަވަހަކަށް އިތުރު އެހީ ވެސް ލިބޭނެ ކަމުގެ އުންމީދު އަޅުގަނޑު ކުރަމުން މި ގެންދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗައިނާގެ ބައެއް ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ބަނދަރު ހެދުން ފަދަ ކަންކަމަށް އެ ގައުމުގެ ކުންފުނިތަކުން ޝައުގުވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރަށް ތާއީދުކުރާ ކަމަށް އެންމެ ފުރަތަމަ ވެސް ބުނި ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު ޗައިނާގެ އިސްވެރިންނަށް ދެއްވި ކަމަށާއި އެ ގައުމުގެ ކަންބޮޑުވުމެއް މިހާތަނަކަށް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދިވެހި ސަރުކާރަށް ފުރިހަމަ އިތުބާރާއި ތާއީދު އެބައޮތް ކަމަށް ޗައިނާގެ ބޮޑުވަޒީރު އަޅުގަނޑުގެ ކައިރީގައި ވިދާޅުވެފައި ވަނީ،" ރައީސް ވިދާޅުވި އެވެ.

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait